އޮއިދުނި

އިސްމާއިލްގެ "ކޮލަމް ހަތަކުން" އުފެއްދި ޚިޔާލުތައް

މޫސާ ލަތީފް
05 ޖުލައި 2012 09:34 14 ކޮމެންޓު
  • "ހަވީރު" ނިއުސް ޓީމް: ލިއުންތެރިން ތަފާތު ގޮތްގޮތަށް މައްސަލަ ހުށަހަޅަނީ ޝަކުވާތަކަކާ ވެސް އެކުގައި

    ބުދަދުވަހު ހަވީރު އަޅުގަނޑަށް މެސެޖެއް އަ އެވެ. ކުށް ކުރުން ހުއްޓުވާށާއި ކުށްވެރިންނަށް ހައްގު އަދަބު ދޭން ކުރަމުން އަންނަ މަސައްކަތުގެ އަގުވެއްޓޭ ގޮތަށް "ހަވީރު"ގައި ދެ ލިއުމެއް އޮތުމުންނެވެ. ވަރަށް ތެދުވެރިކަމާ އެކު އެ ބޭފުޅާ އަށް އަޅުގަނޑު އެސްއެމްއެސްއަކުން ޖަވާބު އެރުވީމެވެ؛ "މިނިވަން ނޫސްވެރިކަމެއްގެ މުހިންމު ފަރާތަކީ އެއީ އެވެ." މިގޮތަށް އަޅުގަނޑު ޖަވާބު ދިނީ މިނިވަން ނޫސްވެރިކަމެއްގައި އެއް ކަމަކާ މެދު ދެ މީހަކު މުޅިން ތަފާތު ދެ ޚިޔާލެއް ލިއުމުގެ ފުރުސަތު އޮތުމުންނެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި އެއް މައްސަލައެއް މުޅިން ތަފާތު އެންގަލްތަކުން ވެސް ނަގާފާނެ އެވެ.

ހަވީރުގެ ލޯކަލް އެޑިޓަރު އިސްމާއިލް ނަސީރުގެ ކޮލަމް ހަތެއްގައި ލިއުއްވި "ނަޖީބުގެ "އަގުބޮޑު" މަރު" މިއީ ރަނގަޅު މިސާލެކެވެ. ކިއުންތެރިންގެ ހިތްތަކާ ކުޅެލި ލިއުމެކެވެ. ބައެއް މީހުން ރުޅި ވެސް އަ އެވެ. ސަތޭކަ އަށް ވުރެ ގިނަ ކޮމެންޓް ޝާއިއުކޮށް ތިރީހަށް ވުރެ ގިނަ ކޮމެންޓް ނުޖަހާ ދޫކޮށްލަން ޖެހުނެވެ. ކޮމެންޓް ލިއުނު މީހުންގެ 90 ޕަސެންޓް އެ ކޮލަމަށް ތާއީދުކޮށް، ތައުރީފްކުރި އިރު، އެއާ އިދިކޮޅަށް، ތަފާތު ޚިޔާލުތައް ވެސް ހުއްޓެވެ.

ސަރުކާރުގެ އިސް ބައެއް ބޭފުޅުން ކޮލަމްގެ ރޫހު ނެންގެވީ މުޅިން ތަފާތުކޮށެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި "ނަޖީބަކީ އަޅުގަނޑުގެ ކޮލީގެއް ވީމާ އަޅުގަނޑު އެކަމުގައި އުޅެން ޖެހެ" އެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. ނަޖީބަކީ ޝަރުއީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅަކަށް ވީތީ އެފަދަ އަނިޔާވެރި، ހިތާމަވެރި ގޮތަކަށް އަވަހާރަކޮށްލުމުން އެ ދާއިރާގެ ހުރިހާ ގޮތްޕަކުން (ވަކީލުންނާއި އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓަ ޖެނެރަލާއި ހުރިހާ ކޯޓުތަކާއި ސަރުކާރުގެ އެންމެ އިސް ވެރިން ވެސް ހިމެނޭ ގޮތަށް) ނުކުންނާނެ އެވެ. އިސްމާއިލްގެ ނަޒަރުގައި އެއީ ލިބުނު ރަނގަޅެކެވެ. މީހުން މެރުން ފަދަ އަނިޔާވެރި، ބޮޑެތި ކުށްތައް ހުއްޓުވަން ހުރިހާ މުއައްސަސާތަކެއް އެކުގައި ނުކުންނަން ޖެހޭވަރުގެ ގައުމީ ބަތޮލަކަށް ނަޖީބު ވެވަޑައިގަތީ އެވެ.

މީގެ ކުރިން އެފަދަ ކުއްލި "ތެޅިގަތުމެއް" ގެނެވޭވަރުގެ މަރެއް ކުރިމަތިވެފައެއް ނުވެ އެވެ. ގޭންގަކުން ގޮސް މަރާލި ކުށެއް ނެތް އަބްދުލްމުހީތު (ބޮބީ)ގެ އާއިލާ އިން ބޭއްވި ސުކޫތުގައި ބައިވެރިވި ވެރިޔަކު ނެތެވެ. އާއިލާގެ މީހުން މަގުމަތީގައި، ބޮޑު މިނިސްޓްރީއެއްގެ ކުރިމަތީގައި ކަރުނަ އެޅިއިރު ފެނިވަޑައިގެންނެވި ވެރިޔަކު ވެސް ނެތެވެ. އެ އިވެންޓް "ހަވީރު" ން ލައިވްކުރީ ނިކަމެތި އާއިލާއަކުން ކުށާ ދެކޮޅަށް ފެށި ހިތްވަރުގަދަ ކަމެއް ކަމަށް ބަލައި، އާންމުންގެ ހޭލުންތެރިކަމަށެވެ. އެހިތްވަރުގައި ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތަކުން ކަމަރު ބަދެ އާންމުންނަށް ދެއްކި ނަމޫނާއެއް ނުފެނެ އެވެ. އެކަމަކު މީގެ ކުރިން އެފަދަ ކެމްޕޭނެއް ދިވެހި އާއިލާއަކުން ފަށާފައިނުވުމާ އެކު ދައުލަތުގެ ހުރިހާ ދިމާލަކުން ވެސް އެކަން ނަގަން ޖެހޭނީ ނަމޫނާއެއްގެ ގޮތުގަ އެވެ.

ބައެއް ލިއުންތެރިންނަކީ ވަކި ކަންކަމާ މެދު ޝަކުވާކުރާ ބައެކެވެ. އެގޮތުން ރާއްޖޭގައި މަރުގެ ބިރުވެރިކަން އޭގެ ހައްދުން ނެއްޓިފައިވާ އިރު ވެސް ދައުލަތަށް (ސަރުކާރާއި މިނިވަން މުއައްސަސާތައް ހިމެނޭ ގޮތަށް) އެކަން ކޮންޓްރޯލް ނުކުރެވިގެން އުޅުމަކީ ލިއުންތެރިންނަށް ވެސް ބޮޑު މައްސަލައެކެވެ. ދެން އެ މައްސަލަ ބަދަލުވަނީ ޝަކުވާއަކަށެވެ. ހުރިހާ ބާރެއް އޮވެފައި، ގޭންގްތައް ރޫޅާނުލެވި، ގްރޫޕްތައް ހާލި ހަދައިގެން މުޅި މުޖުތަމައު ހައިޖެކްކުރަމުން ދަނީ ކޮން ބައެއްގެ ކުރިމަތީގައިތޯ އެވެ؟ ފުލުހުންނާއި ސިފައިންނަށް ހަތިޔާރާއި ވަސީލަތްތަކާއި ބާރު ދީފައި ވަނީ ހަމައެކަނި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި ނުވަތަ ބޭރުން އަތުވެދާނެ ހަމަލާއަކަށް ނޫނެވެ. ގައުމުގެ އެތެރެ ވެސް ރައްކާތެރިކޮށް ހިމާޔަތްކުރާށެވެ. އެކަމަކު އެ ރައްކާތެރިކަން ނުލިބެންޏާ އާންމު ރައްޔިތުންގެ ޝަކުވާގެ ސުވާލަކަށް ވާނީ "މިވެރިން މިކުރަނީ ފަހެ ކޮން ކަމެއް ހެއްޔެވެ؟" މި އެވެ. އަޅުގަނޑު ވެސް، އިސްމާއިލް ވެސް އަދި މިނޫހުގެ ހުރިހާ ލިއުންތެރިން ވެސް އެއްބަސްވެ އެވެ؛ ސިފައިންނާއި ފުލުހުން ވަރަށް މަސައްކަތްކުރެ އެވެ. އެކަމަކު ވެރިރަށް އަމާން ތަނަކަށް ނުހެދުނެވެ.

އިސްމާއިލްގެ ކޮލަމާ ގުޅިގެން އިސް ބޭފުޅަކު ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވެފައި އޮތީ "ގާނޫނީ ނިޒާމަށް އައި ބަދަލާ އެކު ކުށްތައް ތަހުގީގުކުރުން ވަނީ ވަރަށް ބޮޑު އުނދަގުލަކަށް ވެފަ އެވެ،" މިހެންނެވެ. އެއީ ތެދުފުޅެކެވެ. އެކަމަކު ރައްޔިތުން މިތިބީ ސިޔާސީ ފަރާތްތަކުން ރާއްޖެ އަށް ކުއްލިއަކަށް އޮއްސާލި ބޮޑެތި އެ ބަދަލުތައް ބަލައިގަނެގެންނެވެ. ރައްޔިތުންގެ ސިކުނޑިތަކާ ކުޅެނީ ސިޔާސީ ވެރިންނެވެ. މީހުންނާއި ވަސީލަތާއި އިލްމީ ގޮތުން ބަލާއިރު އެއް ފަހަރާ ކުރެވެން ނެތް އެތައް ކަމެއް ގައުމަށް އޮއްސާލުމުން އެންމެން ރޯނުއެދުރުންނަށް ވުން ނޫން ކަމެއް ނުފެނެއޭ ބުނުމުން، އެސްއެމްއެސް ދެން އަންނާނީ "މޫސަ ތި އޮތީ ޚިޔާލެއް ލިއެފައި ނޫން ހެއްޔެވެ؟ މި ސުވާލުކޮށްފަ އެވެ. އާއެކެވެ. މިއީ ހަމަ އަޅުގަނޑުގެ ޚިޔާލެވެ. (ޚަބަރާއި ރިޕޯޓާއި ނިއުސް ފީޗާ އާއި ފީޗާ އަދި ޚިޔާލު މިއީ ނޫސްވެރިކަމުގައި މުޅިން ތަފާތު ވައްތަރުގެ ލިއުންތަކެވެ. އިސްމާއިލް ލިއެފައި އޮތީ ޚަބަރެއް އަދި އަދި ރިޕޯޓެއް ވެސް ނޫނެވެ. އެއީ އޭނާގެ ޚިޔާލު ނުވަތަ ކޮލަމެވެ."

ޚިޔާލު އަންނަނީ މައްސަލަތަކާ މެދު ދެކޭ ގޮތްތަކުގެ މައްޗަށް ބިނާކޮށެވެ. އިސްމާއިލް އޭނާގެ އަމިއްލަ ލިއުންތެރިކަމުގެ ބަހުރުވައިން ލިއުއްވީ ނަޖީބު އަވަހާރަކޮށްލުމާ މެދު ހިތާމަކުރައްވަމުން، އޭނާގެ ފުރާނައަށް ރަހުމަތް ލެއްވުން އެދި ދުއާ ވެސް ކުރައްވަމުންނެވެ. އެކަމަކު އެ މަރާ އެކު ކުއްލިއަކަށް އައި ވަރަށް ބޮޑެތި ހެލިގަތުންތަކާއި އޭގެ ކުރިން ހިނގާ ދިޔަ މަރުތަކުން ދައުލަތަށް ލިބުނު ސިހުން އަޅާބަލާފައިވެ އެވެ.

ނަޖީބުގެ މަރާ ގުޅޭ ދެ މީހުން އެއްބަސްވުމުން ތަހުގީގަށާއި ޝަރީއަތަށް ފަސޭހަވި އެވެ. އެއީ ނޭނގޭ ކަމެއް ނޫނެވެ. އެކަމަކު މަރުގެ ގިނަ މައްސަލަތައް ކުރިއަށް ދާ ސްޕީޑަށް ބަލާއިރު އިންސާފު ނުލިބިފައި ތިބި މީހުންގެ ޝަކުވާ ލިއުންތެރިޔަކު ލިއާނީ އެ ރައްދުވާ މުއައްސަސާތަކުގެ ގާބިލްކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެއީ ރައްޔިތުން ކުރަން ޖެހޭ ސުވާލެކެވެ. "ހަވީރު" އޮންލައިނަށް ކިއުންތެރިންނަށް ނުވަދެވޭ ނަމަ އެކަމުގެ ޝަކުވާ އެމީހުން ކުރާނެ އެވެ. އަޅުގަނޑުމެންގެ ގާބިލްކަމާ މެދު ސުވާލު ވެސް އުފައްދާނެ އެވެ. ތިކަން ދެން ނުވަންޏާ ހުއްޓާލަންވީ ނޫންހޭ ވެސް ބުނާ އެވެ. އެއީ މުޅިން ހިލޭ "ހަވީރު"ން ދޭ ޚިދުމަތެއް ނަމަވެސް އެ ޝަކުވާކުރުމުގެ ހައްގު ކިއުންތެރިންނަށް ލިބިފައިވެ އެވެ. އަދި އަޅުގަނޑުމެންނަށް އެ ހައްގު ނިގުޅައެއް ވެސް ނުގަނެވޭނެ އެވެ.

ދައުލަތުގެ މަގާމުތަކާ ހަވާލުވަނީ ގައުމަށް ޚިދުމަތްކުރާށެވެ. ދައުލަތުން ޚަރަދު ކުރަނީ ޚިދުމަތް ފޯރުކޮށްދޭށެވެ. ބޮޑު މުސާރައާ އެކު މަސްއޫލިއްޔަތު ވެސް ބޮޑުވާން ޖެހެ އެވެ. ރިޝްވަތާ ދުރުވާން ޖެހެ އެވެ. އަމިއްލަ މަސްލަހަތުގެ ބަދަލުގައި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހެ އެވެ. މިއީ ދައުލަތުގެ ވަޒީފާތަކުގެ މައިގަނޑު އުސޫލުތަކެވެ. އަނެއް ފަރާތުގައި މިތިބީ ރައްޔިތުންނެވެ. އަޅުގަނޑު ވެސް އެ ރައްޔިތުންގެ ތެރޭގައި ހިމެނެ އެވެ. އެހެންކަމަށް ވާ ނަމަ - ކޮންމެ ސަބަބަކާ ހެދި ަނަމަވެސް - އިންސާފު ހޯދުން އުނދަގުލޭ، މުޖުތަމައު އަމާނެއް ނޫނޭ، ރިޝްވަތަށް ހެއްލެނިއްޔޭ، އަމިއްލަ މަސްލަހަތާ ހެދި ކަމެއް ނުވެޔޭ، ރައްޔިތުންނަށް އޮޅުވާލައި މުޅި ގައުމު ފަސާދަކޮށްފިޔޭ ބުނުމުގެ ހައްގު އަޅުގަނޑަށް ލިބިގެންވެ އެވެ. އަދި އިސްމާއިލަށް އޭނާގެ ޝަކުވާ، އެހެން މީހުން އެހެން ގޮތަކަށް މާނަ ނެގި ކަމަށް ވިޔަސް، ޚިޔާލެއްގެ ގޮތުގައި ލިއުމުގެ މިނިވަންކަން ވެސް އެބަ އޮތެވެ. އަދި ކިއުންތެރިންނަށް އެއާ މެދު ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ވެސް އޮތީ ހަމަ ހުޅުވިފަ އެވެ.

މިނިވަން މީޑިއާއެއްގެ ބޭނުމަކީ އެއީ އެވެ. އަދި ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އުނދަގޫވާނެ ކަމަކީ ވެސް އެއީ އެވެ. މިނިވަން މުއައްސަސާތަކަށް ފާޑުކިއުން ވެސް އަމާޒު ވަނީ އެފުރުސަތު އޮތުމުންނެވެ. ރައްޔިތުންގެ ޝަކުވާ އިއްވެނީ ވެސް އެހެންވެ އެވެ. އެކި މައްސަލަތައް އެކި ގޮތްގޮތަށް ލިއުންތެރިންނަށް ލިއެވެނީ ވެސް އެކަމާ ހެދި އެވެ.

އިސްމާއިލްގެ ކޮލަމުން އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ވިއްސަކަށް އަހަރު ކުރިން ވޮޝިންޓަން ޕޯސްޓްގެ ލިއުންތެރިޔާ އާޓް ބުޝްވާލްޑް (މިހާރު މަރުވެފައި) ލިއުނު ކޮލަމެކެވެ. އޭނާ އެ ކޮލަމް ލިއުނީ އެމެރިކާގައި އާންމުން ހަތިޔާރު ބޭނުންކުރުން މަނާވުމުގެ މައްޗަށެވެ. އެކަމަކު އެއީ މުޅިން ޚިޔާލީފޮލާއެކެވެ. އޭނާގެ ކޮލަމްގައި ކުޑަކުއްޖަކު ގޮވައިގެން ބައްޕަ ވަންނަނީ ހަތިޔާރުތައް ދައްކައިދޭ ދާރުލްއާސާރަކަށެވެ. އާންމުން ހަތިޔާރު ގެންގުޅޭ ތަނެއް އެ ކުއްޖާ އަށް ފެނިފައެއް ނުވެ އެވެ. އޭނާ ދުނިޔެ އަށް އައުމުގެ މާ ކުރިން ހަތިޔާރު ގެންގުޅުން ވަނީ މަނާކޮށްފަ އެވެ. އެކި ހަތިޔާރުތަކުގެ ވާހަކަ ކިޔައިދެމުން ގޮސް އެންމެ ފަހުން އެ ކުއްޖާ ސުވާލުކުރަނީ އާންމުން ހަތިޔާރު ގެންގުޅުން މަނާކުރީ ކީއްވެގެންތޯ އެވެ. ޖަވާބުގައި ބައްޕަ ބުނަނީ އެއް ދުވަހަކު އާންމު މީހަކު ކޮންގްރެސް އަށް ވަދެ ބަޑި ޖަހައި ހުރިހާ މެމްބަރުން މަރާލީ ކަމަށެވެ. ދެން އަލަށް އިންތިޚާބުކުރި ކޮންގްރެސް އިން ފުރަތަމަ ހެދި ގާނޫނަކީ އާންމުން ހަތިޔާރު ގެންގުޅުން މަނާކުރުމެވެ.

އާންމުން ހަތިޔާރާ އެކު އުޅުން އެމެރިކާގައި ދުވަހަކު ވެސް މަނައެއް ނުކުރެވޭނެ އެވެ. އެކަމަކު ލިއުންތެރިޔާ އޭނާގެ ޚިޔާލު ފާޅުކުރި އެވެ. ޝަކުވާކުރާ މީހުން ކުރާނެތާ އެވެ. ދެކޮޅު މީހުން ޚިޔާލު ވެސް ފޮނުވާނެތާ އެވެ. ހަގީގަތަކީ މައްސަލަ އޮތީ އޮތް ތަނުގައިކަމެވެ. އާންމުން ގެންގުޅޭ ހަތިޔާރުތަކުގެ ސަބަބުން އަހަރަކު އެތައް ހާސް ބަޔަކު މަރުވާކަމެވެ. ރާއްޖޭގައި އާންމުން ބަޑިއެއް ނުގެންގުޅެ އެވެ. އެކަމަކު ރާއްޖެ ވެސް މިއޮތީ، އާބާދީގެ ނިސްބަތުން، ހަމަ އެހާލަތުގަ އެވެ. 

14 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait