މަތީ ފަންތީގެ ޓޫރިޒަމް ވިޔަފާރީގައި ހޮޓާ ހިންގަމުން ގެންދާ
އިންޑިއާގެ މަޝްހޫރު މަހުޖަނު ސޯނޫ ސިވްދަސަނީ ރާއްޖޭގައި ހިންގަމުން
ގެންދާ ދެ ރިސޯޓުން އެއް ރިސޯޓް ކަމަށްވާ ސޮނޭވާ ގިލި، ސިންގަޕޫރުގެ
ކުންފުންޏަކަށް ވިއްކާލައިފި އެވެ.
ރާއްޖޭގައި މިއަދު ކުރި ވިޔަފާރީގެ ބޮޑު މި މުއާމަލާތާ ބެހޭ
ގޮތުން، ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ސޮނޭވާ ގިލި
ގަނެފައިވަނީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީ ލިމިޑެޓާއި އެ ގައުމުގެ
މަހުޖަނަކު ހިއްސާ ވެގެން ކަމަށެވެ. ނަމަވެސް ހޮޓެލް ޕްރޮޕަޓީ ލިމެޓެޑާ ހިއްސާވާ ފަރާތެއް، ހަވީރަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅެއް ނުވެ އެވެ.
ރިސޯޓް ގަތުމުގެ މި މުއާމަލާތުގެ
އިތުރުން މިފަދަ އެހެން މުއާމަލާތެއް މި ހަފުތާގައި ކޮށްފައިވާ ކަމަށްވެ އެވެ. އެއީ
ތ. އަތޮޅު މާލެފުށި ގަތުމެވެ. މި ރިސޯޓް ގަނެފައިވަނީ ރާއްޖޭގައި
ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުންޏެެއް ކަމަށްވާ އިންވެސްޓްމަންޓް ވެންޗާސް ޕްރައިވެޓް ލިމިޓެޑުންނެވެ.
އެއީ ވެސް ސިންގްޕޫރު ކުންފުންޏެކެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި މި ދެ ރިސޯޓުގެ މުއާމަލާތުގެ
އަގު ގާތްގަނޑަކަށް 120- 150 މިލިއަން ޑޮލަރަށް އަރަ އެވެ.
ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު އެއް ރިސޯޓް ކަމަށްވާ
ސޮނޭވާގިލި ވިއްކާލާފައި ވާއިރު، މި ރިސޯޓް ހިންގާ ފަރާތުން ރާއްޖޭގައި
ހިންގަމުންދާ އަނެއް ރިސޯޓަކީ ސޮނޭވާ ފުއްޓެވެ.
3 comments