ހއ. އިހަވަންދޫ

ހއ. އަތޮޅުގެ ކުރީގެ އިސްވެރިންތަކެއްގެ ކޮރަޕްޝަން މައްސަލަ ޕީޖީ އަށް

ފަޒީނާ އަހުމަދު
29 ޖުލައި 2012 12:57 2 ކޮމެންޓު
  • ހއ. އިހަވަންދޫ އަތިރިމަތީގައި އެ ރަށުގެ ބަޔަކު: އެ ރަށު އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭތީ ދައުވާކުރުމަށް ޕީޖީ އަށް ވަނީ ފޮނުވާފައި --ހަވީރު ފޮޓޯ

ހއ. އިހަންވަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ހަވާލުކޮށްފައިވާކަން ފަޅާއަރައި، އެ އަތޮޅުގެ އިސް މަގާމްތަކުގައި ތިއްބެވި ހަތަރު ވެރިއެއްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން ބުނީ ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ކޮރަޕްޝަންގެ އަމަލު ހިންގައިގެން ދައުވާކުރަން ފޮނުވާފައި ވަނީ ހއ. އަތޮޅު އޮފީހުގެ އަތޮޅުވެރިޔާގެ ކުރީގެ މުއާވިން މުހައްމަދު ނަސީރާއި އޭރުގެ ޕްރޮވިންސް އޮފީހުގެ ކޯޑިނޭޓަރު އަލީ ނަސީރު އާދަމާއި މޮޅަދޫ އޮފީހުގެ ކުރީގެ ކަތީބު މުހައްމަދު ސަމީރުގެ އިތުރުން މަތި އުތުރު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހުނެއިފްގެ މައްޗަށެވެ. އެ ހަތަރު މީހުން ބައިވެރިވެގެން، އިހަވަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ ދައުލަތަށް ގެއްލުވާގޮތަށްކަން ތަހުގީގަށް ސާބިތުވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ގެންގުޅެފައި ވަނީ ވެސް ތަފާތު އަގުތަކެއް ކަމަށެވެ. އަދި މާކްސްދިން މިންގަނޑު ތައްޔާރުކޮށްފައި ވަނީ ބިޑްތައް ހުށަހެޅި ފަހުން ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ބިޑްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދީފައި ވަނީ ކަނޑައެޅިފައިވާ އުސޫލާ ހިލާފެއް ކަމަށާއި ބިޑް ހުށަހެޅި ވަކި ފަރާތަކަށް ޕޮއިންޓް އިތުރަށް ދީފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގެން ނެތް އިރު، މާކްސް ދިނުމުގައި އެއް ބަޔަކަށް އިސްކަންދީފައިވާ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait