ފަހަކަށް އައިސް ރާއްޖޭގެ އިންފްލޭޝަން އެއް މަހުން އަނެއް މަހަށް ދަނީ އުފެލުމުންނެވެ. އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުތައް ބައިވަރެވެ. ނަމަވެސް އެ ވާހަކަތައް ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އެޅޭތަނެއް ނުފެނެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 11.27 ޕަސެންޓްގަ އެވެ. ނަމަވެސް މި އަހަރު ޖެނުއަރީ މަސް ނިމުނުއިރު މި ރޭޓް ވަނީ 12.24 ޕަސެންޓަށް އަރައިފަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ނުހިމަނައި ބަލާ ނަމަ މި އަދަދު އުޅެނީ 9.26 ޕަސެންޓްގަ އެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން އައިއިރު އިންފްލޭޝަން ރޭޓް ހުރީ ހަތަރު ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ އަގެއްގަ އެވެ.
އިންފްލޭޝަން މައްޗަށް ދިއުމުގެ ތަފާތު ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެގެން ދިއުމާއި ޑޮލަރުގެ ކަޅު ބާޒާރު އުފުލި ޑޮލަރު ލިބުން ދަތިވުމަކީ ވެސް ރާއްޖޭގެ އިންފްލޭޝަން މިހާ މައްޗަށް އަރައިގެން ދިޔަ ސަބަބެއް ކަމަށް ބައެއް އިގްތިސޯދީ މާހިރުން ވިދާޅުވެ އެވެ.
"ޑޮލަރު ލިބުން ދަތިވެ، ކަޅުބާޒާރުގައި ޑޮލަރު ގަންނަން ލިބެން ޖެހުނީމަ ވިޔަފާރިވެރިޔާ މުދާ އެތެރެކުރުމަށް ކުރާ ހޭދަ އެބަ ބޮޑުވޭ. އެކަމުގެ ސަބަބުން އޭގެ އަސަރު އާހިރުގައި ސީދާ މުދަލުގެ އަގަށް އެބައާދޭ،" ޓޫރިޒަމް ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އިސްމާއިލް ޝިއާރު ވިދާޅުވި އެވެ.
ބައެއް އިގްތިސޯދީ މާހިރުން ވިދާޅުވި ގޮތުން ރައްޔިތުންނަށް ސީދާ މުދާ ލިބޭ އަގު މިދިޔަ އަހަރު އެންމެ ބޮޑުވި އެއް ސަބަބަކީ ޑިއުޓީ ކަނޑާނުލައި ޖީއެސްޓީ ނަގަން ފެށުމެވެ. ނަމަވެސް މިހާރު ވަނީ ގިނަ އަދަދެއްގެ މުދަލުން ޑިއުޓީ ކަނޑާލައި ބައެއް ބާވަތްތަކުން ޑިއުޓީ ކުޑަކޮށްފަ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުން ސަރުކާރުން އެ ފިޔަވަޅު އެޅުނެއް ލަސްވުމަކީ ވެސް މުދަލުގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް އަރައިގެން ދިޔަ ސަބަބެކެވެ.
މިދިޔަ އަހަރު މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލާއިރު، ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް 30 ޕަސެންޓް ވަނީ މަތިވެފަ އެވެ. އެ ގޮތުން އެންމެ ބޮޑަށް އަގުތައް މައްޗަށް ގޮސްފައިވާ އެއް ބާވަތަކީ ފޯކާއި ކައްކާ ތެލާއި މައިލޯ އަދި ސޮސެޖެވެ.
މިދިޔަ އަހަރު މަހުގެ ބައިގެ އިންފްލޭޝަން 29 ޕަސެންޓް މަތިވެފައިވާ އިރު، ލައްޓީގެ އަގު 60 ޕަސެންޓް މައްޗަށް ގޮސް، ކަޅުބިލަ މަހުގެ އަގު 54 ޕަސެންޓް އުފުލި، ފަރު މަހުގެ އަގުތައް ވަނީ 48 ޕަސެންޓް އުފުލިފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ. އަދި އެހެން ފަހަރުތަކާ ހިލާފަށް މިދިޔަ މަހު ވަނީ ސިއްހަތުގެ ބަޔާއި ތައުލީމުގެ ބައިން ވެސް އަގުތައް މައްޗަށް ގޮސްފަ އެވެ. އެހެންކަމުން މިއީ އިތުރަށް އިންފްލޭޝަން މައްޗަށްދާނެ ކަމުގެ ފެހި ސިގްނަލް ދޭ ކަންތައްތަކެވެ.
ޑިއުޓީ ކުޑަކުރި ބާވަތްތަކާއި ޑިއުޓީ އެކުގައި ކަނޑާލި ބާވަތްތަކުގެ އަގު އެކަށީގެންވާ ވަރަށް ތިރިވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް އަދި އެ ބަދަލު މާލޭގެ ބާޒާރަކުން ނުފެނެ އެވެ. އޭރު ސަރުކާރުން ބުނީ އަގުތައް ދަށަށް ނުދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވިޔަފާރިވެރިން ގިނަ އަދަދެއްގެ މުދާ ގުދަންކޮށްފައި ހުރުން ކަމަށެވެ. އަދި ކުރިން ގަނެފައިވާ މުދާ މަދުވެގެން ދެ މަސް ދުވަހުގެ ތެރޭ ބާޒާރުން ހުސްވުމުން، ތަކެތީގެ އަގު ދަށަށްދާނެ ސަރުކާރުން އަންދާޒާކުރެ އެވެ. ނަމަވެސް ހަގީގަތަކީ ޑިއުޓީ ކަނޑާލުމަށް ފަހު ވިޔަފާރިވެރިން މުދާ ވިއްކަނީ އެ ބަދަލު ގެނެސްގެންތޯ ބެލޭނެ ނިޒާމެއް ނެތުމެވެ.
ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓި ދިވެހި ފައިސާގެ އަގު ދަށަށް ދިއުމަކީ އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބެކެވެ. ޑޮލަރު ރޭޓަށް ސަރުކާރުން ބަދަލު ގެނައުމާ ގުޅިގެން ކުރިން 12.85ރ. އަށް ވިއްކަމުން ދިޔަ ޑޮލަރެއް މިހާރު ބޭންކްތަކުން ވިއްކަނީ 15.42 ރ. އަށެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18ރ. އަށް މައްޗަށް ދިއުމަށް ފަހު މިހާރު ޑޮލަރުގެ އަގު ވަނީ ކަޅުބާޒާރުގައި ވެސް ތިރިވާން ފަށައިފަ އެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު އާންމުކޮށް އުޅެނީ 16ރ. ހިސާބުގަ އެވެ.
"މިހާރު ކޮންމެވެސް ވަރަށް ބޭންކްތަކުން ޑޮލަރު ލިބޭ. މިކަމުގެ ސަބަބުން ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ ފަރާތްތަކުން ވެސް ޑޮލަރު ވިއްކާ އަގުތައް ވަނީ ދަށް ކުރަން ފަށާފައި،" މާލޭގައި ތިން ފިހާރަ ހިންގާ ރެޑްވޭވްގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވެފައިވެ އެވެ.
ޑޮލަރުގެ އަގު ދަށަށް ދިޔަ ނަމަވެސް ވިޔަފާރިވެރިން ވެސް އިހްލާސްތެރިވެގެން ނޫނީ ގައުމު މިހާރު ވެއްޓިފައި މިއޮތް އިގްތިސޯދީ ވަޅުގަނޑުން ސަލާމަތެއް ނުވާނެ އެވެ. އަދި ހުރިހާ ފަރާތްތަކެއް ގުޅި ގައުމީ އެއްބައިވަންތަ ކަމާއެކު ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރަން އެބަޖެހެ އެވެ. ކޮންމެ ބަޔަކު ވެރިކަމާ ހަވާލުވިއަސް ދެމިތިބެވޭނީ އިގްތިސާދު ހަރުދަނާކަންމަތީ އޮވެގެންނެވެ.

އެމްޑީޕީގެ މުޒާހަރާ
0 comment