އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ފުރާ މީހުންނާއި އަންނަ މީހުންގެ ކިޔު ދިގުވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓުމާ ގުޅިގެން ބައެއް މަސައްކަތްތައް މެނުއަލްކޮށް ކުރަން ޖެހޭތީ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ވިދާޅުވީ މެލޭޝިއާގެ ނެކްސްބިޒް ކުންފުނިން ގާއިމުކުރި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ކޯޓު އަމުރާ ގުޅިގެން ހުއްޓާލާފައިވާތީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވިޔަސް އެ ސިސްޓަމްގެ ބޭނުން ނުކުރުމަށް ހުރިހާ މުވައްޒަފުންނަށް އަންގަވާފައިވާ ކަމަށެވެ.
"އެ ތަނުގައި އެ ސިސްޓަމްތައް ހުންނާނެ. ކޮންޓްރޯލާ އަށް އެނގިގެންނެއް އެ ސިސްޓަމް ބޭނުމެއް ނުކުރޭ. ކޯޓު އަމުރާ އެކީގައި ހުރިހާ ކަމެއް އެހެރީ ހުއްޓާފައި،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ބޭނުންކުރަމުން ދިޔަ ސިސްޓަމުން ހިދުމަތްތައް ދޭން ޖެހިފައިވުމުން ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"އެހެންވެގެން ސްލޯވަނީ، ޑިލޭ ވަނީ، ކިޔު ދިގުވަނީ،" އޭނާ ވިދާޅުވި އެވެ.
އިނގިލީގެ ނިޝާން ނެގުން ފަދަ ބައެއް ކަންކަން މިހާރު ކުރާތީ އެއީ ނެކްސްބިޒްގެ ސިސްޓަމް ބޭނުންކުރުން ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކިޔަސް ޑރ. މުހައްމަދު އަލީ އެކަން ދޮގުކުރައްވަ އެވެ.
އޭނާ ވިދާޅުވީ ބިދޭސީއަކު ފުރުވާލާ ނަމަ މިހާރު ވެސް އިނގިލީގެ ނިޝާން ނަގާނެ ކަމަށާއި އޭގެ ބޭނުމަކީ ދެ ވަނަ ފަހަރަށް އެ މީހާ އަންނަ އިރު ދެނެގަތުން ކަމަށެވެ.
"ބިދޭސީއަކު ފޮނުވާލަންޏާ އޭނާގެ ބަޔޯ މެޓިކްސް ނަގާނެ. އެ ރެކޯޑްތައް ވެސް ނަގާނީ އެ (ނެކްސްބިޒްގެ) ސިސްޓަމަކުން ނޫން،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ކޮންޓްރޯލާ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޒަމާނީ އާ ސިސްޓަމެއް ނެތި މަސައްކަތްކުރަން ޖެހޭ ނަމަ ރާއްޖެ އަށް މީހުން އެތެރެވުމާއި ބޭރުވުން ހުއްޓުމަކަށް އައުމުގެ ބިރު އެބަ އޮތް ކަމަށެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތުކޮށް އިމިގްރޭޝަނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ ދައުވާއާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހައި ކޯޓުން ވަނީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އޭރު އެ ސިސްޓަމް ގާތްގަނޑަކަށް ނިމި، ދިޔައީ ޓެސްޓް ވެސް ކުރަމުންނެވެ.

9 comments