ފުރަތަމަ ފަހަރަށް އެމެރިކާ އަށް މި އައީ މި ގައުމުގެ ޚާރިޖީ ވުޒާރާ އިން އޭޝިއާގެ 19 ނޫސްވެރިއަކަށް ދިން ދައުވަތެއްގަ އެވެ. "ދަ މެނީ ފޭސެސް އޮފް އިސްލާމް އިން އެމެރިކާ"ގެ ނަމުގައި ނިއު ޔޯކް އަށާއި ވޮޝިންގްޓަން އަށް އިންތިޒާމްކޮށްފައިވާ ހަފްތާއެއްގެ ޓުއާގެ ބޭނުމަކީ އެމެރިކާގައި މުސްލިމުންގެ ދިރިއުޅުން ހުރި ގޮތް ބަލައި ރިޕޯޓްކުރުމެވެ.
އެމެރިކާ އަށް އަންނަން ދެ ދުވަހުގެ ދިގު ދަތުރެއްކުރުމަށް ފަހު މި ޕްރޮގްރާމް ހޯމަދުވަހު ނިއު ޔޯކް އިން ފަށައި ފުރަތަމަ 24 ގަޑިއިރު ވެސް ވަރަށް ޝައުގުވެރި ކަންތައްތަކެއް ވަނީ ފެނިފަ އެވެ.
"ދަ މެޓް"ނިއު ޔޯކް ސިޓީގެ ދަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓް ނުވަތަ "ދަ މެޓް" އަކީ ދުނިޔެ އަށް މަޝްހޫރު ސަގާފީ މުއައްސަސާއެކެވެ. މިއީ އެމެރިކާގައި ހުރި އެންމެ މުހިއްމު އާޓް މިއުޒިއަމް ކަމަށް ބުނެވެ އެވެ. މި ތަނުގައި އިސްލާމީ ތާރީޚްގެ 1400 އަހަރު ދައްކުވައިދޭ ޚާއްސަ ގެލެރީތަކެއް 12،000 އައިޓަމާ އެކު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯމަދުވަހު ވަނީ ލިބިފަ އެވެ.
ދަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓް ގައި އިސްލާމީ ތާރީޚް ދައްކުވައިދޭ ޚާއްސަ ގެލެރީތަކެއް ހުޅުވާފައި
ދެ މިލިއަން އަކަފޫޓުގެ ބޮޑުމިނަށް އިމާރާތްކޮށްފައިވާ "ދަ މެޓް"ގައި ދެ މިލިއަނަށް ވުރެ ގިނަ އެއްޗެހި ބަހައްޓާފައިވެ އެވެ. އާއްމު ގޮތެއްގައި ހިލޭ ވަދެވޭ މިއުޒިއަމްގައި އިއްޔެ ހުޅުވި 15 ގެލެރީ އަކީ 50 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަނަށް ގެނައި ކުރިއެރުމެކެވެ.
އަރަބި ގައުމުތަކާއި ތުރުކީ، އިރާން، މެދުތެރޭ އޭޝިއާ އަދި ދެކުނު އޭޝިއާ އިން ތަކެތި ގަނެގެން، އިސްލާމީ ތާރީޚަށް ނިސްބަތްވާ އާޓް އަށް ޚާއްސަ ބޮޑު ޖާގައެއް "ދަ މެޓް" ގައި ތައްޔާރުކުރަން އަށް އަހަރު ދުވަސް ނެގި އެވެ. މި މަސައްކަތް ކުރީ މި އައިޓަމްތައް ނިސްބަތްވާ ސަރަހައްދުތަކުުގެ މާހިރުން މިއުޒިއަމް އަށް އައިސްގެންނެވެ.
9/11 މެމޯރިއަލް ސެޕްޓެމްބަރު 11 މެމޯރިއަލް އަކީ ސެޕްޓެމްބަރު 11، 2001 ގައި ނިއު ޔޯކްގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި އެމެރިކާގެ އިތުރު ދެ ތަނަކަށް ދިން ހަމަލާގައި މަރުވި 3،000 އެއްހާ މީހުންނާއި ފެބްރުއަރީ 1993 ގައި ވޯލް ޓްރޭޑް ސެންޓަރުގައި ބޮން ގޮއްވުމުގެ ސަބަބުން މަރުވި ހަ މީހުންގެ ހަނދާނުގައި ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ.
ވޯލްޑް ޓްރޭޑް ސެންޓަރު ހުރި ސަރަހައްދުގައި ހޯމަދުވަހު މާބޮނޑި ބަހައްޓާފައި.
ޓްވިން ޓަވަރު ކުރިން ހުރި ދެ ތަނުގައި މިހާރު ވަނީ ބޮޑު ދެ ވޯޓަފޯލް ހަދާފަ އެވެ. އެމެރިކާގައި އަމިއްލަ އަށް ހަދާފައިވާ އެންމެ ބޮޑު ވޯޓަފޯލް އަކީ މި އެވެ. ދެ ވޯޓަފޯލްގެ ވަށައިގެން ވަނީ މަރުވި މީހުންގެ ނަންތައް ކަނޑާނަގާފަ އެވެ. އެ މީހުންގެ އާއިލާތަކުގެ އިތުރުން އެތަކެއް ހާސް ޓޫރިސްޓުންނެއް މެމޯރިއަލް އަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރެ އެވެ. އެ ފުރުސަތު ލިބެނީ އެތައް މަހެއް ކުރިން ނަން ނޯޓްކޮށް ކިއޫގައި ޖެހިގެންނެވެ. ތަނަށް މީހުން ވައްދަނީ އެއާޕޯޓްގައި ކުރާ ފަދަ ވަރުގަދަ ސެކިއުރިޓީ ޗެކެއް ކޮށްފަ އެވެ.
މި ތަން ހެދީ މުޅި ދުނިޔެ އަށް ހުޅުވާލި މުބާރާތެއްގައި 63 ގައުމަކަން 5،200 އަށް ވުރެ ގިނަ ޑިޒައިން ހުށަހެޅުމުން އޭގެ ތެރެއިން ހޮވާލި ޑިޒައިނަކާ އެއްގޮތަކަށެވެ. މެމޯރިއަލް ހުޅުވީ 9/11 ހަމަލާ އަށް މިދިޔަ މަހު 10 އަހަރު ފުރުމާ ދިމާކޮށެވެ. އެކަމަކު މިހާ ގިނަ ދުވަސް ފަހުން ވެސް، ހޯމަދުވަހު އެ ތަނަށް ވަތް އެމެރިކާ މީހުންގެ މޫނުމަތިން ހިތާމައިގެ އަސަރެއް ނުފިލަ އެވެ.
ސެޕްޓެމްބަރު 11 މެމޯރިއަލް ވަށައިގެން އުސް ހަތް އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އޮކިއުޕައީ ވޯލް ސްޓްރީޓްހަރަދު ކުޑަކުރުމަށް ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ނުކުމެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް މިހާރު އެކި ގައުމުތަކުގައި ކުރަމުންދާ "އޮކިއުޕައީ ވޯލް ސްޓްރީޓް" މުޒާހަރާ ހޯމަދުވަހު ވެސް ނިއު ޔޯކްގައި އޮތެވެ.
ވޯލް ސްޓްރީޓް ކައިރީގައި އޮންނަ ޕާކެއްގައި ކޭމްޕް ޖަހައިގެން ތަފާތު ގޮތްގޮތަށް ޝުއޫރުފާޅުކުރަން ތިބި މީހުންގެ އަދަދު ގިނައެއް ނޫނެވެ. އެކަމަކު އޯޓަމްގެ ފިންޏަކުން އެ މީހުންގެ ރޫހު ކުޑައެއް ނުވެ އެވެ. ބެރުޖެހުމާއި ތަފާތު ލިޔުންތައް އުފުލައިގެން ތިބެ އެކި ހަރަކާތްތައް ބާއްވަމުން ދިޔަ އިރު އެ ސަރަހައްދުގައި ފުލުހުން ވެސް ތިއްބެވެ.
މުޒާހަރާގައި ބައިވެރިވެގެން އިން ޒުވާނަކު ބުނީ އިގްތިސާދީ މައްސަލަގަނޑާ ހެދި އޭނާ އަށް ވަޒީފާއެއް ނުލިބި ފަގީރުވެފައިވާ ކަމަށެވެ. އަދި ދަރިއެއް ލިބެން އުޅޭ އިރު ކާންބޯނެ ގޮތެއް ނެތް ކަމަށާއި އެންމެ ކުޑަމިނުން ކުރިއަށް އޮތް ފިނިމޫސުމުގައި ލާނެ ޖެކެޓެއް ވެސް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.
ފުޅިއެއްގެ މަތި ނަގައިގެން އޭނާ އިނީ މަގުމަތިން ދާ މީހުން ކައިރިން ސަލާން ޖަހާށެވެ. ފުޅީގައި ގިނަ އަދަދަކަށް ފައިސާ ހުއްޓެވެ.
އޮކިއުޕައީ ވޯލް ސްޓްރީޓް މުޒާހަރާ ހޯމަދުވަހު ނިއު ޔޯކްގެ ޕާކެއްގައި ބާއްވަނީ.
އޭނާއާ ޖެހިގެން ހުރީ ޓައްޕެއް ބަންޑުން ބާއްވައިގެން ބެރު ޖަހަން ހުރި ޒުވާނެެކެވެ. ކައިރީގައި ބަހައްޓާފައި ހުރި ލިޔުމުގައި ބުނެފައި ވަނީ އަސްލު ބެރެއް ގަންނަން ފައިސާއެއް ނެތް ކަމަށެވެ. އެހެންވެ އޭނާ ވެސް ސަލާން ޖަހަނީ އެވެ.
މި ދުވަސްވަރު ދުވާލުގެ ފިނިހޫނުމިން އާއްމުކޮށް 16 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ހުރި ނިއު ޔޯކް ފިންޏަސް ވަރަށް ހިތްގައިމެވެ. އޯޓަމްއާ އެކު ގަސްތަކުގެ ފަތްތައް ވަނީ ދޮންވާން ފަށާފަ އެވެ. އާކިޓެކްޗާ މުއްސަނދި އުސް އިމާރާތްތަކުގެ ނަލަކަން ހުރިހާ ދިމާލަކުން ވެސް ފެނެ އެވެ.
2 comments