އައްޑު އާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ޕްރޮޖެކްޓާ މޯލްޑިވްސް ވޯޓަ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔޫއެސްސީ) އިން އަލުން ހަވާލުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އެމްޑަބްލިޔޫއެސްސީ އާއި އެ ކުންފުނީގެ ހިއްސާ އޮންނަ ޖަޕާނުގެ ހިޓާޗީ އާ މިކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
"އެ ބޭފުޅުން ފުރަތަމަ ވިދާޅުވި ފެނުގެ މަސައްކަތް ކުރިއަށް ގެންގޮސްދީފާނަމޭ. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުން ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް އެކީގައި ކުރިއަށް ގެންގޮސް ނިންމާލަން. އެ ބޭފުޅުން ވިދާޅުވި އެކަމާ ވިސްނާލަށް ފަސް ވަރަކަށް ދުވަސް ދިނުމަށް،" ޑރ. ޝަކީލާ ވިދާޅުވި އެވެ. "ނަމަވެސް ފަހުން ވިދާޅުވީ ދެ ހަފުތާގެ މުއްދަތެއް ދިނުމަށް. އެހެންވެ ދެން ހަފުތާ ފަހުން އަޅުގަނޑުމެންނަށް އެ ބޭފުޅުން ނިންމަވާ ]ހަވާލު ވާނެތޯ ނުވަތަ ނޫންތޯ[ ގޮތެއް އެނގޭނީ. އެކަމަކު ވަރަށް ބޮޑު އުންމީދެއް އަދި ޔަގީންކަމެއް އެބަ އޮތް ޕްރޮޖެކްޓާ އަލުން ހަވާލުވާނެ ކަމުގެ."
އައްޑު އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫއާ އަލުން ހަވާލުވުމަށް އެ ކުންފުނީގައި ސަރުކާރުން އެދިފައި މި ވަނީ ކުރީ ސަރުކާރުން އެ ޕްރޮޖެކްޓްގެ ލައިސަންސް ހަވާލުކޮށް، ފަހުން އެ ޕްރޮޖެކްޓުން އެ ކުންފުނި ވަކިކޮށްފައި ވަނިކޮށެވެ. އަދި ސަރުކާރުން ފަހުން ވަނީ އިނގިރޭސި ވިލާތުގެ ބައި ވޯޓާ އާއި ސަދަން ޔުޓިލިޓީޒް ލިމިޓެޑް )އެސްޔޫއެލް( ގުޅިގެން 42 މިލިއަން ޑޮލަރު ( 540 މިލިއަން ރުފިޔާ) ގެ މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މާޗް ،28 2010 ގައި ސޮއިކޮށްފަ އެވެ.
ނަމަވެސް މިހާތަނަށް މި ޕްރޮޖެކްޓަށް ސަރުކާރުން ހަރަދުކުރަން ނިންމި 15 މިލިއަން ޑޮލަރު ފިޔަވައި އެއްވެސް ފައިސާއެއް ބައި ވޯޓާ އިން ހަރަދުކޮށްފައެއްނުވެ އެވެ.
އެ ކުންފުނިން މި ޕްރޮޖެކްޓަށް 27 މިލިއަން ޑޮލަރު ހަރަދުކުރަންޖެހެ އެވެ. އަދި މިހާތަނަށް މަސައްކަތް ކުރެވިފައި ވަނީ ހިތަދޫގައި އެކަންޏެވެ.
ޑރ. ޝަކީލާ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސާ އެކު ބުދަ ދުވަހު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ޖަޕާނުގެ ޖައިކާ އިން ޕްރޮޖެކްޓަކަށް ލިބިފައިވާ ފައިސާ އައްޑު އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ އަށް ހަމަޖެހޭތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ކުރިން ވިދާޅުވީ ފުވައްމުލަކާއި ހއ. އުތީމުގައި ޕްރޮޖެކްޓެއް ހިންގަން އައިޑީބީން ދާދި ފަހުނު ލިބުނު ބަޖެޓެއް ވެސް މި ޕްރޮޖެކްޓާ ގުޅިގެން ބީވެގެން ގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ބައި ވޯޓާއާ އެކު ހަދާފައި އޮތް އެއްބަސްވުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އެ ކުންފުނީގެ މައްސަލަ އެޓާނީ ޖެނެރަލް )އޭޖީ( އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމަށް ޑރ. ޝަކީލާ ވިދާޅުވި އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
0 comment