ތިޔައީ ޓެކްސް ދައްކާ ފަރާތެއްތޯ އެވެ؟ އެހެން ވެއްޖެ ނަމަ މިހާރު އެންމެ ކަންބޮޑުވާ ކަމަކީ ކޮބައިތޯ އެވެ؟
"މިހާރު އެންމެ ބިރު ބޮޑު އެއް ކަމަކީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރާ ލިސްޓަކާ ހެދި. އެއީ އެއްގޮތުން މީރާ އިން ކުރާ ރަނގަޅު ކަމަކަށް ވެސް ވެދާނެ. އެކަމަކު އެކަން މައްސަލައަކަށް މި ވަނީ ފަހަކަށް ލިސްޓް އާންމު ކުރާއިރު ބަލަންވާ ވަރަށް ނުބަލައި ލިސްޓް އާންމު ކުރާތީ،" އައްޑޫގެ ވިޔަފާވެރިއަކު ބުންޏެވެ. "ޓެކްސް ދެއްކިޔަސް އެ ލިސްޓަށް ނާރާނެ ކަމުގެ ގެރެންޓީ ކުޑައީ. އެކަން އެބަ ޖެހޭ ހައްލުކުރަން. އެހެން ނޫން ކަމަށް ވަންޏާ ވިޔަފާވެރިންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ."
އެ ވިޔަފާރިވެރިޔާ ބުނިގޮތަށް ޓެކްސް ނުދައްކައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރާ ލިސްޓަކީ އިތުބާރު ކުރެވޭ، ސައްހަ މައުލޫމާތު ކޮންމެހެން ވެސް ހިމެނޭ ލިސްޓަކަށް ވާން ޖެހެ އެވެ. "ކަމަކަށް ކަމެއް" ކުރާ އުސޫލުން އެ ލިސްޓް އާންމު ކުރަން ވެއްޖެ ނަމަ، މީރާ އަށް އާންމުންނާއި ވިޔަފާވެރިން ކުރާ އިތުބާރު ވެސް ގެއްލިގެން ހިނގައިދާނެ އެވެ.
ލިސްޓް އާންމު ކުރުމަކުން މައްސަލައެއް ނެތެވެ. އެއީ ރަނގަޅު ވެސް ކަމެކެވެ. ލިސްޓްގެ އެންމެ ބޮޑު ފައިދާއަކަށް ވެސް ވާނީ ލިސްޓަށް އަރައިފާނެ ކަމުގެ ބިރަށްޓަކައި ވެސް ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން އެކަމަށް ސަމާލުވެ، އެކަން ކުރުމެވެ. އެކަމަކު ކަންބޮޑުވުމަކަށް ވަނީ ލިސްޓުގެ ސައްހަ ކަމާ ދޭތެރޭ ބައެއް ފަހަރު ސުވާލު އުފެދޭ ގޮތަށް ކަންކަން ހިނގާފައި ހުރުމެވެ. މިހާރު ޓެކްސް ދައްކާ ވަރަށް ގިނަ ބައެއްގެ ޝަކުވާއަކަށް ވަނީ ޓެކްސް ދައްކާފައި އޮތަސް ލިސްޓަށް ނަން އެރުމުގެ ބިރު އޮތުމެވެ.
އެކަހަލަ މައްސަލަތަކެއް ދާދިފަހުން މި ވަނީ ފެންމަތިވެފަ އެވެ. އައްޑޫގެ ދެ ކުންފުންޏަކުން ޖީއެސްޓީ ދައްކާފައި ވަނިކޮށް، ޓެކްސް ނުދައްކާ ކަމަށް ބުނެ ލިސްޓްގައި އެ ފަރާތްތަކުގެ ނަން އާންމު ކުރުމުން މައްސަލަ ވަނީ ހޫނުވެގެން ގޮސްފަ އެވެ.
އެ ކުންފުނިތަކުން ބުނީ މީރާގެ ސަބަބުން އެ ކުންފުނިތަކުގެ "ރެޕިއުޓޭޝަން ގެއްލި" ވިޔަފާރި އަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ ޓެކްސް ދައްކާފައި ވަނިކޮށް، ލިސްޓްގައި ހިމަނައިގެން ލިބުނު ގެއްލުމާ ހެދި އެ ފަރާތްތަކުން ވަނީ މީރާ ގޮވައިގެން ކޯޓަށް ދާން ވެސް ނިންމައިފަ އެވެ.
ޓެކްސް ދައްކަން އެކަކަށް ވެސް މައްސަލައަކަށް ވެގެނެއް ނޫޅެ އެވެ. އެހެން ނަމަވެސް މިކަމަކީ ރާއްޖެ އަށް އަދި ވަރަށް އާ، އާންމުންގެ ހޭލުންތެރިކަން ކުޑަ ވެސް ކަމަކަށްވުމާ އެކު ހަރުދަނާ އުސޫލްތަކެއްގެ ދަށުން ޓެކްސްގެ ނިޒާމް ކުރިއަށް ގެންދަން ޖެހެ އެވެ. މިކަން "ބޮޑު ބުރައަކަށް" ވެގެން އުޅެން ޖެހޭ ގޮތަކަށް ކުރިއަށް ގެންދަން ވެއްޖެ ނަމަ އާންމުންނަށް އޮންނާނީ ޓެކްސް އަށް ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދެވި އެވެ. އެހެންވެ އެ ނިޒާމު "ރައްޓެހި" ނިޒާމަކަށް ހަދަން މީރާ އިން ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭ ކަމަށް ގަބޫލް ކުރެވެ އެވެ.
މީރާގެ ހެޑް އޮފީސް ހުރީ މާލޭގައި ކަމަށް ވިޔަސް ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިތައް ރަށްރަށުގައި އެބަހުއްޓެވެ. އެހެންވެ ރަށްރަށުގެ ވިޔަފާވެރިންނާއި އާންމުންގެ މެދުގައި ވެސް މި ނިޒާމަށް ވީހާ ވެސް ބޮޑަށް ހޭލުންތެރިކަން އުފައްދަން ޖެހެ އެވެ. ޓެކްސް ދެއްކުމަށް ފަސޭހަ އުސޫލްތަކެއް ކަނޑައެޅިފައި އޮންނަން ޖެހެ އެވެ.
މީރާ އަށް ރަށްރަށުން ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައި އޮންނަނީ އެ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ. ކައުންސިލް އިދާރާތަކަށް ޓެކްސް ދެއްކޭނެ އިންތިޒާމު އޮތީ ހަމަޖައްސައިފަ އެވެ. އެހެން ނަމަވެސް މިކަމުގައި ރަނގަޅު ކުރަން ޖެހިފައިވާ ކަންތައްތަކެއް ހުރިކަން ޓެކްސް ދައްކާ ފަރާތްތަކުން ފާހަގަ ކުރެ އެވެ.
ފޭދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓް އޮފް ބިޒްނަސް، ޔޫތު އެންޑް ސްޕޯޓްސްގައި ޓެކްސް ކަންތަކާ ހަވާލުވެ ހުންނެވި އޮފިޝަލަކު ވިދާޅުވީ ޓެކްސް އާ ގުޅޭ ގޮތުން ހޭލުންތެރިކަން އަދިވެސް ވަރަށް ކުޑަ ކަމަށެވެ. އެހެންވެ ޖީއެސްޓީ ދައްކަން ޖެހޭ ފަރާތްތަކުން މިކަމަށް ދޭން ޖެހޭ ވަރަށް ސަމާލުކަން އަދިވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި މުއްދަތަށް ޓެކްސް ނުދެއްކި ލަސްވުމާއި، ޖީއެސްޓީ ބަޔާނުގައި މައްސަލަތައް ހުރުން އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ޖީއެސްޓީ ރިޕޯޓް އަތޮޅުތަކުން ޕޯސްޓް މެދުވެރިކޮށް މީރާ އަށް ފޮނުވަން ޖެހުމާއި މީރާ އިން ބަލަން ޖެހޭ ކަންތައްތައް ބެލުމުގައި "ފަރުވާ ކުޑަކުރުން" ފަދަ މައްސަލަތައް ހުރިކަން ރަށްރަށުން ޓެކްސް ބަލައިގަންނަ ބައެއް އިދާރާތަކުން ފާހަގަ ކުރެ އެވެ. އެހެންވެ މީރާ އާއި ރަށްރަށުން ޓެކްސް ބަލައިގަންނަ އިދާރާތަކާ ދޭތެރޭ މިހާރަށް ވުރެ ގާތް ގުޅުމެއް އުފައްދަން ޖެހެ އެވެ.
"އަދިވެސް ހޭލުންތެރިކަން ވަރަށް ކުޑަ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާވެރިންނަކީ އެ މީހުންގެ ވިޔަފާރިތަކުގެ ހިސާބު ރަނގަޅަށް ބެލެހެއްޓުމުން ނުދާ ފަރާތްތައްކަން ފާހަގަކޮށްލެވޭ. އެ ސަބަބާ ހުރެ ޓެކްސް ބަޔާން ހުށަހެޅުމުގައި މައްސަލަތައް ދިމާވެ އަދި ޓެކްސްގައި ދެއްކުމަށް ދޭން ޖެހޭ ސަމާލުކަން ވެސް ނުދެވޭ،" އޮފިޝަލް ވިދާޅުވި އެވެ. "އެގޮތަށް ދިމާވާތީ މީރާ އަށް ޓެކްސް ރިޕޯޓް ފޮނުވުމުގައި ވެސް ލަސްތަކެއް އުޅޭ. އަނެއްކާ ޕޯސްޓުން ރިޕޯޓް ފޮނުވަން ޖެހޭތީ ވެސް މީރާ އަށް ރިޕޯޓް ފޯރުމުގައި ދުވަސްތަކެއް އެބަ ނަގޭ."
އޭނާ ވިދާޅުވީ އެގޮތަށް ދިމާވެގެން ޓެކްސް ދައްކާފައި ހުންނަ ފަރާތްތަކުގެ ނަންތައް ލިސްޓްގައި އާންމު ކުރެވިގެން މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ޝަކުވާކޮށްފައިވާ ކަމަށެވެ.
"ލިސްޓް އާންމުކުރަން ފެށި ދުވަސްކޮޅު މީރާ އިން ގުޅާފައި ވެސް ވަރަށް ބޮޑަށް ޓެކްސް ދައްކާ ފަރާތްތަކުގެ މައުލޫމާތު ސާފު ކުރަމުން ދިޔަ. އެހެން ނަމަވެސް އޭރު އެކަން ކުރި ގޮތަކަށް މިހާރަކު ނުކުރެވޭ. އެގޮތަށް ދިމާވެގެން ޓެކްސް ދައްކާފައި ހުންނަ ފަރާތްތަކުގެ ނަންތައް ވެސް ލިސްޓްގައި އާންމު ކުރެވެނީ،" އޭނާ ވިދާޅުވި އެވެ. "މީގައި ހަމައެކަނި ޓެކްސް ދައްކާ ފަރާތްތަކުގެ މައްސަލަތަކެއް ނޫން އުޅެނީ. މީރާގައި ވެސް އެބަހުރި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް."
މީރާގެ ޑިރެކްޓަރު އޮފް ރެވެނިއު ސާވިސް ފަތުހުﷲ ޖަމީލް ޖަމީލް ވިދާޅުވީ ޓެކްސް ނުދައްކައިގެން މީރާ އިން ލިސްޓް އާންމު ކުރުމުގައި ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް މީރާ އިން ސަމާލު ވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މައްސަލަތައް ކުރިމަތި ނުވާނެ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މިހާރު ވެސް ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"ކައުންސިލުން މީރާ އަށް ފޮނުވާ ރިޕޯޓްގެ އިތުރަށް އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ޓެކްސް ދައްކާ ފަރާތްތަކަށް ގުޅައިގެން ޓެކްސް ދައްކާފައި އޮތްތޯ އިތުރަށް ޔަގީންކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ. "ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ޔަގީންކޮށްފައި އަޅުގަނޑުމެން ނަންތައް އާންމު ކުރާނީ."
ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ވިދާޅުވީ މީރާ އިން ލިސްޓް އާންމު ކުރުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި އެއީ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް ދެވޭ ފުރިހަމަ "އެލާޓެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ލިސްޓަކީ ސައްހަ މައުލޫމާތު ހިމެނޭ ލިސްޓަކަށް ވެގެން ނޫނީ ލިސްޓަށް މިހާރު އޮތް "ބިރު" ފިލައިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

5 comments