ބައިބަލާ

47 ޓީމާ އެކު ބައިބަލާ މުބާރާތް މާދަމާރޭ ފަށަނީ

މުހައްމަދު ހަމްދޫން
18 އޯގަސްޓް 2012 09:22
  • މިދިޔަ އަހަރުގެ މުބާރާތުގައި ޒެފެރޯލް ގޯޅީގެ ކުޅުންތެރިއެއްގެ (ކ) ގައިގައި އަތްލުމަށް އޮއެހާގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ. --ހަވީރު ފައިލް ފޮޓޯ

ފިތުރު އީދާ ގުޅުވައިގެން ބާއްވާ ބައިބަލާ މުބާރާތް، 47 ޓީމާ އެކު މާދަމާ ރޭ ފަށަން ބައިބަލާ އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މުބާރާތަށް ވުރެ އިތުރަށް މި ފަހަރު ދެ ޓީމު ބައިވެރިވެފައިވާއިރު ޗެމްޕިއަން ޓީމަށް 50،000ރ. ވަނީ ހުށަހަޅައިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. ރަނަރަޕް ޓީމަށް 25،000ރ. އަދި ފެއާ ޕްލޭ ޓީމަށް 15،000ރ. ވަނީ ހުށަހަޅައިފަ އެވެ.

ބައިބަލާ އެސޯސިއޭޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މިއީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ މުބާރާތަށް ހަދާނެ ކަމަށާއި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ވަރަށް ބޮޑަށް މުބާރާތަށް ތައްޔާރުވަމުން މި އަންނަނީ. އެހެން އަހަރުތަކަށް ވުރެ މި އަހަރު ފުރިހަމަވާނެ. މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ މުބާރާތަށް މި އަހަރުގެ މުބާރާތް ހެދުން އަމާޒަކީ،" އައްސަދު ބުންޏެވެ.

އޭނާ ބުނީ އާޓިފިޝަލް ބީޗު ސަރަހައްދުގެ ހުސް ބިމުގައި ބާއްވާ މުބާރާތުގައި މި ފަހަރު ޓީމުތަކަށް ޗޭންޖިން ރޫމު ހަދާފައިވާ ކަމަށެވެ.

އޭނާ ބުނީ މުބާރާތް ކުރިއަށްދާނީ ހަފުތާއެއްގެ މުއްދަތަށް ކަމަށެވެ.

"މިއީ ހަމައެކަނި އީދުގައި މި އޮންނަ ހަތަރު ވަރަކަށް ދުވަހުގެ ކަމަކަށް ވުރެ ފުޅާކުރަން އަޅުގަނޑުމެން ވިސްނަމުން މި އަންނަނީ. ގިނަ ޓީމުތަކުން ބޮޑެތި ހަރަދުތަކެއް ކޮށްގެން މުބާރާތަށް ތައްޔާރުވާއިރު އެއް މެޗުން ބަލިވެ ކަޓަން ޖެހުމަކީ މައްސަލައެއް. އެހެންވެ މިހާރަށް ވުރެ ދިގުކޮށް ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށް އޮތްތަނުގައި މުބާރާތް ބޭއްވުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" އައްސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުބާރާތުގެ ސްޕޮންސާޝިޕުގެ ބައި ކުރިއަށް ގެންދަނީ ވީޓީވީ އިން ކަމަށާއި އެ ޗެނަލުން މުބާރާތުގެ މެޗުތައް ވަގުތުން ދައްކާނެ ކަމަށެވެ.

ކުރިން ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އައި ބައިބަލާ މުބާރާތަކީ ޒުވާނުންގެ ތެރޭގައި ވަރަށް ފޯރިގަދަ މުބާރާތެކެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޓީމުތައް މުބާރާތަށް ތައްޔާރުވާން ވަނީ ފަށައިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރިއިރު، 1996 ވަނަ އަހަރު ތައާރަފް ކުރި މުބާރާތުގެ ފުރަތަމަ ފަސް އަހަރު ތަށި ގެންދިޔައީ ބީޖީ އިންނެވެ. އަދި އޭގެ ފަހުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ވެސް ތަށި އުފުލާލީ ބީޖީ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި