އެޑްވަޓޯރިއަލް

ޤައުމު ބިނާކޮށް އާރާސްތު ކުރުމުގައި ޢުމުރު ދުވަސް

26 އޮކްޓޯބަރ 2011 11:50

އެޑިޓަރުގެ ނޯޓް: މިއީ އެމް. އެން. ޑީ. އެފް އިން ތައްޔާރު ކޮށްފައިވާ ލިޔުމެއް.


އެމް.އެން.ޑީއެފް އޮންލައިން މެގަޒިން
www.diteonline.net/mndf-magazine

[ސިރީބަރިކުސަލޯކަ މަހާރަދުން] އަޅުއްވައިދެއްވި ހަރުދަނާ ބިންގަލުގެ މަތީގައި މިމުއައްސަސާ ވޫޖޫދަށްއައިސް، ޤައުމީ ޚިދުމަތުގައި ހަރަކާތްތެރިވާންފެށީ ވަރަށްވެސް ހަނިދާއިރާއެއްގައޭ ދެންނެވިދާނެއެވެ. ހަމައެކަނި ކީރިތި މަހާރަދުންގެ ޢިއްޒަތް ފުރިހަމަކުރުމުގެ ގޮތުން އަރިހުގައި ސަފުހަދައިގެން ފައިއެއްވަރުކޮށް ހިނގާލުމުން އެއިރު ފުދެއެވެ.

ޒަމާނުގެ ފުރޮޅުތައް އޭގެ ޒާތުގައި ޖަހަމުންދިޔަ ބުރުތަކާއެކު ސިފައިންގެ ކުޅަދާނަ މާލިމީންކަމުގައިވާ ކޮމާންޑަރުންގެ މަތިވެރި އިރުޝާދުގެ އަލީގައި ސިފައިންގެ ތެރޭގައި ޤައުމަށް ޚިދުމަތް ކުރުމުގެ މަތިވެރި ރޫޙު އަށަގަނެ، އެގޮތުގެ މަތީގައި މަސައްކަތް ކުރިއަށް ދާންފެށިއެވެ. ނަތީޖާއަކަށްވީ، ސިފައިންނަކީ ހަމައެކަނި "ސަލާމަތީ" ބައެއްގެ ގޮތުގައި ނުވަތަ "ދިފާޢީ ބާރެއް"ގެ ގޮތުގައި ތިބެ ހަމައެކަނި ހަތިޔާރު އުފުލާބަޔަކަށްވުރެ ބޮޑަށް، ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ދައުލަތަށް މަދަދުދޭ ބަޔަކަށްވެ، ސިފައިންނާމެދު ރައްޔިތުންގެ ހިތުގައި އޮތް ޔަޤީންކަން އިތުރުވެގެން ދިއުމެވެ. މިއަދުގެ ދިވެހި ޢަޝްކަރިއްޔާ ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ ނިޒާމެއް ކުރިއަށްވުރެންވެސް ބޮޑަށް މިހާރުމިވަނީ ޤާއިމްކުރެވިފައެވެ. ރާއްޖޭގައި ހިނގާ އިޖުތިމާޢީ ކަންކަމުގައި ސިފައިންގެ ދައުރުމިވަނީ އެތައްގުނައަކަށް އިތުރުވެފައެވެ.

ތާރީޚީ އެކިއެކި ޙާދިސާތަކަށް ނަޒަރު ހިންގާލާއިރު 1923 ގައި ރާއްޖެއަށް ކުރިމަތިވި ބޮޑުރޯގާގެ ދުވަސްވަރު މާލޭގައި ސިފައިން ޙަރަކާތްތެރިވެފައިވާއިރު، 1924 ގައި ރާއްޖެއަށް ކުރިމަތިވި ބޮޑުވިއްސާރައިގައި މާލޭގެ ބައެއްގޭގޭ ފުރާޅު ވަޔާ އެއްލާލުމުން އެފަދަ މީހުންނަށް ސިފައިންނާއި ޖައްރާފާ މީހުންގޮސް އެހީތެރިވެދިންކަން ތާރީޚުހެކިދެއެވެ. އަދި 1959 ގައި މާލެއަށް ކުރިމަތިވި ބޮޑުރޯގާ. އާދެ! [އިންފުލުއެންޒާ] ގެ ރޯގާއަކީ މާލޭގެ ރައްޔިތުންގެ ތެރެއިން 9000 މީހަކަށް އެރޯގާޖެހި ސަރުކާރުވެސް 9 ދުވަހަށް ބަންދު ކުރަންޖެހުނު ބޮޑު ރޯގާއެކެވެ. މިރޯގާގެ ސަބަބުން ބަލިވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިފައިން ޙަރަކާތްތެރިވެފައި ވެއެވެ. މުނިސިޕަލްކައުންސިލްއިން އަންގަވާގޮތެއްގެ މަތިން ގޭގެއަށް ބަތްޕެން ބަހައިދިނުމާއި މިނޫންވެސް ގިނަ ކަންތައްތަކެއްގައި ސިފައިން ޙަރަކާތްތެރިވެފައިވެއެވެ. މިދެންނެވުނީ މިހާރުގެ ގޮތުންނަމަ، ނޭޝަނަލް އިމަޖެންސީތަކުގައި އެޒަމާނުގައި ސިފައިން އަދާކުރަމުން އައި ބައެއް ދައުރެވެ.


1960 ވަނައަހަރު އޭޕްރިލް މަހުގެ 4 ގައި ސަރވޭކުރަންފެށި ހުޅުލޭ އެއަރޕޯރޓް ހެދުމުގެ މަސައްކަތަކީ ދިވެހިން ކުރި ވަރަށް ބުރަ މަސައްކަތެކެވެ. މިމަސައްކަތުގައި ސިފައިން ދެދަންފަޅިއަކަށް ބެހިގެން ކުރަމުން ދިޔަ މަސައްކަތުގައި ސިފައިންގެ ހުރި ޤައުމީ ރޫޙާ ޤައުމީ ޖޯޝް ކިތަންމެހާވެސް "ޗާލު"ކޮށް ދިވެހި ރައްޔިތުންނަށްވާނީ ފެނިފައެވެ. މިއީ، ޤައުމު އާރާސްތުކުރުމުގެ މަސައްކަތުގައި ވަރަށް ފުޅާދާއިރާއެއްގައި ސިފައިންގެ ބައިވެރިވުންހިމެނޭ ކަމެއްކަމުގައި ބުނެވިދާނެއެވެ. އޭގެފަހުންވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީކުރި އެއަރޕޯރޓްތަކުގެ މަސައްކަތްތައް ހިނގަމުންދިޔަ އިރު ސިފައިން ބައިވެރިވެފައިވެއެވެ.

ފަހުގެތާރީޚުގައި ކުރެވިފައިވާ އިޖުތިމާޢީ ބޮޑެތި ޚިދުމަތްތަކަށްބަލާއިރު 1979 ވަނައަހަރު މާލޭގެ ބިންހިއްކުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެގޮތުން ސިފައިން ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގައި ހުރިހާސިފައިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ. ޖަހާލެވުނު ވެލިފުނީގެ ބޮޑުކަމުން ލަވަކިޔާ އަތްޖަހާފައި ސިފައިންގެއަ އައީ ޤައުމަށް ކޮށްދެވުނު ބޮޑު ބުރަ މަސައްކަތެއްގައި ފަޚުރުވެރި ކާމިޔާބީއެއް ޙާސިލުކުރެވުނުކަމުގެ އުފަލުގައެވެ. ދައްކައިދެނީ ސިފައިންގެ ޤައުމީރޫޙާ ޤައުމީ ޖޯޝްހުރިމިންވަރެވެ. މިމަސައްކަތް ކުރިއަށް ދަނިކޮށް، ހިތާމަވެރި ޙާދިސާއެއް ހިނގާފައިވެއެވެ. ވެލިއަރުވައިގެން އައިބަނޑު ގަދަރާޅުތަކެއްގައިޖެހި ވެލިބަނޑު އަޑިއަށް ފެތުނުއިރު ސިފައިންގެ 6 ބޭކަލަކުކުވަނީ ކަނޑަށް ޣަރަގުވެ ޝަހީދު ވެފައެވެ. މިޙާދިސާގެ ސަބަބުންވެސް، ސިފައިން ޤައުމުގެ ޢުމްރާނީ ތަރައްޤީއަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައެއް ނުވެއެވެ.


އޭގެ ފަހަށް ބަލާލާއިރު، އިސްލާމީ މަރުކަޒު ހުޅުވަންވެގެން ކުރި މަސައްކަތާއި، 1987 އޭޕްރިލް މަހު ރާއްޖެއަށް ކުރިމަތިވި ބޮޑުރާޅު އެރުމުގެ ޙާދިސާގައި މާލޭގެ ދެކުނުފަރާތުގެ ގިނަގެތަކަށް ގެއްލުން ލިބުމާގުޅިގެން އެގެތަކުގެ މީހުން ރައްކާތެރިސަރަޙައްދުތަކަށް ބަދަލުކުރުމަށާއި، ހަލާކުވިގެތައް މަރާމާތު ކުރުމުގައާއި، އެޙާދިސާގެ ތެރޭގައި މާލޭގައި ބޭރަށް ހިންގުން އިތުރުވެ ސެންޓްރަލް ހޮސްޕިޓަލް ފުރިގެން ކުއްލިގޮތަކަށް ހޮސްޕިޓަލްގެ ދެކުނުފަރާތުގައި ހަދަންފަށާފައި ހުރި ޢިމާރާތުގައި ވަގުތީ ވޯޑުތަކެއް ހެދުންވެސް މިއީ، ސިފައިންކޮށްފައިވާ ވަރަށް ބުރަ އަދި ބޮޑެތި މަސައްކަތްތަކެކެވެ.

ވިއްސާރަ މޫސުން ތަކުގައި މާލޭގެ އަޑިގުޑަން މަގުތަކުގައި ފެންހެދި މީހުންނަށް ހިނގާބިނގާވެ ނޫޅެވޭވަރު ވުމުން އެމަގުތައް ހަދާދިނުމުގެ ގޮތުން ސިފައިންނުކުމެ އެކިފަހަރުމަތިން އުދައްޔާ ފަކީރާހިފައިގެން ނުކުމެ މަގުހައިދެނީ އަކީ މަދެއްކޮށް ނޫނެވެ.
މާލޭގެ މަގުތައް ރަގަޅު ފެންވަރަކަށް ހަދަންވެގެން ސަރުކާރުން ފެއްޓެވިމަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 1988 ވަނައަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިސިފައިން އަކިރި ހަދިޔާ ކުރުމުގައި ސިފައިން ހުރިހާ ދަރަޖައެއްގެ ހުރިހާ ފަންތިއެއްގެ އަދި ހުރިހާ ގިންތިއަކުން ފޯރީއާއެކު ބައިވެރިވެފައި ވެއެވެ.

ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން 1992 ގައި ފާހަގަ ކުރުމުގެ ގޮތުން ކ.ތުލުސްދޫގައި ސިއްޙީމަރުކަޒަކާއި ކ.ހުރާގައި މަސްވެރިންގެ ހިޔާ ހެދުމާއި، އަދި މާލޭގައި ކުޑަކުދިންނަށް ޕާކެއް ހަދައިދިނުން ވެގެންދިޔައީ ސިފައިންކޮށްފައިވާ އިޖްތިމާޢީ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެކެވެ.
ހިންމަފުށީ ޖަލަށް ލިބުނުގެއްލުންތަކަށްފަހު އެތަނުގައި މީހުން ތިބުމަށް ދަތިވެގެން މަފުށީގައި ސިފައިންގެ މަސައްކަތުން ޖަލެއްހަދައި އެތަނަށް ޤައިދީން ބަދަލުކުރުމާއި އޭގެ ފަހުން 2009 އޮކްޓޯބަރުގައި އެޖަލަށް ލިބުނު ގެއްލުންތަކާ ގުޅިގެން އައްޑޫ އަތޮޅު ގަމުގައި ވަގުތީޖަލެއް އެމް.އެން.ޑީ.އެފް ސަދަން އޭރިޔާގެފަރާތުން ތައްޔާރުކޮށް އެތަނުގައި ޤައިދީން ބެލެހެއްޓުމުގެ މަސައްކަތް ސިފައިންކޮށްފައިވެއެވެ. މީގެ އިތުރުން، ޤައިދީންގެ ތެރެއިން މުޖުތަމަޢުއަށް ނެރެވެންތިބި މީހުން ދޫކޮށްލުމުގެކުރިން ބަންދުކުރާ ލުއިޖަލެއް ހެދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް އާއި ޙަވާލު ކުރެއްވުމުން އެމަސައްކަތް މިލިޓްރީ އިންޖިނިއަރުންގެ ބެލުމުގެދަށުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަލެވުނެވެ.

ރާއްޖެ ތެރެއިން ގެންނަ ތަކެތި ވިއްކުމަށް ، ލޯކަލް މާކެޓާއި ދަތުރުވެތިންގެ މާރުކޭޓު ތިންފަހަރެއްގެ މަތިން ތައްޔާރުކޮށްދެވިފައިވެއެވެ. ރައްޔިތުންގެ އެތައްބަޔަކަށް މިތަންތަނުގެ ފަސޭހަކަން ލިބިގެންދިޔަކަމީ، މިމަސައްކަތުން ސިފައިނެންލިބޭ އެއްމެ ބޮޑު ހިތްހަމަ ޖެހުނެވެ.


ސުނާމީ ކާރިސާއަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ކުރިމަތިވި އެންމެ ގެއްލުންބޮޑު ބިރުވެރި ކާރިސާއެވެ. މިކާރިސާއާއި ގުޅިގެން، އިމަޖެންސީ ފަސްޓް ރެސްޕޮންސަށްފަހުވެސް، ރިކަވަރީ އަދި ރީކޮންސްޓްރަކްޝަން ފޭސްގައި ނިންޖެއް އަރާމެއްނެތި، ސިފައިންކޮށްފައިވާ ބުރަ، އަދި ބަރު މަސައްކަތްތަކަކީ، އެމަންޒަރު ލޮލުންދުށް ބައެއްމީހުންގެ ލޮލުން ކަރުނަ ފާއްދާލި ބޮޑެތި މަސައްކަތްތަކެކެވެ. ޤައުމާއި ރައްޔިތުންނަށްޓަކައެވެ. އެންމެންގެ ހެވާއި ލާބައަށްޓަކައެވެ. ޤައުމު އާރާސްތުކުރުމަށެވެ. ދިވެހިންނަށް ދިވެހިންގެ ބިމުގައި އުފަލުގައި އުޅެވޭނެގޮތްތައް ހޯދާދިނުމަށެވެ. ވިސްސިވިހާލިވި ޢާއިލާތައް އެއްފަސްކޮށް އެއްތަންކުރުމަށެވެ. ޤައުމުގެ ޅަދަރިންނަށް ގެއްލެމުންދިޔަ ތަޢުލީމް ހޯދޭނެގޮތްތައް ފަހިކުރުމަށެވެ. ވިލުފުށި، ކަނދޮޅުދޫ، ދުވާފަރު، މިހެންގޮސް ނަންހުސްކޮށް މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެކިރައްރަށުގައި އެކިމިންވަރަށް ބުރަމަސައްކަތްތަކެއް ސިފައިން ކޮށްފައިވާއިރު، އެހެންމީހުން ކުރަނީ ކީއްތޯ ސިފައިން ނުބަލައެވެ. އެހެންމީހަކު އެހީއެއްވެދޭތޯ މަޑުކޮށްގެންނެއް ނުތިބެއެވެ. ސިފައިން މުޅިންވެސް ބެލީ ތިމާއަށް ޤައުމަށް ކޮށްދެވެނީ ކޮންކަމެއްތޯއެވެ. އެއަށްފަހުވެސް، [އޮޕަރޭޝަން އެއްފަސް ހ.ދ. 2011] ގެ ނަމުގައި ހިންގުނު އެއްފަސްކުރުމުގެ ޕްރޮގްރާމާއި، ދުވާފަރުގެ އެއްފަރާތް ގިރަމުންދާތީ، ބޮޑެތި ޖަމްބޯ ބޭގް ބޭނުންކޮށްގެން އެސަރަޙައްދު މަރާމާތުކުރުން ވެގެންދިޔައީ، ފަހަކަށްއައިސް ސިފައިން ކުރި ފާހަގަކޮށްލެވޭ އިންޖިނިއަރިންގ މަސައްކަތްތަކަކަށެވެ. އަދި ދުވާފަރުގެ 40 ކިލޯމީޓަރގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ސިފައިންނާ ޙަވާލު ކުރެއްވުމުން އެމަސައްކަތް ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ސިފައިންރޭދުވާ މަގުން ކޮށްފައިވެއެވެ.

މިއަދު އަނެއްކާވެސް މިއޮތީ ޤައުމީ ޚިދުމަތަށް ސިފައިންނަށް ގޮވާލެވިފައެވެ. 17 ވަނަ ސާރކް ސަމިޓް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހުމުން، އައްޑު އަތޮޅުގައި ދިވެހި ސިފައިން ރެއާއި ދުވާލު ހުއްޓުމެއްނެތި މިހާރު އެކުރަމުންދާ ބުރަ މަސައްކަތަކީ ހަމަޔަޤީނުންވެސް ދިވެހި ތާރީޚުގައި ރަންއަކުރުން ލިޔެވޭނެފަދަ، ތަޢުރީފް ޙައްޤު މަސައްކަތްތަކެކެވެ. ސިފައިންގެ ހުރިހާ ޔުނިޓެއްގެ ސިފައިންވެސް ހިމެނޭގޮތަށް، އެހެންނަމަވެސް، އެމް.އެން.ޑީ.އެފް ކޯރ އޮފް އިންޖިނިއަރސް އާއި އެމް.އެން.ޑީ.އެފް ސަދަން އޭރިއާ އިސްދައުރެއް އަދާކުރާގޮތަށް ކުރެވޭ މިމަސައްކަތުގައި ސިފައިން ދައްކުވައިދެމުންދާ ޤައުމީ ޚިދުމަތުގެ ލާމަސީލު ނަމޫނާއަކީ ސިފައިންގެ ކޮންމެމީހެއްވެސް ފަޚުރުވެރިވުން ޙައްޤު މަސައްކަތްތަކެކެވެ. ސާރކް ސަމިޓް އެކަންޏެއް ނޫނެވެ. އެއަތޮޅުގައި މުޅިން އައު ސިޓީއެއް ބިނާކުރުމުގެ ބުރަ މަސައްކަތެވެ.

މީގެ ތެރޭގައި ކޮންވެންޝަން ސެންޓަރގެ މަސައްކަތްތަކުގައި ސިފައިން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރެވެއެވެ. ހިތަދޫގެ މަގުތައް ހެދުމާއި ނަރުދަމާތައް އެޅުމުގައި އެމަސައްކަތް އަވަހަށް ނިންމުމަށް ސިފައިންގެ ފަރާތުން ދެމުންދާ އެއްމެ މަތީދަރަޖައިގެ އެހީތެރިކަމުގެ ސަބަބުން އެމަސައްކަތުގެ ސްޕީޑު ވަނީ އެތައް ގުނައަކަށް ހަލުއި ވެފައެވެ. ސިފައިން ގަމުން ފެށިގެން ހިތަދޫއަށް ލިންކް ރޯޑްގެ ރަށާވީ ފަޅީގަ ހުރި ގެތަކުގެ ފާރުތައް ރޭނުން، ސިމެންތިޖަހުން، ކުލަލުން، މަގުތައް ރީތިކުރުން، މިހެންގޮސް ނުކުރާކަށް މަސައްކަތެއްނެތެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮންވެންޝަން ސެންޓަރގެ މަސައްކަތެވެ. ވަކިން ޚާއްޞަކޮށް އެތަނުގެ ލޭންޑް ސްކޭޕިންގ އާއި "އާރޓިފިޝަލް އައިލެންޑް"ތައް ހެދުމާއި މަގުތައް ހެދުމެވެ.

ސާރކް ސަމިޓާގުޅިގެން ކުރެވޭ ޢުމްރާނީ ތަރައްޤީގެ ބުރަ މަސައްކަތްތަކުގެ ތެރެއިން ސިފައިން ބައިވެރިވެގެންކުރާ މަސައްކަތް ރާވާ ހިންގެވުމުގައި އިސްދައުރެއް އަދާކުރައްވަމުންގެންދަވަނީ އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ އާއި ކޯރ އޮފް އިންޖނިއަރސްގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ނަޝީދު އެވެ. މިމަސައްކަތަކީ ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު ސިފައިން ކޮށްފައިވާ އެންމެ ބޮޑު އެންމެ ބުރަ އެންމެ މުހިންމު އެއްމަސައްކަތް ކަމުގައި ވާއިރު މިކަމުން އެގި ހާމަވެގެންދަނީ ސިފައިންނަކީ މިޤައުމާ ރައްޔިތުންގެ ޙައްޤުގައި ޤުރުބާން ވާން ތައްޔާރަށް ތިބި ބައެއްކަމެވެ. ސިފައިންގެ ލަވައިގައި ބުނާފަދައިން ޤައުމީ ޚިދުމަތަށް ގޮވާލެވޭ ކޮންމެ ދަނޑިވަޅެއްގައި ފެނިގެންދާނީ، އިސްނާގާ ކުރިއަށް ދާނީސިފައިންނޭ ކިޔާ ޚިދުމަތުގައި ފައިތިލަ ސާބިތުކޮށް ތެދުވެރި ނިޔަތެއްގައި ވަރުގަދަ ޢަޒުމެއްގައިދެމިތިބެ ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށް ޤައުމައްޓަކާ ޤުރުބާންވުމީ އުފަލެއްކަމުގައި ދެކިގެން ކުރިޔަށް ހިނގާ ތަނެވެ.

ޤައުމުދެމިއޮތްހާ ދުވަހަކު ޤައުމު ދިފާޢުކުރަންވިޔަސް ޤައުމު ބިނާކުރަން އަދި ރައްޔިތުންގެ ލާބަޔައްޓަކާ ކޮންމެ ޤުރުބާނީއެއް ވާންޖެހުނު ކަމުގައި ވިޔަސް ސިފައިން ފަހަތަކަށް ނުޖެހޭނެއެވެ. ވާރެޔާއަވީގައި ޚިދުމަތުން ފުރާނީއޭބުނެ ސިފައިންގެ ޚިދުމަތުގެ ކަމަރު އިހުނަށްވުރެ ބާރުކޮށްލާ ޤައުމަށް، ރައްޔިތުންނަށް ޚިދުމަދެއްދެވޭތޯ ކޮންމެ ފިޔަވަޅެއްވެސް އަޅާނީ ޤައުމަށް ލާބަހުރި މަގެއްގައި ކުރިޔަށެވެ.

ރެފަރެންސް:
* ހާދިސާ ކަލެންޑަރު
* 14 ވަނަ ސައްތައަށް ބަލާލުމެއް
* ތާރީހުގެ ތެރެއިން ދިވެހި ސިފައިން
* ތަރައްގީގެ ދުވެލި 2008

0 comment