ފުވައްމުލައް

ފުވައްމުލަކުގެ ހިތްގައިމު ސަރަހައްދުގައި ހިތްގައިމު ރެސްޓޯރަންޓެއް

ފުވައްމުލަކުން އަބްދުﷲ ޖަމީލު
30 އޮކްޓޯބަރ 2012 09:01 17 ކޮމެންޓު
 • ފުވައްމުލަކު ބަންޑާރަ ކިޅީގައި ހަދާފައިވާ ރެސްޓޯރަންޓް: މިއީ މި ރަށުގެ އެންމެ ހިތްގައިމު ރެސްޓޯރަންޓް --ހަވީރު ފޮޓޯ: އަބްދުﷲ ޖަމީލު

 • ފުވައްމުލަކު ބަންޑާރަ ކިޅީގައި ހަދާފައިވާ ރެސްޓޯރަންޓް: މިއީ މި ރަށުގެ އެންމެ ހިތްގައިމު ރެސްޓޯރަންޓް --ހަވީރު ފޮޓޯ: އަބްދުﷲ ޖަމީލު

 • ފުވައްމުލަކު ބަންޑާރަ ކިޅީގައި ހަދާފައިވާ ރެސްޓޯރަންޓް: މިއީ މި ރަށުގެ އެންމެ ހިތްގައިމު ރެސްޓޯރަންޓް --ހަވީރު ފޮޓޯ: އަބްދުﷲ ޖަމީލު

 • ފުވައްމުލަކު ބަންޑާރަ ކިޅީގައި ހަދާފައިވާ ރެސްޓޯރަންޓް: މިއީ މި ރަށުގެ އެންމެ ހިތްގައިމު ރެސްޓޯރަންޓް --ހަވީރު ފޮޓޯ: އަބްދުﷲ ޖަމީލު

ފުވައްމުލަކު "ބަންޑާރަ ކިޅި" އަކީ ކުޑައިރު ވެސް ވަރަށް ޝައުގުވެރިވި ތަނެކެވެ. އެތަނުގައި ދާ ޖަހައިގެން މަސް ހިފުމާއި ދޫނި ހިފަން ރައްޓެހިންނާ އެކު ގޮސް އުޅުނު ހަނދާން މިހާރު ވެސް އެބަ ހުއްޓެވެ.

މިރަށުގެ އާޒީމަގުގެ މެދެއްހާ ތަނުގައި މާލެގަމާއި ފުނާޑު އަވަށާ ދެމެދު އޮންނަ ބޮޑު ކުޅި އަކީ ރާއްޖޭގެ އެހެން ރަށްތަކުގައި އޮންނަ ކުޅިތަކާ ވަރަށް ތަފާތު، ހިތްގައިމު މާހައުލެކެވެ. އިރުއޮއްސޭ ވަގުތު ކަނބިލި އާއި ވަލިކުކުޅު ފަދަ ދޫނި ސޫފާސޫފި ގޮވާ އަޑު އިވިއިވި ހުރެ އެވެ. އަދި އެތަނުގައި އެކި ވަތްތަރުގެ މަސް މަހާމެހި ދުވެ ހަދާއިރު ކުޑަކުދިން ފޫހިކަމެއް ނެތި ބަލަން ތިބެ އެވެ.

ފުވައްމުލަކު "ކިޅި"އާ މެދު ފޮނި އުއްމީދުތަކެއް ކުޑައިރު ވެސް ކުރެވުނެވެ. ކޮންމެ ވެސް ދުވަހަކުން އެތަނުގައި ގިނަ ބަޔަކަށް ކަމުދާ ގޮތަށް ރެސްޓޯރަންޓް ފަދަ ތަނެއް ބަޔަކު ހަދާނެ ކަމަށް އޭރު ވެސް ހިތަށްއަރަ އެވެ.

އެތަނުގައި އެންމެ ފުރަތަމަ ހަޓެއް ކަހަލަ ތަނެއް ހެދީ 2003 ވަނަ އަހަރު މި ރަށުގެ ބަނދަރު ރަސްމީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތަށެވެ. ހަޓަށް ދެވޭ ގޮތަށް ފާލަމެއް އަޅައި ދެ ފަރާތުގައި ލައިޓް ވެސް ހަރުކުރި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެތަން ހަލާކުވެ، ވީރާނާ ވެގެންދިޔައީ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އީދު ބަންދުގައި މިފަހަރު މި ރަށަށް އައިއިރު އެންމެ އަޅައިގަތް އެއް ތަނަކީ ބަންޑާރަ ކިޅީ (ކުޅި) ގައި ފާލަމަކުން ގުޅާލައިގެން ހަދާފައިވާ "ލޭކް ސައިޑް ރެސްޓޯރަންޓް" އެވެ. ދެ ހަޓް ހިމެނޭ ގޮތަށް ހަދާފައިވާ ރެސްޓޯރަންޓްގައި ރޭގަނޑު މަޑުކޮށްލުމުން ވަރަށް ތަފާތު ހިތްހަމަޖެހުމެއް ލިބެ އެވެ. އިރުއޮއްސޭ ވަގުތު ދޫނިތައް ގޮވާ އަޑު މެދުނުކެނޑި އިވިއިވި ހުރެ އެވެ. އަދި ހަނދުވަރުދޭ ރޭތަކުގައި މުޅި އެ ސަރަހައްދު އަލިވެފައި އޮތުމުން އެތަނުގެ ހިތްގައިމުކަން އިތުރަށް ފުރިހަމަވެ އެވެ.

"ދުވަހަކު ވެސް މިހާ ހިތްގައިމު ރެސްޓޯރަންޓެއް ނުދެކެން. ރާއްޖޭގައި ވެސް މަދުވާނެ މިކަހަލަ ހިތްގައިމު ތަނެއް،" މިރަށަށް އަލަށް އައި އަހަރެންގެ އަންހެނުން އެ ރެސްޓޯރަންޓް ފެނިފައި ބުންޏެވެ.

އަންހެނުންނާއި އާއިލާގެ އިތުރު ދެ މީހަކާ އެކު އެތަނަށް ހޮނިހިރު ދުވަހުގެ އިއްއޮއްސުނު ވަގުތު ދިޔައިރު މާ ގިނަ ބަޔަކު ނެތެވެ. ނަމަވެސް އިއްޔެ ރޭ ދަންވަރު 00: 12 ހާއިރު ދިޔައިރު މުޅި ރެސްޓޯރަންޓް އޮތީ ފުރިފަ އެވެ.

"މިތަނަށް ގިނަ މީހުން އަންނަނީ ވަރަށް ތަފާތު މާހައުލަކަށް ވާތީ. ދުވާލު ވެސް ރޭގަނޑު ވެސް ވަރަށް ގިނަ މީހުން އާދޭ. އަދި ކައިވެނި ޕާޓީތަކާއި ކުޑަކުދިންގެ އުފަން ދުވަސް ފާހަގަކުރުން ފަދަ ހަފުލާތައް ވެސް މިތަނުގައި ބާއްވާ،" އަހަންނާ އެކު އެތަނަށް ދިޔަ ރައްޓެއްސަކު ބުންޏެވެ.

މި ރެސްޓޯރެންޓް ތައްޔާރުކުރީ މިދިޔަ އަހަރު އައްޑު އާއި ފުވައްމުލަކުގައި ބޭއްވި ސާކު ސަމިޓަށެވެ. ގާތްގަނޑަކަށް 2.23 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ރެސްޓޯރަންޓް މިއަހަރު އޭޕްރިލް މަހު ކުއްޔަށްދިނީ ހަ މަސް ދުވަހުގެ މުއްދަތަށް މަހަކު 2،000ރ.ގެ ރޭޓުން ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ އިން ބުންޏެވެ.

"މިހާރު އަޅުގަނޑުމެން ގަސްދުކުރަނީ އަންނަ ނޮވެމްބަރު މަހު އަލުން ބިޑަށް ހުޅުވާލަން. އޭރުން މިހާރަށް ވުރެ ރަނގަޅު ކުއްޔެއް އެތަނުން ލިބޭނެ. މިހާރު ވެސް ރެސްޓޯރަންޓް ހިންގުމަށް ބައެއް ތަންތަން 8،000ރ އާއި 13،000ރ. އާ ދެމެދު އަގަށް ކުއްޔަށް ހިފާފައި އެބަހުރި. އެހެންވީމަ އެތަން އެއަށް ވުރެ ބޮޑު އަގެއްގައި ވެސް ހިފުމަކީ އެކަށީގެންވާ ކަމެއް،" އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ދީދީ ވިދާޅުވި އެވެ.

ފުވައްމުލަކު ކުޅި ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ހިސާބެކެވެ. އެހެންވެ އެ ސަރަހައްދުގައި އެއްވެސް ކަހަލަ މަސައްކަތެއް ކުރެވޭނީ ތިމާވެށީގެ ގޮތުން ގެއްލުމެއް ނުވާނެ ގޮތަކަށެވެ. އަތޮޅު ކައުންސިލުން މިހާރު ގެންދަނީ އެ ސަރަހައްދުގެ ހިމާޔަތަށް ޚާއްސަކޮށްގެން ޕްލޭނެއް ހަދަމުންނެވެ.

"މީގެ ބޭނުމަކީ ކުޅި ސަރަހައްދުގައި ހުރި ރެސްޓޯރަންޓް ދިގު މުއްދަތަކަށް ކުއްޔަށް ދޭއިރު އެތަނުގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ކަނޑައެޅުން،" މުހައްމަދުދީދީ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 55 މީހުންގެ ޖާގައިގެ ރެސްޓޯރަންޓް ހިންގާ އަލީ އަހުމަދު ބުނީ އެންމެ ގިނަ މީހުން އެތަނަށް ދަނީ ހަވީރާއި ރޭގަނޑު ކަމަށެވެ.

"ހަވީރު އިރުއޮއްސޭ މަންޒަރު މިތަނުގައި ތިބޭއިރު ވަރަށް ރީތިކޮށް ފެންނާތީ އެގަޑިއަށް ވަރަށް ގިނަ މީހުން އާދޭ. އަދި ރޭގަނޑު ވެސް ކުޅިއަށް ހަނދުވަރު އެޅިފައި އޮންނާތީ އާއި މިތަނުގައި ހުންނަ ލައިޓްތައް ދިއްލާފައި އޮންނަތަން ބަލަން ވެސް މީހުން އާދޭ،" އަލީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެތަން އަލުން ބިޑަށް ހުޅުވާލިޔަސް ކުރިމަތިލާނެ އެވެ.

"މިތަނަކީ މިރަށުގައި ހުރި އެންމެ ހިތްގައިމު އެއް ތަން. އަޅުގަނޑު އަދިވެސް ބޭނުންވޭ މިތަން،" އޭނާ ބުންޏެވެ.

ރެސްޓޯރަންޓަށް މިހާރު ލިބޭ ތަރުހީބަށް ބަލާއިރު ވެސް އެތަން ހިންގައިގެން ގެއްލުމަކާ ކުރިމަތިލާން ޖެހުން ދުރެވެ. އެއަށް ވުރެ ތަނުގެ ހިތްގައިމުކަމަށް އާންމުންގެ ހިތް ދަނީ ލެނބެމުންނެވެ. އެއީ ގުދުރަތުގެ ރީތިކަން، ފުވައްމުލަކުގެ ރީތިކަން ބަލައި ފޫހިނުވާނެ ފަދަ މާހައުލެކެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait