އައިލެންޑް އޭވިއޭޝަން

ބަންގްލަދޭޝް އަކީ ވައިގެ ދަތުރު ފެށުމަށް ރަނގަޅު މަންޒިލެއް: ބަންދު

އަހުމަދު ރިޝާން
26 މެއި 2012 22:20 13 ކޮމެންޓު
  • މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ފަސިންޖަރުން އަރަނީ: ބަންގްލަދޭޝް އަށް ދަތުރުތައް ފެށުމާ މެދު މިހާރު އަންނަނީ ދިރާސާކުރަމުން --ހަވީރު ފޮޓޯ

ބަންގްލަދޭޝް އަކީ ވައިގެ ދަތުރު ފެށުމަށް ރަނގަޅު މަންޒިލެއް ކަމަށް މޯލްޑިވިއަންގެ ޚިދުމަތް ދެމުން އަންނަ އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ހަވީރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ބަންދު ވިދާޅުވީ ބަންގްލަދޭޝް އަށް ވައިގެ ދަތުރުތައް ފަށައިފި ނަމަ އެއީ ފައިދާވާނެ މަންޒިލަކަށް ވާނެ ކަމަށެވެ.

"ރާއްޖޭގައި ވަރަށް ބައިވަރު ބަންގްލަދޭޝް މީހުން އެބަ އުޅޭ. އެހެންވީމާ މީހުންނާއި މުދާ ވެސް ބަންގްލަދޭޝް އިން ރާއްޖެ އަށް ގެނެވިދާނެ،" އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރުކަން ވަރަށް ގިނަ ދުވަސް ވަންދެން ކުރައްވާފައިވާ ބަންދު ވިދާޅުވި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ސީދާ ދަތުރުފަތުރެއް ނުކުރެ އެވެ. އެކަމަކު ވައިގެ ދަތުރުފަތުރު ފެށުމާ ބެހޭ ގޮތުން ދިރާސާއެއް ކުރަމުން އަންނަ ކަމަށް ބަންދު ވިދާޅުވި އެވެ.

"ދިރާސާކޮށް ނިމުނީމަ އެނގޭނީ ދަތުރުތައް ބާއްވާނެ ގޮތެއް،" އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރު ފެށުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މި މަހު ކުރީކޮޅު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި 1985 ގައި އެކުލަވާލި އެއްބަސްވުމުގެ ދަށުން އެއާލައިންތަކަށް ލިބޭ އިނާޔަތްތައް އިތުރުކޮށް އަދި ބައެއް މާއްދާތަކަށް އިސްލާހު ގެނެސް ސޮއިކުރި އެއްބަސްވުމެކެވެ.

މިހާރުގެ އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ދަތުރު ފަށާ އެއާލައިންތަކަށް ހަފުތާއަކު 14 ފްލައިޓް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮޕަރޭޓްކުރާ އެއާލައިންތަކަށް ތިން ވަނަ މަންޒިލެއްގެ ގޮތުގައި ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޗެންނާއީ އިހްތިޔާރު ކުރުމާއި މި ދެ މަންޒިލުން ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހައްގު ވެސް ލިބިދެވެ އެވެ.

މުދާ އުފުލާ އެއާލައިންތަކަށް ލިބިދޭ ފުރުސަތުތައް ވެސް ވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ހުޅުވާލާފައި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެ އެވެ.

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait