ޖީއެސްޓީ ނުދައްކާ 60 އަށް ވުރެ ގިނަ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން ނަމްބަރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެޒެޓުގައި އާއްމުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ، ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނުދައްކާ ވިޔަފާރިތަކާއި ޖީއެސްޓީގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތައް ވެސް ހިމެނެ އެވެ. އެ ތަންތަނުގެ ތެރޭގައި ގަން އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ވެސް ހިމެނެ އެވެ.
މީރާ އިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ގޮތުގައި ގެޒެޓުގައި އާއްމުކޮށްފައިވާ ފަރާތްތަކަކީ މި އަހަރުގެ ތިން ވަނަ ކުއާޓަރު (ޖެނުއަރީ-މާޗް) ނިޔަލަށް ޖީއެސްޓީ ނުދައްކާ ފަރާތްތައް ކަމަށާއި، މި ވިޔަފާރިތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ވިޔަފާރިތަކާއި އަތޮޅުތެރޭގެ ވިޔަފާރިތައް ވެސް ހިމެނޭ ކަމަށެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާ އިން ފުރަތަމަ އާންމުކުރަނީ އެ އޮތޯރިޓީގެ ވެބްސައިޓުގަ އެވެ. އެގޮތަށް އާންމު ކުރުމަށް ފަހު ވެސް ޖީއެސްޓީ ނުދައްކާ ނަމަ ދެން އާންމުކުރަނީ ގެޒެޓްގަ އެވެ. މީރާ އިން ބުނީ ގެޒެޓްގައި އާންމުކުރުމަށް ފަހު ވެސް ފައިސާ ނުދައްކައިފި ނަމަ ފައިސާ ހޯދުމަށް އެ އޮތޯރިޓީން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޖީއެސްޓީ ދެއްކުމުގައި ބައެއް ދަތިތައް ހުރިކަމަށް ބައެއް ވިޔަފާރިވެރިން މިހާރު ވެސް ބުނަމުންދެ އެވެ. އެ ގޮތުން ފާހަގަކުރާ ބައެއް ކަންކަމުގެ ތެރޭގައި މީރާ އިން ވިޔަފާރިތަކަށް ދޭން ބުނެފައިވާ ވިކުރާ ބަލަހައްޓާ ބައެއް އާލާތްތައް ނުލިބުން ހިމެނެ އެވެ.

4 comments