އޮއިދުނި

ތައްޔާރު، އަވަހަށް ދުއްވައިގަންނަމާ!

މޫސާ ލަތީފް
29 ޖޫން 2012 14:54 4 ކޮމެންޓު
  • މިދިޔަ އަހަރުގެ ރޯޑްރޭސްގައި ޖުލައި 1، 2011 ވަނަ ދުވަހު ބައިވެރިން ދުވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ހެންވޭރު ޕާކް ސަރަހައްދު މިއަދު ހަވީރު ފުރޭނެ އެވެ. ސިޔާސީ އެއްވުމެއް ނޫނެވެ. އެކަމަކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭހުގެ އެކި އުމުރުގެ ބައިވެރިންނެވެ. ހަ އަހަރުން ފެށިގެން ގޮސް އުމުރުން ދުވަސްވީ ބައެއް މީހުން ވެސް ދިރާގު ބްރޯޑްބޭންޑް ރޭހުގައި ދުވާއިރު މިފަހަރު އާދަޔާ ޚިލާފެވެ. ރޭހުގައި ބައިވެރިވާން ފޯމް ހުށަހެޅި މީހުންގެ އަދަދު 2900 އަށް ވުރެ މައްޗެވެ. މިއީ މިހާތަނަށް މި ރޭހަށް ލިބުނު އެންމެ ބޮޑު ތަރުހީބު ކަމާ މެދު ޝައްކެއް ނެތެވެ.

ސަބަބު ވަރަށް ސާފެވެ. އެއީ ހަމައެކަނި ދުވުމަށް މިހާރު އުފެދޭ ޝައުގުވެރިކަމެއް ނޫނެވެ. ރޭސް މިފަހަރު ބާއްވާ މަގުސަދު ވެސް ވަރަށް ބޮޑު ނުފޫޒެއް އެބަ ކުޅެ އެވެ؛ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާއާ ދެކޮޅަށް އަޑުއުފުލުމެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރުގެ އިސް ބޭފުޅެއް ކަމަށްވާ އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި ރޭސް ބާއްވާ މަގުސަދުގެ ގޮތުންނާއި ދިރާގާ މެދު އޮތް އިތުބާރު ބޮޑުކަމުން "މިއީ އާދަޔާ ޚިލާފު ފަހަރެކެ"ވެ.

"ވަރަށް ގިނަ އެންޖީއޯތަކާއި ވަރަށް ބައިވަރު ބެލެނިވެރިން މިފަހަރު އަޅުގަނޑުމެންނަށް އެބަ އެހީވޭ،" އިމްޖާދު ވިދާޅުވި އެވެ. "މި ބާއްވާ ކޯސް ވެސް ރަނގަޅުވީމާ އެހެންވީ. އަނެއްކާ އެހާ ބައިވަރު ކުޑަކުދިން ބައިވެރިކުރާނީ ދިރާގާ މެދު ބެލެނިވެރިންނާއި ސްކޫލްތަކަށް ވެސް އޮތް އިތުބާރު ބޮޑުވީމާ."

އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު ދިރާގުން މި ރޭހުގެ ތެރޭގައި އެ ކުންފުނީގެ ވަކި ޚިދުމަތްތަކެއް ޕްރޮމޯޓްކުރުމުގެ ބަދަލުގައި އަމާޒުކޮށްފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގެވެށި އަނިޔާއާ ދެކޮޅު ޝުއޫރުތަކަށެވެ. އެހެންކަމުން ސްކޫލްތަކާއި މި ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ވަނީ އުފެދިފަ އެވެ. ރޭހުގައި 1250 ކުޑަކުދިން ބައިވެރިވެ އެވެ. ހަތް ޖަމިއްޔާއަކުން، ދިރާގުން ބުނާ ގޮތުގައި، "ގުޅިގެން ދަނީ މަސައްކަތްކުރަމުން"ނެވެ.

ކުޑަކުދިންނާއި އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިވުމުގެ ފުރުސަތު ރޭހުގައި ބޮޑުކަމުން، ދުވުންތެރިންނާޢި އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެތައް ބަޔަކު މިފަހަރު ބައިވެރިވަނީ ސީދާ އެ ޖަމިއްޔާތަކަށް މާލީ ގޮތުންނާއި އެހެން ގޮތްގޮތުން އެހީ ހޯދައިދޭށެވެ.

"ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ޗެރިޓީތަކުން ބައިވެރިވާ ރޭސްތައް ބާއްވާ. އޭގެ ސަބަބުން ކުދިކުދި އެންޖީއޯތަކަށް ފައިދާތަކެއްވޭ. އަނެއްކާ މިހާ ބޮޑު ތަނެއްގައި މީސްމީހުންގެ ކުރިމަތީގައި މައުލޫމާތު ދިނުމުގެ ސަބަބުން ފުރުސަތު އެބަ ހުޅުވޭނެ އެހީ ހޯދަން،" އިމްޖާދު ވިދާޅުވި އެވެ.

މިފަހަރުގެ ރޭހުގައި، ރާއްޖޭގައި އަދި އަލަށް ފެންނާނެ އެއް މަންޒަރަކަށް ވާނީ ލޯފަން ޒުވާނެއް ކަމަށްވާ މުހައްމަދު މާޒިން ގޮވައިގެން އުމުރުން އެންމެ 10 އަހަރުގެ މަރިޔަމް ހަޝްމާ ހާނިމް ދުވާދުވުމެވެ. ދިރާގު ރޭސް 2010 ގައި އެންމެ އަވަހަށް ނިންމި ( 44 މިނިޓް) އެންމެ ހަގު ކުއްޖާ ކަމަށްވާ ހަޝްމާ އާއި އުމުރުން 14 އަހަރުގައި ފެނުމުން މަހުރޫމްވި މިހާރު 28 އަހަރުގެ މާޒިން ރޭހުގައި ދުވާނީ، ލޯފަން ކުދިންގެ ހައްގުގައި ހޭލުންތެރިކަން އުފައްދައި، ބްލައިންޑް އެސޯސިއޭޝަނަށް އެހީ ތަނަވަސްކުރުމުގެ މަގުސަދުގަ އެވެ.

"މުޅި ރޭސް މި އޮތީ ވަރަށް ރަނގަޅު މަގުސަދަކަށް ބިނާވެފައި. އުމުރުން 10 އަހަރުގެ ކުއްޖާ އާއި މާޒިންގެ ދުވުމަކީ އޭގެ ހެއްކެއް،" އިމްޖާދު ވިދާޅުވި އެވެ.

ހަޝްމާގެ ބައްޕަ އަދި ކުޅިވަރާއި ކަސްރަތުގެ ދާއިރާގެ މަޝްހޫރު ނަމެއް ކަމަށްވާ މުހައްމަދު ހާނިމް ބުނި ގޮތުގައި މާޒިންގެ މި ދުވުމަކީ ރާއްޖޭގައި އަދި މުޅިން އާ ކަމެކެވެ.

"ބޭނުމަކީ ލޯފަން ކުދިން ގޭގައި އައިސޮލޭޓްކޮށް ތިބުމުގެ ބަދަލުގައި ނުކުމެ ކުރެވޭނެ ކަންތައް ވެސް ހުރިކަން ދެއްކުން،" ހާނިމް ބުންޏެވެ. "އެކުދިންނަށް އެހީތެރިކަން ދެވިއްޖެއްޔާ ބައިވެރިވެވޭނެ ކަންކަން ވެސް ހުންނާނެކަން ބުނެދިނުން. މިއީ ފަސް ކިލޯ މީޓަރުގެ ރޭހެއްގައި މިކަހަލަ ކުއްޖަކު ރާއްޖޭގައި ދުވާ ފުރަތަމަ ފަހަރު."

ދިރާގުން ބުނާ ގޮތުގައި ރޭހަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެ އެވެ. އޭގެ ތެރޭގައި ބައިވެރިންގެ ސިއްހީ ކަންތައް ބެލުމަށް މެޑިކަލް އެސޯސިއޭޝަނާއި ރެޑް ކްރެސެންޓާއި އޭޑީކޭ އާއި އައިޖީއެމްއެޗާއި ފުލުހުންނާއި ސިފައިން ކުޅޭ ރޯލް ވެސް ހިމެނެ އެވެ. މިކަމުގައި 100 ވަރަކަށް މީހުން ހަރަކާތްތެރިވެ އެވެ.

ރޭހުގައި ބައިވެރިވާން ކައިރި ރިސޯޓްތަކުން ބައެއް ގެސްޓުން ވެސް އަންނާނެ ކަމަށް ދިރާގުން ބުނެ އެވެ. މީގެ ކުރިން ވެސް ބޭރު މީހުން ރޭހުގައި ބައިވެރިވެ ވަނަ ހޯދައިގެން ލިބުނު ފައިސާގެ އިނާމު ބައެއް ޖަމިއްޔާތަކަށް ހަދިޔާކޮށްފައިވާ ކަމަށް ވެސް ވެ އެވެ.

ދިރާގު ބްރޯޑްބޭންޑް ރޭސް ބާއްވާތާ މިހާރު ހަ އަހަރު ވެއްޖެ އެވެ. އެކަމަކު މިއަދު އެހެން ހުރިހާ އަހަރަކަށް ވުރެ މަންޒަރު ތަފާތުވާނެ އެވެ. ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތައް ވެސް އޮންނާނެ އެވެ. ޕްރޮފެޝަނަލް ދުވުންތެރިންނާއި މާލެ ވަށައި ބުރެއް ގާތްގަނޑަކަށް ވިއްސަކަށް މިނިޓުން ޖަހާ އެތައް ބަޔަކު ވާދަކުރެ އެވެ. އަދި ހަމައެކަނި ރޭހުގައި ބައިވެރިވެލުމުގެ ގޮތުން ދުވާ އެތައް ސަތޭކަ ބަޔަކު ވެސް ދާ އޮހޮރުވާނެ އެވެ.

ދިރާގުގެ ރަތް ކުލައިން ހެންވޭރު ޕާކް ސަރަހައްދާއި ބޮޑުތަކުރުފާނު މަގު ފުރޭ އިރު ރޭހުގެ މަގުސަދު ހާސިލްކުރުމަށްޓަކައި އެތައް ބަޔަކު މިހާރު ވެސް ވަނީ ބޮޑެތި މަސައްކަތްތަކެއްކޮށްފަ އެވެ. ދުވުމަށް ދިވެހިން ދޭ ސަމާލުކަން އަންނަނީ ބޮޑުވަމުންނެވެ. އެހެންކަމުން ދިރާގުގެ މި ރޭހުން ސިއްހީ ގޮތުން ވެސް ވަރަށް ބޮޑު ހޭލުންތެރިކަމެއް އުފެދޭނެކަމާ މެދު ޝައްކެއް ނެތެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait