އިސްލާމް

ދުބާއީގައި ހުރި ފިރިމީހާ އިސްލާމުވުމުން އަނބިމީހާ ރާއްޖޭގައި އިސްލާމްވެއްޖެ

އާމިނަތު ޝިފްލީން
03 ސެޕްޓެމްބަރ 2012 16:56 27 ކޮމެންޓު
  • ޅ. ފެލިވަރު: އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކު ވަނީ، އަރަބި ގައުމެއްގައި ހުރި އޭނާގެ ފިރިމީހާ އިސްލާމުވުމުން މިއަދު ރާއްޖޭގައި އިސްލާމްވެފައި

ދުބާއީގައި މަސައްކަތް ކުރަމުން ދިޔަ މީހަކު އިސްލާމުވުމުން، ރާއްޖޭގައި ހުރި އޭނާގެ އަނބިމީހާ ވެސް މިއަދު އިސްލާމްވެއްޖެ އެވެ.

ކްރިޝްނާ ވެނީބީ ކިޔާ އިންޑިއާގެ އެ އަންހެން މީހާ އިސްލާމްވީ، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގަ އެވެ.

އެ ކޯޓުން ބުނިގޮތުގައި ފެލިވަރު ފިޝަރީޒް މޯލްޑިވްސްގައި މަސައްކަތް ކުރާ އަންހެން މީހާ ވަނީ އިސްލާމް ވުމަށް ފަހު އޭނާގެ ނަން ފާތުމަތު ޔާސްމީން ބަޕަޓްލާ އަށް ބަދަލުކޮށްފަ އެވެ. އަދި އޭނާ އިސްލާމްދީން ބަދަލުކުރީ، ދުބާއީގައި ހުރި އޭނާގެ ފިރިމީހާ އިސްލާމްދީން ގަބޫލުކޮށް އެކަން އެންގުމުން ކަމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ބުންޏެވެ.

"ފާތިމަތު ޔާސްމީން މިހާރު ވަނީ ގުރުއާނުގެ ބައެއް ސޫރަތްތަކާއި ނަމާދުގައި ކިޔާތަކެތި ވެސް ދަސްކޮށްފަ އެވެ. އަދި އޭނާ އިސްލާމްދީނާ ބެހޭ ކަންކަން ދަސްކުރަނީ ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ މުވައްޒަފުންގެ ފަރާތުންނެވެ،" އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ދާދިފަހުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 11 ބިދޭސީއަކު ރާއްޖޭގައި ވަނީ އިސްލާމްވެފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ގައުމުތަކާއި ޔޫރަޕްގެ ގައުމުތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ޖުލައި މަހުގެ ނިޔަލަށް ހަތް ގައުމަކުން ފަސް ފިރިހެނުންނާއި ހަ އަންހެނުން ވަނީ ރާއްޖޭގައި އިސްލާމްވެފަ އެވެ.

27 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait