ފުވައްމުލައް

ފުވައްމުލަކު ބަންޑާރަ ކިޅީގެ ހަޓްތައް ކުއްޔަށް ދޭން ނިންމައިފި

އަހުމަދު އަދްޝަން
29 ޑިސެމްބަރ 2011 09:26 3 ކޮމެންޓު
  • ފުވައްމުލަކު ބަންޑާރަ ކިޅީގެ ހަޓްތައް

ސާކް ސަމިޓާ ދިމާކޮށް ފުވައްމުލަކު ބަންޑާރަ ކިޅި ސަރަހައްދު ތަރައްގީ ކުރުމަށް ހިންގި މަޝްރޫއުގެ ތެރެއިން އެތަނުގައި ހަދާފައިވާ ހަޓްތައް ކުއްޔަށް ދިނުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ކުރިން ވެސް އެ ތަން ކުއްޔަށް ދޭނެ ކަމަށް ކައުންސިލުން ބުނެފައި ވަނިކޮށް، ބަންޑާރަ ކިޅީގެ ދެ ހަޓް ކުއްޔަށް ދޭން އަތޮޅު ކައުންސިލުން ނިންމީ ބުދަދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި އެގޮތަށް ފާސްވުމާ ގުޅިގެންނެވެ.

އަތޮޅު ކައުންސިލްގެ މެންބަރަކު ވިދާޅުވީ ހަޓްތައް ކުއްޔަށް ދޫކުރަން ނިންމީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރިއަށް ގެންދަން ނިންމާފައިވާ "ވެޓް ލޭންޑް މެނޭޖްމަންޓް ޕްރޮޖެކްޓް" ސާވޭ ނިމި ކުޅިތައް ބަލަހައްޓައި، ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަވެންދެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކޮށްފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އެއަށް ވުރެ ޕްލޭނިން މުއްދަތު އިތުރުވެއްޖެ ނަމަ، ކުއްޔަށް ހިފާ ފަރާތަށް ބީލަމަކާ ނުލައި ހިންގަން ދޫކުރާނެ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެ އެވެ.

ފުވައްމުލަކު ބަންޑާރަ ކިޅި އަށް ބޮއްކުރާތަކެއް ބާލާފައި--ހަވީރު ފޮޓޯ

އަތޮޅު ކައުންސިލުން ބުނީ ހަޓްތައް ކުއްޔަށް ދޫކުރާނީ، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކިޅީގައި ހުރި މައި ހަޓަށް ކޮންމެ ވަގުތެއްގައި ވެސް ވަދެވޭ ގޮތަށް ކަމަށެވެ. އަދި ރެސްޓޯރެންޓް ނުވަތަ ކެފޭ ހިންގުން ފަދަ ކަމަކަށް ބޭނުންކުރާ ނަމަ އެ ހިދުމަތް ދިނުމަށް ކިޅީގެ އެއް ފަރާތުގައި ހަދާފައިވާ ހަޓް ބޭނުން ކުރެވޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ބަންޑާރަ ކިޅީގެ ހަޓްތައް ކުއްޔަށް ދޫކުރަން ނިންމުމާ ގުޅިގެން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.

ފުވައްމުލަކު ބަންޑާރަ ކިޅިއަކީ އެ ރަށުގެ ގުދުރަތީ ރީތރިކަން އެންމެ ބޮޑަށް ދައްކުވައިދޭ އެއް ސަރަހައްދެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait