ދުނިޔެ

ލަންކާ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް އެއްވެސް ބަޔަކު އެހީ ނުވަނީ ކީއްވެ؟

ނިއުމަތުﷲ އިދުރީސް
ހަވީރު ޑެއިލީ، 06 އޮކްޓޯބަރ 2008 00:00
  • ލަންކާގައި ހަނގުރާމަކުރާ ޓައިގަރުންގެ މީހަކު ހަތިޔާރާ އެކު: ލަންކާ ސަރުކާރަށް ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރަންޖެހެނީ އެކަނިމާ އެކަނި.

ދުނިޔެ އިން ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އެމެރިކާ އިން 2001 ވަނަ އަހަރު ހަނގުރާމަ އިއުލާނުކޮށްފައި ވަނީ އުސާމާ ބިންލާދިންގެ އަލްގާއިދާ ޖަމާއަތުން އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ކަމަށް ބުނާ ހަމަލާ އަށް ފަހުގަ އެވެ. އެ ހަމަލާ އަށް ފަހު އެމެރިކާ ސިފައިން އަފްޣާނިސްތާން އަޅުވެތިކުރި އެވެ. އަދި އިރާގު ހިފައި އެ ގައުމު ވެސް އަޅުވެތި ކުރި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، ޓެރަރިސްޓުން ކަމަށް ތުހުމަތުކޮށް މުސްލިމުންގެ އެތައް ހާސް ބަޔަކަށް ނުހައްގުން އަދަބު ދެމުން އެބަ ގެންދެ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ އިން ތަފާތު ހަރަކާތްތައް ހިންގަމުން ދިޔަ ކަމުގައި ވިޔަސް ދުނިޔޭގައި ހިނގަމުން އަންނަތާ އެންމެ ގިނަ ދުވަސްވީ ޓެރަރިޒަމްގެ ހަރަކާތްތަކަށް އެމެރިކާ އިން ސަމާލު ކަމެއް ނުދެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެމެރިކާ އަށް ޓެރަރިޒަމަށް ވަނީ އެމެރިކާ އަށް ނުވަތަ ހުޅަނގަށް ގެއްލުންވާ ކަމެއް ބަޔަކު ކުރުމުންނެވެ. އޭގެ އެއް ހެއްކަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ގިނަ ދުވަސްވީ ހަމަނުޖެހުން އޮތް ސްރީ ލަންކާ އެވެ. އެ ގައުމުގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދޭން ޓައިގަރުން 1972 ވަނަ އަހަރު ހަނގުރާމަ ފެށި ފަހުން މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން މަރުވެގެން ގޮސްފައި ވާއިރު ވެސް އެ މައްސަލަ އަށް ހައްލެއް ހޯދަން ބައިނަލްއަގުވާމީ މުޖުތަމައު އަށް ކޮށްދެވުނު އަގުހުރި އެއްވެސް ކަމެއް ނެތެވެ. ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށް ބުނެ ލަންކާ އަށް މަންދޫބުން ފޮނުވައިގެން ކުރި މަސައްކަތުގެ ނާޖާއިޒް ފައިދާ ނަގައިގެން ޓައިގަރުން އެ މީހުންގެ ބާރު ގަދަކުރުން ނޫން ކަމެއް ނުވި އެވެ.

އިގްތިސާދީ ގޮތުން މާ ބޮޑު ފުދުންތެރި ކަމެއް ނެތް ލަންކާ އިން މިހާރު ޓައިގަރުންނާ ދެކޮޅަށް، ހަރަދުބޮޑު އަދި ނުރައްކާ ހަނގުރާމައެއް ފަށަން ޖެހުނީ އެމެރިކާ އަދި އެހެން ގައުމަކުން ވެސް ލަންކާ އަށް އެކަށީގެންވާ ވަރަށް އެހީތެރިކަން ނުލިބުމުންނެވެ.

އިސްލާމީ ގައުމެއް ކަމަށްވާ ސޯމާލިއާގައި ހަނގުރާމަވެރިން އުޅޭ ކަމަށް ތުހުމަތުކުރެވޭ ތަންތަނަށް ވެސް އެމެރިކާ ސިފައިން ހަމަލާ ދީފައިވެ އެވެ. އެއީ ހުއްދަ ނެތި އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެގެންނެވެ. ނަމަވެސް ލަންކާގައި އަމިއްލަ އަށް މަރުވެގެން އެތައް ހަމަލާއެއް ދީފައިވާ އަދި ޓެރަރިސްޓު ޖަމާއަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ ޓައިގަރުންގެ ދުވަސް ދުއްވާލަން އެމެރިކާ އަށް ކޮށްދެވުނު އެއް ކަމެއް ވެސް ނެތެވެ.

ލަންކާގެ އެންމެ އަވަށްޓެރި އިންޑިއާ ލަންކާގެ މައްސަލައިގެ ތެރެއަށް ވަދެފި ނަމަ އިންޑިއާ އަށް ނުރައްކާ ވާނެކަން އިންޑިއާ އަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެއީ މީގެ ކުރިން އިންޑިއާ އިން ލަންކާ ސަރުކާރަށް އެއްބާރުލުން ދޭން ފެށުމުން 1991 ވަނަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލި ހާދިސާ ސަބަބުންނެވެ.

ޕާކިސްތާނުން ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ބުންޏަސް އަމިއްލަ ގައުމުގެ ޓެރަރިޒަމް މާ ބޮޑަށް ނުރައްކާވެފައި ވުމުން އެހެން ގައުމެއްގެ ކަމަކާ އުޅެވޭ ވަރު ޕާކިސްތާނަށް ނުވެ އެވެ. އެމެރިކާ އިން އެހީވަނީ އެމެރިކާ އަށް ފައިދާހުރި ކަންކަމުގަ އެވެ. އެމެރިކާ އަށް ފައިދާ ބޮޑުވާނީ ހުރިހާ ގޮތަކުން ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ ދެކުނު އޭޝިއާގައި ހަމަނުޖެހުންތައް އިތުރުވި ވަރަކުންނެވެ. އެމެރިކާ އާއި ހުޅަނގަށް ބިރަކަށް ވެދާނެ ބަޔަކަށް އެހީވުމަކީ އެމެރިކާ ވެސް އަދި ހުޅަނގުން ވެސް ކުރާނެ ކަމެއް ނޫނެވެ.

0 comment