ބޯޑާ ކޮންޓްރޯލް ސިސްޓަމް

އިމިގްރޭޝަނަށް ނެކްސްބިޒުން ދިން 75 ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް އޭސީސީއަށް ފޮނުވައިފި

އަބްދުﷲ ޖަމީލު
07 ޖުލައި 2012 18:40 6 ކޮމެންޓު
  • ބޯޑާ ސިސްޓަމާ ގުޅުން ހުރި ލެޕްޓޮޕްތައް އޭސީސީގެ ބެލުމުގެ ދަށުގައި: މި ލެޕްޓޮޕްތަކުގެ ފޮރެންސިކް ރިޕޯޓް ފުލުހުން ނިންމާފައިވީ ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރޭ -- ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( ން ބުނެ އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދަނިކޮށް އެ ކުންފުނިން އިމިގްރޭޝަން ޑިޕާޓްމަންޓަށް ދިން 75 ލެޕްޓޮޕްގެ ފޮރެންސިކް ޓެސްޓްގެ ރިޕޯޓް ފުލުހުން އޭސީސީ އަށް ފޮނުވައިފި އެވެ.

ނެކްސްބިޒުން ދިން 75 ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް މިހާރު އޭސީސީއަށް ފޮނުވާފައިވާ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޓްވިޓާގައި ވިދާޅުވެފައިވެ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ ފޮރެންސިކް ރިޕޯޓް މިދިޔަ ބުރާސްފަތިދުވަހު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުން އެނގުނު އެއްޗެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. މުއައްވިޒު ވިދާޅުވީ އެ ލެޕްޓޮޕްތައް އަދިވެސް ހުރީ އެ ކޮމިޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"އެއީ ތަހުގީގުކުރަމުންދާ މައްސަލައެއް ވީމަ މިވަގުތު އިތުރު ތަފުސީލެއް ދެވެން ނެތް. އެ ލެޕްޓޮޕްތަކުގެ ފޮރެންސިކް ޓެސްޓް ހެދީ އަޅުގަނޑުމެން އެދިގެން،" އޭނާ ވިދާޅުވި އެވެ.

ނެކްސްބިޒުން އިމިގްރޭޝަނަށް 75 ލެޕްޓޮޕް ދިން މައްސަލަ ބެލުމަށްޓަކައި އޭސީސީގެ އޮފިޝަލުން އިމިގްރޭޝަން ޑިޕާޓްމަންޓާއި ކަސްޓަމްސް އަދި އެއާޕޯޓުގައި ހަރަކާތްތެރިވި އެވެ.

ނެކްސްބިޒުން ރާއްޖޭގައި ގާއިމްކޮށްދޭން އެއްބަސްވެފައިވާ ބޯޑަ ކޮންޓްރޯލް ސިސްޓަމަށް 500 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އަދި އެ މަޝްރޫއު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހުސެން އިބްރާހީމާއި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޑިރެކްޓަ ޖެނެރަލް އަދި ޓެންޑަ އިވެލުއޭޝަން ބޯޑުގެ ކުރީގެ އިސްވެރިޔާ ސާމީ އަގީލްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait