ރިޕޯޓް

މާލޭގައި މޫދަށް އެރޭ ސަރަހައްދުތަކުގެ ގޮނޑުކަން ފިލުވަން ޖެހިފައި

އާދަމް ހަލީމް
ހަވީރު ޑެއިލީ، 06 އޮކްޓޯބަރ 2008 00:00
  • ކުޑަކުދިންތަކެއް މާލޭގެ ހެދިގޮނޑުދޮށު މޫދަށް އެރެނީ: މި ސަރަހައްދުގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ވަނީ ޖެހިފައި. --ހަވީރު ފައިލ ފޮޓޯ

ޓްރެކް ސަރަހައްދާއި ހެދި ގޮނޑުދޮށުގައި ގިނަ އަދަދަކަށް ކުނި ޖަމާވެފައި

އެހެން ރަށްރަށުގައި އޮންނަ ކަހަލަ ހިތްގައިމު ދޮންވެލި ގޮނޑުދޮށެއް މާލޭގައި ނޯވެ އެވެ. ވެރި ރަށުގައި މޫދަށް އެރި އުޅެން ޖެހެނީ ވަކި ތަންތަނަށް ވަކ ދިމާތަކަކަށެވެ. އެގޮތުން މާލޭގައި އާދަވެގެން މީހުން މޫދަށް އެރި އުޅެނީ ދެ ތަނަކަށެވެ.

"ފަތާ ޓްރެކާއި ބޮޑު ހިލަ ޖަހައިގެން ހަދާފައިވާ އާޓިފިޝަލް ބީޗު ނޫން ތަނެއް މާލެއަކު ނޯންނާނެ މޫދަށް އެރޭކަށެއް، އެއީ ވެސް ތާހިރުކަމާ މެދު ޝައްކު އުފެދޭ ތަންތަން،" ޒުވާނަކު ބުންޏެވެ.

އެއީ ތެދެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އެރި އުޅޭ ޓްރެކް ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި ބުނި ޖަމާވެ އޮޔާ ދެމެ އެވެ. ހަމައެއާ އެކު އާޓިފިޝަލް ބީޗުގައި ވެސް ކުނިބުނީގެ މައްސަލަ ކުޑައެއް ނޫނެވެ. މި ސަބަބުތަކާ ހެދި މާލޭގައި މޫދަށް އެރި އުޅެން އޮންނަ ދެ ތަނުގެ ނުސާފުކަމާ މެދު އަބަދުވެސް މީހުން ޝަކުވާ ކުރަމުން ދެ އެވެ.

މާލޭގެ ގޮނޑުދޮށް ބެލެހެއްޓުމަށް ވޮޗަރުން ތިބި ނަމަވެސް އެމީހުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެއެކޭ ނުބުނެވޭނެ އެވެ. މޫދަށް އެރި އުޅޭ މީހުން ވެސް އެ ވޮޗަރުންނަށް ވުރެ ބޮޑަށް އެސަރަހައްދުތައް ސާފުކުރުމަށް މަސައްކަތް ކުރާ މަންޒަރު ބައެއް ފަހަރަށް ފެނެ އެވެ.

"ކުނި އެޅުމަކީ އަބަދުވެސް ވަރަށް އާއްމު ކަމެއް. އެކަމަކު ގަވައިދުން ސާފުކޮށް ބަލަހައްޓަމުންނެއް ނުގެންދެވޭ. އެހެންވެ މިހާރު މިވަނީ ކުނިގޮނޑަކަށް ވެފައި،" މޫދަށް އެރޭ މީހަކު ބުންޏެވެ.

ޓްރެކް ސަރަހައްދާ ދިމާލު ބޭރަށް ނަޖިސް ހޮޅިތަކެއް ބޭރުކޮށްފައިވުމުން އެތަނަށް ބައެއް ފަހަރު ނަޖިހުގެ އަސަރު ކުރާ ކަމަށް އާއްމުން ޝަކުވާކުރެ އެވެ. އެދިމާގައި ނަޖިހުގެ އަސަރު ހުރިތޯ ޓެސްޓްތަކެއް ވެސް ހެދި އެވެ.

ހަގީގަތުގައި މާލޭގައި މޫދަށް އެރި އުޅޭ ސަރަހައްދު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހެ އެވެ. އެތަންތަނަށް އެރި އުޅޭ މީހުން ވެސް އެއީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމެކެވެ.

މޫދަށް އެރި އުޅޭ ބައެއް މީހުން ބުނާ ގޮތުގައި މޫދަށް އެރޭ ސަރަހައްދުގެ އެކި ތަންތަނުގައި ޑަސްބިން ބަހައްޓާފައި ހުރި ނަމަވެސް އެ ސަރަހައްދަށް ދާ ބައެއް މީހުން ފޮއްޗާއި ދަޅާއި ފުޅި އަދި އެނޫން ވެސް ކުނިބުނި މޫދަށް އުކާލަ އެވެ. އެކަންކަން ހުއްޓުވުމަށް މުނިސިޕަލްޓީގެ ފަރާތުން ތިބޭ މީހުން އެހާ ބޮޑު ސަމާލުކަމެއް ދީގެން އުޅޭތީއެއް ނުފެނެ އެވެ.

ބައެއް މީހުންގެ ނަޒަރުގައި މޫދަށް އެރި އުޅެން ކަމުދާ އެއްވެސް ތަނެއް މިހާރު މާލެއަކު ނެތެވެ. އާޓިފިޝަލް ބީޗަކީ ވެސް ނުސާފު ތަނެކެވެ. ކުނިން ހަމަ ފުރިފަ އެވެ. މިތަން ނުސާފުކަމުގެ ޝަކުވާ އެންމެން ވެސް ކުރެ އެވެ. އެހެންކަމުން މާލޭގައި އާއްމުކޮށް މީހުން މޫދަށް އެރި އުޅޭ ދެ ތަން ވެސް އޮންނަނީ ވަރަށް ބޮޑަށް މުޑުދާރުވެފަ އެވެ.

ފަތާ ޓްރެކަކީ ވެސް ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރޭ ތަނެކެވެ. އެކަމަކު އެތަނަކީ ވެސް ސާފުތާހިރު މާހައުލެއް ނޫނެވެ. އެއީ ވެސް ފާޑެއްގެ ގޮނޑެކެވެ. ހުރިހާ ބާވަތެއްގެ ކުނި އެ ސަރަހައްދުގެ މޫދުގައި ހުރެ އެވެ. އޭގެ ތެރޭގައި ތެލާއި ނަޖިހާއި ފުޅި އާއި ދަޅާއި ނެޕީ ހިމެނެ އެވެ.

ޓްރެކް ސަރަހައްދަށް ވެސް ބީޗަށް ވެސް މީހުން މޫދަށް އެރިއުޅެނީ އެހެން ތަނެއް މާލޭގައި ނެތުމުންނެވެ. އޭގެ މާނަ އަކީ އެތަންތަން އެކަށީގެންވާ ފެންވަރުގައި ސާފުނުކޮށް ބޭއްވުމެއް ވެސް ނޫނެވެ. ބައެއް ފަހަރަށް ސާފުކުރާތަން ވެސް ފެނެ އެވެ. އެހެންނަމަވެސް އާންމުކޮށް މޫދު އޮންނަނީ ގޮނޑުވެފަ އެވެ.

0 comment