ޓޫރިޒަމް

ލ.ގަމު އައްސޭރި ޕްރޮޖެކްޓް، ޖޭ ހޮޓެލްސް އަށް 50 އަހަރަށް ދެނީ

އަބްދުﷲ ޖަމީލު
11 އޮކްޓޯބަރ 2011 15:34 9 ކޮމެންޓު
  • ލ. ގަމުގެ ބޮޑު މަގު: މެދު ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ހިންގާ އައްސޭރި ޕްރޮޖެކްޓް މިހާރު ވަނީ ޖޭ ހޮޓެލްސްއާ ހަވާލުކުރަން ނިންމާފައި. --ހަވީރު ފައިލް ފޮޓޯ

ލ. ގަމު އައްސޭރި ޕްރޮޖެކްޓް، ޖޭ ހޮޓެލްސް އެންޑް ރިސޯޓްސްއާ 50 އަހަރަށް ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މެދު ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން އެ ރަށުގައި ހިންގާ އައްސޭރި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލި ފުރުސަތުގައި ތިން ފަރާތަކުން ބައިވެރިވި ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ޖޭ ހޮޓެލްސް އިން އެކަނި ކަމަށެވެ.

"ޖޭ ހޮޓެލްސް އިން ހުށަހަޅާފައިވަނީ ސަރުކާރުން ބޭނުންވާ ކޮންސެޕްޓަށް މުޅި ސަރަހައްދު ތަރައްގީކުރަން. އެހެންވެ އެ ކުންފުންޏާ ހަވާލުކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އަބްދުﷲ ޖާބިރު ހިއްސާވާ، ޖޭ ހޮޓެލްސްއާ އެ ތަން ތަރައްގީކުރަން ހަވާލުކުރަނީ ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާވާ ޖޮއިންޓް ކުންފުންޏެއް އުފެއްދުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ ޖޮއިންޓްވެންޗާ ކުންފުނި އަދި އުފައްދާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ސަރަހައްދެއްގައި 1،500 އެނދު ތަރައްގީކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި، އެ ގޮތުން 300 އެނދުގެ ދެ ހޮޓަލާއި 79 ގެސްޓް ހައުސް އާއި ރެސްޓޯރެންޓްތަކާއި ސްޕާގެ އިތުރުން ކުޅިވަރު ކުޅޭނެ ވަސީލަތްތައް ތަރައްގީކުރުން ހިމެނޭ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދު ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލީ އެ ތަންތަން އެކުގައި ތަރައްގީކޮށް މެނޭޖްކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮއްޔިބު މުހައްމަދު ވަހީދު ކުރިން ވިދާޅުވެފައިވަނީ ޕްރޮޖެކްޓް އެއްކޮށް ތަރައްގީކުރާނެ ބަޔަކު ނުވެއްޖެ ނަމަ ދެ ވަނަ ވިސްނުމަކަށް ގޮސް މި ޕްރޮޖެކްޓްގައި ހިމެނޭ ބައިތައް ވަކިވަކިން ތަރައްގީކުރާނެ ފަރާތްތަކެއް ހޯދުމަށް ހުޅުވާލުމަށް ވެސް މިނިސްޓްރީން ވިސްނާފައިވާ ކަމަށެވެ. ނަމަވެސް އެއީ ޕްލޭން ބީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

9 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait