އެމްޓީޑީސީ

ޓޫރިޒަމް ގާނޫނުގެ އިސްލާހާ ގުޅިގެން އަހަރަކު ފަސް މިލިއަން ޑޮލަރު ގެއްލުންވޭ: އެމްޓީޑީސީ

އަބްދުﷲ ޖަމީލު
28 މާޗް 2012 11:57 6 ކޮމެންޓު
  • އެމްޓީޑީސީން ހއ. އުލިގަމުގައި ތަރައްގީކުރަން އުޅުނު ސިޓީ ހޮޓެލްގެ ނަމޫނާ ކޮޓަރިއެއް: ޓޫރިޒަމް ގާނޫނަށް އައި އިސްލާހާ ގުޅިގެން ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިވެފައި --ހަވީރު ފައިލް ފޮޓޯ

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ބިމު ކުލި ބޮޑުވުމުން އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު ގެއްލުންވާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފިރުޝާން ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުން ރަށްތައް ދިނީ ހާއްސަ އަގުތަކެއްގައި ކަމަށެވެ.

"އެ އަގުތަކަށް ބަލާފައި އަޅުގަނޑުމެން ދެވަނަ ފަރާތަކަށް ކުއްޔަށް ދީފައި ވަނީ. ނަމަވެސް އޭގެ ސަބަބުން އެތައް މައްސަލައެއް އެބަ ނުކުމޭ. ހެޑް ލީސް ކުއްލިއަކަށް އެހާ ބޮޑުވީމަ އެބައި ފޫބައްދަން ދަތިވެފައިވަނީ،" އޭނާ ވިދާޅުވި އެވެ.

ފިރުޝާން ވިދާޅުވީ ޓޫރިޒަމް ގާނޫނުގެ ދަށުން ބިމު ކުއްޔަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުންޏަށް ދިމާވެފައި ވަނީ ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ އެކު ވަގުތީ އަމުރެއް ނެރެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ އަދި ކޯޓުން ނިމޭނެ ގޮތެއް ނޭނގެ. ނަމަވެސް މިއީ ކުންފުންޏަށް ދިމާވި ވަރަށް ބޮޑު ގެއްލުމެއް،" ފިރުޝާން ވިދާޅުވި އެވެ.

އެމްޓީޑީސީ އުފެއްދުމަށް ސަރުކާރުން ވަނީ އެ ކުންފުންޏަށް ރިސޯޓް ތަރައްގީކުރުމަށް ނުވަ ރަށެއް ހަވާލުކޮށްފަ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait