ބްލޮގް

ބަލޮޓެލީގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަނީ

މުހައްމަދު ހަމްދޫން
05 ޖުލައި 2012 09:07 1 ކޮމެންޓު
  • އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ. --އޭއެފްޕީ

  • ބަލޮޓެލީ (ވ) އޭނާގެ ލޯބިވެރިޔާ ރަފޭލާއާ އެކު.

އިޓަލީގެ ފުޓްބޯޅަ ތަރި މާރިއޯ ބަލޮޓެލީގެ ހުނަރުވެރިކަމާ މެދު ދައްކާނެ މާގިނަ ވާހަކައެއް ނެތެވެ. އެކަމަކު އޭނާގެ އަހުލާގާ މެދު ދެއްކޭނެ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. އަހުލާގީ މައްސަލަތަކުގެ ހިޔަނި ކެރިއަރަށް ވަނީ އެޅިފަ އެވެ. ނަމަވެސް އޭނާގެ އަހުލާގު ރަނގަޅުވެ ހަރު މީހަކަށް ވެދާނެ ފަދަ ކަމެއް ވެއްޖެ އެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ އިޓަލީގެ ރަފޭލާ ފިކޯ އިނީ ބަލިވެ އެވެ. ޔޫރޯގައި ބުރާސްފަތި ދުވަހުގެރޭ ޖަރުމަން އަތުން  2- 1 އިން އިޓަލީ މޮޅުވި މެޗުގެ ކުރީ ދުވަހު ރަފޭލާ އެ ވާހަކަ ބުނުމުން ބަލޮޓެލީއަށް ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.

"ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީ ދުވަހު އޭނާ އަށް ގުޅާފައި ބުނިން އަހަރެން ބަނޑުބޮޑޭ. އެއީ ކަލޭގެ ދަރިއެކޭ،" އުމުރުން  24 އަހަރުގެ ސުޕަ މޮޑެލް ރަފޭލާ ބުންޏެވެ. "ހިނދުކޮޅެއްގެ ހަމަހިމޭންކަމަށް ފަހު އޭނާ ބުނި ތި ދިނީ ދުނިޔޭގެ އެންމެ އުފާވެރި ހަބަރޭ."

އޭގެ އެއް ދުވަސް ފަހުން ޖަރުމަނާ ދެކޮޅަށް ކުޅެ ބަލޮޓެލީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އުމުރުން  21 އަހަރުގެ ބަލޮޓެލީ އާއި ރަފޭލާގެ އެއް އަހަރުގެ ލޯބީގެ ގުޅުމަށް ނިމުމެއް އައީ މިދިޔަ އޭޕްރިލް  30 ވަނަ ދުވަހު އެވެ. އެއީ އެހެން އަންހެނުންތަކާ ބަލޮޓެލީ ގުޅުން ހިންގި ކަމަށް އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން ފަޅާއަރުވާލުމާ ގުޅިގެންނެވެ. ބަލިވެ އިންކަން މޭ މަހުގެ މެދުތެރޭގައި އެނގުނު ނަމަވެސް ރަފޭލާ އެކަން ސިއްރުކޮށްގެން ހުރީ އެވެ. ހަމައެކަނި އެންގީ އޭނާގެ މަންމަ އަށާއި ބޭބެ އަށެވެ.

މި އުފާވެރި ހަބަރާއެކު ބަލޮޓެލީ އާއި ރަފޭލާ ވަނީ އަލުން ގުޅުމަށް ނިންމައިފަ އެވެ. ރަފޭލާ ބުނީ އަބަދުވެސް ކައިވެނިކޮށް ދަރިއަކު ހޯދުމަށް ބަލޮޓެލީ ބޭނުންވާ ކަމަށެވެ.

"އޭނާ އަހަރެން ގާތު ކުރިން ވެސް ބުނި ހިނގާށޭ ކައިވެނިކޮށްގެން ދަރިއަކު ހޯދަން. އަހަރެން އެކަން ގަބޫލުކުރިން." ރަފޭލާ ބުންޏެވެ. "އަހަރެން ދެކެ އޭނާ ލޯބިވުން ނުހުއްޓޭ. އަހަރެން ވެސް އޭނާ ދެކެ ލޯބިވޭ."
ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ވެސް ޑޭޓްކުރި ރަފޭލާ ބުނީ އޭނާގެ ބޭނުމަކަށް ވެފައި އޮތީ މުއްސަދި ފުޓްބޯޅަ ކުޅުންތެރިއަކު މަޅީގައި ޖައްސައިގެން ފައިސާ ހޯދުން ނޫން ކަމަށެވެ.

"އަހަރެން ފައިސާ ބޭނުމެއް ނޫން. އަހަންނަށް ޔަގީން ބަލޮޓެލީ ރަނގަޅު ބައްޕައަކަށް ވާނެ ކަން. އަދި ނޭނގެ ލިބެނީ ކޮން ކަހަލަ ކުއްޖެއް ކަމެއް. އެކަމަކު ބަލޮޓެލީ ބޭނުންވަނީ ފިރިހެން ކުއްޖެއް،" ޓީވީ ސްޓާރެއްގެ ގޮތުގައި ވެސް މަޝްހޫރު ރަފޭލާ ބުންޏެވެ. 

އުފާވެރި ހަބަރާއެކު ބަލޮޓެލީ ކުރިމަތިލީ ފުރަތަމަ މެޗުގައި ސެމީ ފައިނަލުގައި ޖަރުމަން ކޮޅަށް ދެ ލަނޑު ޖެހި ނަމަވެސް ފައިނަލް މެޗު ވެގެންދިޔައީ އޭނާ އަށް ހިމާވެރި ރެއަކަށެވެ. ސްޕެއިން އަތުން  4- 0 އިން ބަލިވެ އިޓަލީ އަށް ތަށި ގެއްލުނު މެޗަށް ފަހު ވަގުތުން ޗޭންޖިން ރޫމަށް ދިޔަ އެވެ. ނަމަވެސް ފަހުން އަލުން އައިސް އޭނާ ވަރަށް ބޮޑަށް ރުޔެ އެވެ. އޭނާ މަސަލަސް ކުރީ އިޓަލީގެ ކޯޗު ސެސާ ޕްރެންޑެލީ އެވެ.

ގާނާގެ ތޯމަސް ބަރުވުއާ އާއި ރޯސް ބަރުވުއާ އަށް އިޓަލީގެ ޕަލާމޯގައި އުފަންވި ބަލޮޓެލީ އަށް ކުޑައިރު ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ބެލެހެއްޓޭނެ ގޮތެއް ނެތިގެން އާއިލާ އިން އޭނާ އިޓަލީގެ ދެމަފިރިއަކަށް ދިނީ އެވެ. އުމުރުން ތިން އަހަރުން ފެށިގެން އޭނާ ގެންގުޅުނީ އަދި އޭނާގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފައި ވަނީ އިޓަލީގެ ފްރަންސެސްކޯ ބަލޮޓެލީ އަދި ސިލްވިއާ ބަލޮޓެލީއާ އެވެ. އޭނާ މަޝްހޫރުވުމުން އޭނާ ގެންދަން އަސްލު މައިންބަފައިން މަސައްކަތްކުރި ނަމަވެސް ބަލޮޓެލީ އެކަމާ ދެކޮޅު ހެދީ އެވެ.

އިންޓަ މިލާނަށް ކުޅުމަށް ފަހު މިހާރު މެންޗެސްޓާ ސިޓީއަށް ކުޅޭ ބަލޮޓެލީގެ ކެރިއަރު މެކުހަށް ޖަހާފައި ވާއިރު އޭނާ އަށް ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ކުރިން ލިބުނެވެ. ބާސެލޯނާގެ ޓްރަޔަލް އިން ފާސްވި ނަމަވެސް އެ ކްލަބަށް އޭނާ ނުގެނެވުނީ އޭނާގެ އޭޖެންޓް ހުށަހެޅި އަގު ބޮޑުވުމުންނެވެ. 

ނަސްލީ ދިމާކުރުންތަކާ ގިނައިން ކުރިމަތިލާން ޖެހޭ ބަލޮޓެލީގެ ފަރާތުން ޕްރެކްޓިހުގައި ސަކަރާތް ޖެހުމާއި މެޗުތަކުގައި ގަސްދުގައި ރަތްކާޑު ހޯދުން ފަދަ ކަންކަން އަންނަނީ ފެންނަމުންނެވެ. އަދި އާއްމު ދިރިއުޅުމުގައި ވެސް ޖޯކު ކަންކަން އޭނާ އަންނަނީ ކުރަމުންނެވެ. އޭނާ އަކީ ބޮޑުވާން ބޭނުންނުވާ ކާޓުން ކެރެކްޓާއެއް ކަމަށްވާ ޕީޓަޕޭން ކަމަށް އޭނާގެ އޭޖެންޓް ދާދި ފަހުން ބުންޏެވެ. ނަމަވެސް ބަލޮޓެލީ ބުނީ އޭނާ އަކީ ހަމަޖެހޭ މީހެއް ކަމަށެވެ.

"އަހަންނަށް ޕީޓަޕޭން އަށް ވެވިދާނެ. އެއީ އަހަންނަކީ ވަރަށް މިނިވަން ކަމާއެކު އުޅޭ މީހަކަށް ވާތީ. އެކަމަކު އަހަންނަކީ ޕީޓަ ޕޭން އަށް ވުރެ ބޮޑު މީހެއް. އަހަންނަކީ ސުޕަ މާރިއޯ އެއްވެސް ނޫން. އަދި އެ ކިޔާ ފަދަ ހަމަނުޖެހޭ މީހެއް ވެސް ނޫން. އަހަންނަކީ މާރިއޯ ބަލޮޓެލީ،" ބަލޮޓެލީ ބުންޏެވެ.

ބަލޮޓެލީ ހަރު މީހަކަށް ވާން ހިތްވަރު ލިބޭނެ ކަންތައްތަކެއް ވަނީ ވެފަ އެވެ. ނަސްލީ ތަފާތުކުރުން ބޮޑު އިޓަލީގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުމާއި އަދި ޔޫރޯގައި ތިން ލަނޑު ޖަހައި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނުމަކީ އެފަދަ ކަންކަމަކެވެ. އަދި ދަރިއަކު ލިބި ދިރިއުޅުމެއް ފެށުމާއެކު އޭނާގެ އަހުލާގަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވެ އެވެ. އެކަން ވެގެންދާނީ އޭނާގެ ހުނަރުވެރިކަން އޭގެ އެންމެ މަތީ ހަރުފަތުގައި ދައްކާލުމަށް މަގުފަހިވާނެ ކަމަކަށެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait