އާސިޔަތުގެ ބްލޮގް

ނިއު ޔޯކް ޑައިރީ

27 އޮކްޓޯބަރ 2011 15:40 9 ކޮމެންޓު
  • ނިއު ޔޯކްގައި ހުންނަ ޔޫއެން ބިލްޑިން

  • އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އޮފީހެއް ކަަމަށްވާ ފޮރިން ޕްރެސް ސެންޓަރުގެ މަތިން އީސްޓް ރިވާގެ ވިއު

  • ޓައިމްސް ސްކްއާގައި އާންސްޓް އެންޑް ޔަންގް ބިލްޑިން

  • ޓައިމްސް ސްކްއާ ސަރަހައްދުގައި ދެ ޒުވާނަކު މަޑުކޮށްލައިގެން

  • ޓައިމްސް ސްކްއާގައި އެންވައިޕީޑީގެ ކާރުތައް

  • ޓެކްސީއެއްގެ ތެރޭގައި ނަގާފައިވާ މި ފޮޓޯގެ ކަނާތްފަރާތުގައި ކްރައިސްލާ ބިލްޑިން

  • އޯޓަމްގައި ނިއު ޔޯކްގެ ގަސްތައް ދޮންވެފައި

  • އީސްޓް ރިވާ ކައިރީ ހެނދުނު ވަގުތު ކުޑަކުއްޖަކު އިށީނދެގެން އިން އިރު ކަސްރަތުކުރާ މީހަކު ދުވެފައި ދަނީ

އެމެރިކާ އަށް އައުމަކީ ވަރަށް ކުރިންސުރެ ވެސް ވަރަށް ބޮޑު ހުވަފެނެކެވެ. އެކަން ހަގީގަތަކަށް ވުމުގެ އުފާ، ނުބުންޏަސް ވިސްނާލާށެވެ.

ހަގީގަތުގައި އެމެރިކާގެ ދިރިއުޅުން ބަލައިލަން ޝައުގުވެރިވީ ފިލްމާއި ޓީވީ ޝޯތައް ވަރަށް ގިނައިން ބަލާތީ އެވެ. ތަންތަނާއި މީހުންގެ އުޅުން ހަމަލޮލުން ބަލައިލަން ވަރަށް ބޭނުންވި އެވެ. އެހެން މީހުންނަށް މިހެން ވާ ކަމެއް ނޭނގެ އެވެ.

ޚާއްސަކޮށް، "ފްރެންޑްސް" ސީރީޒް އެތައް ފަހަރަކު ބެލުމުން ނިއު ޔޯކް ސިޓީ އަށް ވަރަށް ބޮޑަށް ހިތްޖެހުނެވެ. މިއީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކައަކަށް ވެސް ވެދާނެ އެވެ. އެކަމަކު "ފްރެންޑްސް" ގައި ދައްކާ ނިއު ޔޯކް ލައިފް ހަގީގަތުގައި ވެސް އޮންނަނީ އެހެންތޯ ބަލައިލަން އަބަދުވެސް ހުރީ ބޭނުންވެފަ އެވެ.

މިހާރު ނިއު ޔޯކްގެ ދިރިއުޅުން ކޮންމެވެސް ވަރަކަށް ފެނިއްޖެ އެވެ. "ފްރެންޑްސް"ގެ ފޭނުންނަށް އިތުރު ތަފްސީލެއް ބޭނުމެއް ނުވާނެ އެވެ. ޝޯ އާއި ހަގީގަތާ އެއްވެސް ތަފާތެއް ނެތެވެ. އިމާރާތްތަކާއި މަގުތަކާއި އެޕާޓްމެންޓްތަކާއި މީހުންނާއި އާއްމު ތަންތަނުގައި ދިމާވާ ކުދިކުދި ހާދިސާތައް ވެސް ހަމަ އެކައްޗެކެވެ.

ނޫސްވެރިންނަށް އެމެރިކާ ސަރުކާރުން ދިން ދައުވަތެއްގައި އައިސް ރަސްމީ ޕްރޮގްރާމްތަކުގައި އަވަދިނެތި އުޅެން ޖެހޭތީ މާ ގިނަ ތަންތާކަށް ނުދެވެ އެވެ. އެކަމަކު މެންހެޓްންގައި ރޭގަނޑު ހިނގާލަން ޗާންސެއް ލިބުނެވެ. ގްރޫޕްގެ ބައެއް މީހުން ވަރަށް އަވަސް ޝޮޕިންއަކަށް ދާން ނިންމުމުން އެ މީހުންނާ އެއްކޮށް ދިޔައީ އެވެ.

އަހަރެމެން ދިޔައީ މޭސީސް އަށެވެ. ދުނިޔޭގެ އެންމެ ބޮޑު ފިހާރައިގެ ގޮތުގައި އިޝްތިހާރުކުރާ ޑިޕާޓްމެންޓް ސްޓޯގައި ނެތް އެއްޗެއް ނެތެވެ. އެކަމަކު އަހަރެމެންނަށް މާ އަގުބޮޑެވެ. އެހެންވެ ގަޑިއެއްހާ އިރު އެތާ ތެރޭ ހިނގާފައި މަފިންއެއް ގަނެގެން ނިކުތީ އެވެ. އޭރު އެންމެން ތިބީ ވަރަށް ބަނޑުހައިވެފަ އެވެ.

ނަސީބު ވަރަށް ރަނގަޅެވެ. މޭސީސް ކުރިމަތީގައި ކަހަލަ ގޮތަކަށް ގާޑިއަލެއް ހުއްޓެވެ. އަހަރެމެން ނެގީ "ޗިކަން އޯވަ ރައިސް" ގެ ނަން ދީފައިވާ ކެއުމެކެވެ. ގާޑިއަލުގެ ވެރިޔަކީ ޒުވާން ފިރިހެނެކެވެ. އަހަންނަކީ ކޮން ގައުމެއްގެ މީހެއްތޯ އޭނާ ސުވާލުކުރި އެވެ. މި ދަތުރުގައި އެނގުނު ގޮތުގައި މިއީ އެމެރިކާ މީހުން ވަރަށް ނުކުރާ ކަމެކެވެ. ކޮން ގައުމެއްތޯ އަދި ކޮން ދީނެއްތޯ އެހުމަކީ އެ މީހުން ދެކޭގޮތުގައި، އެހެން މީހުންނާ ނުބެހޭ، މާ ޕާސަނަލް ސުވާލުތަކެކެވެ. އަދި ނިއު ޔޯކް ސިޓީގެ "މިކްސް" އާބާދީ އަށް ބަލާ އިރު އެހެން އަހަންޏާ، އަހާއަހާ ހުއްޓާލާނެ ޗާންސެއް ވެސް ނުލިބޭނެ އެވެ. އަށް މިލިއަން މީހުން ދިރިއުޅޭ މި ތަނުގެ އާބާދީ އެކުލެވިގެންވަނީ އެކި ގައުމުތަކާއި އެކި ނަސްލުތަކުގެ ވަރަށް ތަފާތު މީހުންގެ މައްޗަށެވެ. ހާއްސަކޮށް ރެސްޓޯރެންޓްތަކާއި އެ ނޫން ވެސް، ކާބޯތަކެތި ވިއްކާ ތަންތަނުން ގިނައިން ފެންނަނީ އެހެން ގައުމުތަކުން ހިޖުރަކޮށްފައިވާ މީހުންނެވެ.

ގާޑިއާ ހިންގާ ޒުވާނާ ގާތު "މޯލްޑިވްސް"އޭ ބުނުމުން އެއީ ކޮންތަނެއް ކަމެއް ނޭނގުނެވެ. ނިތްކުރި އަށް ރޫތަކެއް އަރުވާފައި އަހަންނާ ދިމާލަށް ބުނީ މިހެންނެވެ؛ "މަ ހީކުރީ ބަންގްލަދޭޝް މީހެއް ކަމަށް."

ޝަކުވާއެއް ނުކޮށް، އޭނާގެ ގައުމަކީ ކޮބައިތޯ އެހުމުން ހަމައެކަނި ބުނި އެއްޗަކީ ތިމަންނަ އައީ ނޯތު އެފްރިކާ އިން ކަމަށެވެ. ހީވާ ގޮތުން އަހަރުތަކެއް ކުރިން އެމެރިކާ އަށް ހިޖުރަކޮށްފައިވާ މީހެކެވެ. އިނގިރޭސިން ރަނގަޅަށް ވާހަކަ ދެއްކިއަސް އެހެން އެކްސެންޓެއް ހުއްޓެވެ.

އޭނާގެ "ޗިކަން އޯވަ ރައިސް"ހާ މީރު އެއްޗެއް މި ތަނުން އަދި ނުކަމެވެ. ހުސް ޖަންކް ފުޑްގެ ދުނިޔެއެއްގައި އުޅެނިކޮށް ބަތްކޮޅަކާއި ކުކުޅުކޮޅެއް ހަދާފައި ދިނުމުން ދުނިޔެ ރަންވި އެވެ. އެކަމަކު އެންމެ ކުޑަ ސައިޒުގެ ފެންފުޅި އަކަށް އެއް ޑޮލަރު ނަގަން އުޅުމުން މައްސަލަ ޖެއްސީމެވެ. އޭނާ ބުނީ އެއީ އަދި އަގުހެޔޮ މިންވަރެއް ކަމަށާއި އާއްމުކޮށް ދޮޅު ޑޮލަރު ނުވަތަ ދެ ޑޮލަރަށް ނޫނީ ފެންފުޅިއެއް ނުލިބޭނެ ކަމަށެވެ. އެއީ ތެދެއްކަން ފަހުން އެނގުނެވެ. މެންހެޓްންގައި ކަން އޮންނާނީ ވެސް އެހެންތާ އެވެ. ހުރިހާ އެއްޗެއް ވެސް ވަރަށް އަގު ބޮޑުކަން ފާހަގަކުރެވުނެވެ.

އަހަރެމެން ދެން ނައްޓާލީ ޓައިމްސް ސްކްއާގައި ހިނގާލާށެވެ. އެތައް ބަޔަކު ޖަމާވާ މަޝްހޫރު ކޮމާޝަލް އޭރިއާގެ ދިއްލުންތައް ވަރަށް ނަލަ އެވެ. މާ ސިންގާ އަކުރުތަކާއި ފޮޓޯތަކުގެ އިޝްތިހާރުތައް އުސް އިމާރާތްތަކުގައި އަބަދުވެސް ދުވެލަދުވެލާ ހުރެ އެވެ.

ނިއު ޔޯކް ސިޓީގެ ރެޕިޑް ޓްރާންސިޓް ސިސްޓަމް، ސަބްވޭގައި ދަތުރުކުރާ މީހުން، ބިމު އަޑި އަށް ހުރި ސިޑިތަކުން އަރާ ފައިބަމުން ދެ އެވެ. ބޮޑެތި އެހެން ސިޓީތަކާ ޚިލާފަށް ނިއު ޔޯކް ސިޓީގައި ގިނަ މީހުން އަމިއްލަ ކާރު ގެންގުޅުމުގެ ބަދަލުގައި ބަރޯސާ ވަނީ ޕަބްލިކް ޓްރާންސްޕޯޓަށެވެ. އެއީ ސަބްވޭ އާއި ބަހެވެ. އޭގެ އިތުރުން ޓެކްސީތަކެވެ.

ކުޑަ ތަންކޮޅަކަށް ދެވުނުތަނާ "ނިއު ޔޯކް" ބްރޭންޑްގެ އެއްޗެހި ވިއްކާ ފިހާރައަކާ ދިމާވި އެވެ. އެ ތަނުން "އައި ހާޓް އެންވައި" ޓީޝާޓަކާއި ސްޓެޗޫ އޮފް ލިބަޓީގެ ކުޑަ ސުވެނިއާ މޮޑެލްއެއް ގަތީމެވެ. އަނެއްކާވެސް ވަރަށް އަގު ބޮޑެވެ. އެކަމަކު އެންމެ އަގު ހެޔޮ އެއްޗެހި ބަލައިގެން ނެގުމުން އެރީ 22 ޑޮލަރެވެ.

އޯޓަމްގެ ފިނިކަން ރޭގަނޑު ވަކިން ގަދަ އެވެ. އެހެންވެ އަހަރެމެން ގަސްދުކުރީ އެނބުރި ހޮޓަލަށް ދާށެވެ. ގައިޑަކަށް ވެގެން އުޅުނީ އަހަރެމެންގެ ގްރޫޕްގެ ވަރަށް ޒުވާން ޖާނަލިސްޓެކެވެ. އޭނާ ދެއްކި މިސްރާބަށް ހިނގަމުން ދަނިކޮށް ކުއްލިއަކަށް ވަރަށް ގިނަ އަދަދަކަށް ފުލުހުން ފެންނަން ފަށައިފި އެވެ. ޓައިމްސް ސްކްއާގެ ބޮޑު ސަރަހަދެއްގައި މަގުގެ ދެ ފަރާތުގައި ޕާކްކޮށްފައި ހުރީ ހުސް އެންވައިޕީޑީގެ ކާރުތަކެވެ. އަވަހަށް ބެލީ އެއިން ކާރެއް ކައިރީގައި ފޮޓޯ ނެގޭތޯ އެވެ. އެންވައިޕީޑީ ދައްކާ ވަރަށް ގިނަ ޑްރާމާތައް ބަލަން ވިއްޔާ އެވެ. މިހާރު ފޭސްބުކް ޕްރޮފައިލްގައި އިންނާނީ އެ ފޮޓޯ އެވެ.

ޓައިމްސް ސްކްއާ އަށް ފުލުހުން ޖަމާވެގެން އުޅުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަހަރެމެންގެ ތެރެއިން އެކަކު ބުނީ މީހަކު މަގުމަތީގައި ބެރު ޖަހާތީ އެކަން ހުއްޓުވަން ކަމަށެވެ. އެކަމަކު އެހާ ބައިވަރު ފުލުހުންނާއި ކާރު ބޭނުންވޭ ހެއްޔެވެ؟ ކޮންމެއަކަސް އެކަމާ އަޅާނުލައި ދޫކޮށްލީ އެވެ.

އަހަރެމެންގެ ގައިޑް ނުބައި މިސްރާބަކަށް ދާ ހެން ހީވާތީ ސުވާލުކުރަން ފަށައިފީމެވެ. އޭނާ އެންމެ ފަހުން އޮޅުންފިލުވަން ފުލުހެއް ކައިރީ އެހިއެވެ. އަދި ފުލުސް މީހާގެ އިޝާރާތާ އެއްގޮތަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި މަގު ހުރަސްކުރަން މަޑުކޮށްލިތަނާ އަހަންނަށް "ވެސްޓް" ސައިންބޯޑް ފާހަގަކުރެވިއްޖެ އެވެ. އަހަރެމެން ތިބި ހިލްޓަން ހޮޓެލް ހުންނަނީ މެންހެޓްން އީސްޓްގަ އެވެ. އެކަމަކު ވެސް ގައިޑް ބެހެއްޓީ ހުޅަނގަށެވެ. އެންވައިޕީޑީގެ އޮފިސަރަށް ފުރިހަމަ އިތުބާރު އޮތީމަ އެވެ.

ވިއްސަކަށް ވަރަކަށް މިނިޓް ވަންދެން ހިނގި އިރު ވެސް ހިލްޓަން ފެންނަ ވަރެއް ނުވި އެވެ. އެކަމަކު މަގު އޮޅުމަކީ ނިއު ޔޯކް ސިޓީގައި ވަރަށް ނުވާނެ ކަމެއް ކަން ސައިންބޯޑްތައް ބަލައިލުމުން އެނގެ އެވެ. ވަރަށް ފަސޭހަ އިން އެނގޭނެ ގޮތަށް މިސްރާބުތައް ދައްކައިދީފައި ހުރެ އެވެ.

އެންމެ ފަހުން ބޮޑު ސިންގާ ދެ ކުއްތާ ގޮވައިގެން ހިނގާލަން ނުކުމެ އުޅުނު މީހަކު ހުއްޓުވައިގެން ސުވާލުކުރި އެވެ. އޭނާ ބުނީ އަހަރެމެން ހިނގަމުން އައީ ދިމާ އިދިކޮޅަށް ކަމަށެވެ. މިސްރާބު ކިޔައިދޭން މަޑުކުރުމުން އޭނާގެ ދެ ކުއްތާ އަރައިގަތް ފޯރީގައި އަޑުގަދަކޮށް ތެޅިފޮޅެން ފެށި ގޮތުން ބިރު ވެސް ގަތެވެ. ބޮޑު ދޭތި އޭނާ އަށް ކޮންޓްރޯލް ކުރެވުނީ ކިރިޔާ އެވެ.

މަގު އޮޅި، ގެއްލުނީ ކަމަށް ރަސްމީކޮށް ނިންމައި ޓެކްސީއެއް ނެގީމެވެ. ފަސް މީހުން އެރުމުން ޑްރައިވަރު ބުނީ ގާނޫނުގައި އޮންނަނީ ހަތަރު މީހުންނަށް ވުރެ އިތުރަށް ނާރުވަން ކަމަށާއި އެކަމަކު ވެސް ވަރިހަމަ ކަމަށެވެ. ޓްރެފިކް ޖޭމްތައް ލައިގެން 10 ވަރަކަށް މިނިޓް ނެގި ދަތުރަށް 10 ޑޮލަރު އެރިކަން މީޓަރުން ފެންނަން ހުއްޓެވެ. ފަހަތު ސީޓުގައި ހުރި ޓީވީ ސްކްރީނަށް ބިލްގެ ތަފްސީލް ވަގުތުން އެރި އެވެ. ކާޑުން ވެސް ފައިސާ ދެއްކިދާނެ އެވެ. އެކަމަކު އަހަރެމެން ދެއްކީ ކޭޝް އެވެ.

ހެނދުނު ހޭލައިގެން ހޮޓަލުން ނިކުތް އިރު ކުރީ ދުވަހަށް ވުރެ ވަކިން ފިނިގަދަ އެވެ. ވިލާތައް ބޯވެފައި މާހައުލު އޮތީ ވަރަށް ފުސްކޮށެވެ. ހިލްޓަން އިން ޗެކްއަޓްކޮށްފައި ލަގެޖްތައް ބޮޑު ބަހަކަށް އަރުވައިގެން އަހަރެމެން ނައްޓާލީ ނިއު ޔޯކްގައި ބާއްވާ އެންމެ ފަހު ޕްރޮގްރާމްތަކަށެވެ. އެއަށް ފަހު ޓުއާގެ ފަހު މަރުހަލާ އަށް ވޮޝިންގްޓަން، ޑީ.ސީ. އަށް އަންނަން ފުރަން ތައްޔާރުވެގެންނެވެ.

ޕްރޮގްރާމްގައި ހިމެނޭ ދެ ބައްދަލުވުމެއް އޮތީ ސްޓޭޓް ޑިޕާޓްމެންޓްގެ ފޮރިން ޕްރެސް ސެންޓަރުގަ އެވެ. އެ ތަނުގެ މަތިން އީސްޓް ރިވާ ވަރަށް ރީއްޗަށް ފެނެ އެވެ. އަދި އެއީ ޔޫއެން ބިލްޑިން ކުރިމައްޗެވެ. ޕްރޮގްރާމްތައް ނިންމާފައި ނުކުމެގެން ބަހަށް އަރަން ދިޔަ އިރު އެ ބިލްޑިން އިން ދިވެހި ދިދަ ހޯދީމެވެ. އަހަންނަށް ފެނުނު ވަގުތު ވަައިރޯޅިއަކާ އެކު ދިދަ ކުޑަކޮށް ވިހުރިލާފައި އަނެއްކާވެސް "މޯޅި" ވެއްޖެ އެވެ. އިތުރަކަށް ނުވިހުރުނެވެ. އެހެންވެ ފޮޓޯ އަށް އަރާ ވަރެއް ނުވި އެވެ. ލަސްވެގެން އުޅޭތީ ޖެހުނީ ދާށެވެ.

މެންހެޓްންގެ މަގުތަކުގެ ދެ ފަރާތުގައިވާ ގަސްތަކުގެ ފަތްތައް ހުރީ މޫސުމާ އެކަށީގެންވާ ގޮތަށް ދޮންވެފަ އެވެ. އެ ވަގުތު ވަކިން އެ ކުލަ ގަދަ ހެން ހީވި އެވެ. އެކަމަކު ރަތްކުލަ އަރާފައި ހުއްޓައެއް ނުފެނެ އެވެ.


ފަތް ދޮންވެފައިވާ މަންޒަރު އެންމެ ޗާލު ވާނީ ސެންޓްރަލް ޕާކްގައި ކަމަށް މީހުން ބުނެ އެވެ.
"ފްރެންޑްސް" ގައި ވެސް ސެންޓްރަލް ޕާކްގެ ވާހަކަ ވަރަށް ގިނައިން ދައްކަ އެވެ. އެކަމަކު ދުވާލު ހުސް ވަގުތެއް ނުލިބޭތީ އެ ތަނަކަށް ނުދެވުނެވެ. ރޭގަނޑު ގޮސްގެން އެ މަންޒަރެއް ނުފެންނާނެތާ އެވެ. އަދި އެއީ ރޭގަނޑު ދާން ރައްކާތެރި ތަނެއް ވެސް ނޫން ކަން ވަނީ އެނގިފަ އެވެ.

ރޭލުގައި ނިއު ޔޯކް އިން ވޮޝިންގްޓަން، ޑީ.ސީ. އަށް ކުރި ތިން ގަޑިއިރުގެ ދަތުރުމަތީގައި ހިތާހިތުން އެކަމާ ވަރަށް ހިތާމަކުރީމެވެ. އެކަމަކު ނިއު ޔޯކް ސިޓީ ކުޑަކޮށް ފެނުމަކީ ވެސް ބޮޑު ކަމެއް ކަމަށް ބަލައިގެން ހިންދިރުވާލީ އެވެ.

9 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait