ތިންވަނަ ޑިވިޝަން ފުޓްބޯޅަ

41 ޓީމާ އެކު ހޯމަ ދުވަހު މުބާރާތް ފަށަނީ

ހަސަން ޝިފާން
13 އޮކްޓޯބަރ 2011 14:52
  • އެފްއޭއެމްގައި ބުރާސްފަތި ދުވަހު ހެނދުނު އޮތް ތިން ވަނަ ޑިވިޝަންގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޓީމެއްގެ އޮފިޝަލަކު ކަރުދާސްކޮޅު ދައްކާލަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ސާޅީސް އެއް ޓީމާ އެކު މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ހަވީރު ބައްދަލުކުރާނީ ކުޑަހުވަދޫ ސްޕޯޓްސް ކްލަބާއި ޔޫއެން ފްރެންޑްސް އެވެ. މި ގޮތަށް ހަމަޖެހުނީ ބުރާސްފަތި ދުވަހު ހެނދުނު އެފްއޭއެމް ހައުސްގައި އޮތް ގުރުނެގުމުގަ އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި 41 ޓީމު ނޮކްއައުޓް އުސޫލުން ވާދަކުރާނެ އެވެ. ދެވަނަ ބުރުން ޖާގަ ލިބޭނީ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށެވެ. ދެވަނަ ބުރުގައި ވާދަކުރާ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލުމަށް ފަހު، ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. ފުރަތަމަ ސެމީގައި ވާދާކުރާނީ ދެ ގުރޫޕްގެ އެއްވަނަ ހޯދާ ދެ ޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ޖެހޭނީ ތިން ވަނަ ސެމީގައި ވާދަކުރާށެވެ. ތިން ވަނަ ސެމީގައި ދެން ވާދަކުރާނީ ގުރޫޕްގެ ދެވަނަ ހޯދާ ދެ ޓީމު ވާދަކުރާ ދެވަނަ ސެމީން މޮޅުވާ ޓީމެވެ. ދެވަނަ ސެމީން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެ އެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޖޭޖޭ ސްޕޯޓްސް ކްލަބެވެ. ތިން ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމަށް ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި