އެމެރިކާގެ ސަފީރު ޕެޓްރީޝިއާ ބުޓެނިސް ހއ. ދިއްދު އަށް މިއަދު ވަޑައިގެން، އެމެރިކާގެ އެހީގައި މި ރަށުގައި ހިންގާ ތިމާވެއްޓާބެހޭ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.
މި ރަށުގެ އަތިރިމަތީގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ޕެޓްރީޝިއާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ވަރަށް ބޮޑަށް ރާއްޖެ އަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ ހަމައެކަނި އެންމެ ގައުމަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައަށް އެންމެ ގައުމަކުން ހައްލު ހޯދެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުޑަ ގައުމަކަށް ވިޔަސް، ބޮޑު ގައުމަކަށް ވިޔަސް، މުއްސަދި ނުވަތަ ފަގީރު ގައުމަކަށް ވިޔަސް، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވެވޭކަށް ނެތް،" ޕެޓްރީޝިއާ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް މީގެ ކުރިން އެމެރިކާއިން މަސައްކަތް ނުކުރާ މިންވަރަށް ކުރަމުން އަންނަ ކަމަށް ވެސް ޕެޓްރީޝިއާ ވިދާޅުވި އެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ ގައުމުތަކަށް އެހީވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔޫއެސްއެއިޑުން ދިއްދޫ އާއި ޅ. ހިންނަވަރުގައި ހިންގާ ކުނިނައްތާލުމާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއަކީ އެ މަގުސަދުގައި ހިންގާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫއެސްއެއިޑް ހިންގާ ހަތް މިލިއަން ޑޮލަރު ( 108 މިލިއަން ރުފިޔާ) ގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.
އެމެރިކާގެ ސަފީރު ޕެޓްރީޝިއާ ދިއްދު އަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ދިއްދޫ ރައްޔިތުންނެވެ.
ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، އެމެރިކާއިން ރާއްޖެ އަށް ވަމުންދާ އެހީތެރިކަމަށް ޑރ. ޝަކީލާ ޝުކުރު އަދާކުރެއްވެވި އެވެ.
ޕެޓްރީޝިއާގެ ދަތުރުފުޅުގައި ދިއްދޫގެ އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކޮށް މިރަށަށް ކުރިމަތިވެފައިވާ ދަތިތަކާބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވި އެވެ. މި ދަތުރަކީ ޕެޓްރީޝިއާގެ ތިން އަހަރުގެ ސަފީރުކަމުގައި ރާއްޖެ އަށް ކުރައްވާ އެންމެ ފަހު ދަތުރެވެ. މިހާރު އެމެރިކާއިން ވަނީ ސްރީ ލަންކާއަށާއި ރާއްޖެ އަށް އާ ސަފީރަކު ކަނޑައަޅައިފަ އެވެ.

2 comments