އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނެސް، ޖީއެސްޓީ ކުޑަކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޑިއުޓީ ރޭޓްތަކަށް ބަދަލު ގެނައުމަށް ފަހު ޖީއެސްޓީ ކުޑަކުރުމަށް ކަމަށެވެ. އެކަމާ ބެހޭ ބިލްތައް މަޖިލީހަށް ހުށަހަޅަން ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ. ނަމަވެސް ޑިއުޓީ އަށް ގެންނަ ބަދަލުތަކުގެ ތަފުސީލާއި ޖީއެސްޓީ ކުޑަކުރަން ހުށަހަޅާ މިންވަރެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.
"ޑިއުޓީ ކުޑަކުރުމަށް ފަހު ޖީއެސްޓީ ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ އިތުރެއް ނުވޭ. މިއަހަރުން ފެށިގެން ޖީއެސްޓީ ބޮޑުކުރި ބޭނުމަކީ ޑިއުޓީ ކުޑަކުރުމުން މަދުވާ ބައި ފޫބެއްދުން. ނަމަވެސް އެއާ ކައިރިވާ މިންވަރަކަށް ވެސް ޖީއެސްޓީއެއް ނުލިބޭ،" ޖިހާދު ވިދާޅުވި އެވެ.
ކުރިން އިމްޕޯޓް ޑިއުޓީން ދައުލަތުގެ އާމްދަނީ އަށް ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ އެވެ. އިމްޕޯޓް ޑިއުޓީ ކުޑަކުރުމުން އޭގެ ތެރެއިން ދައުލަތަށް ވަންނާނެ ކަމަށް ބެލެވެނީ ބިލިއަނެއްހާ ރުފިޔާ އެވެ. މަދުވާ ބައި ޖީއެސްޓީން ފޫބައްދައިދޭނެ ކަމަށް ކުރީ ސަރުކާރުން ލަފާކުރި އެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ބުނަނީ އެ މިންވަރަށް ޖީއެސްޓީން އާމްދަނީ ނުލިބޭނެ ކަމަށެވެ. އަދި އިމްޕޯޓް ޑިއުޓީ ކުޑަކުރުމުން އެއްޗެހީގެ އަގު ހެޔޮވާނެ ކަމަށް ލަފާކުރެވުނަސް އޭގެ ނިޝާންތައް ވެސް ނުފެންނަ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
ޖިހާދު ވިދާޅުވީ ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބަޖެޓްގެ ޖުމްލަ ހަރަދު 15 ޕަސެންޓް ކުޑަކޮށް އާމްދަނީ ލިބެން ހުރި ދާއިރާތައް އިތުރުކުރެވޭތޯ ބައްލަވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އާންމު ޖީއެސްޓީ ކުޑަކުރުމުގެ އިތުރުން ސަރުކާރުން މަޝްވަރާކުރަމުން އަންނަނީ، ޖިހާދު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ޖީއެސްޓީ ބޮޑުކުރާށެވެ. ބޮޑުކުރާނެ މިންވަރެއް ކަނޑައަޅާނީ ޓޫރިޒަމް އިންޑަސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
52 comments