ވިޔަފާރި

ޗައިނާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ދެ އޮފީހެއް ހުޅުވައިފި

އަބްދުﷲ ޖަމީލު
22 ޖޫން 2012 18:29
  • ޗައިނާ ޓޫރިސްޓުންތަކެއް ޖުމްހޫރީ މައިދާނުގެ ގޮނޑިއެއްގައި އިށީނދެލައިގެން: އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުން.--- ހަވީރު ފައިލް ފޮޓޯ

ރާއްޖޭގެ ޓޫރިޒަމް ޗައިނާގައި ޕްރޮމޯޓް ކުރުމަށްޓަކައި ދެ އޮފީހެއް ހުޅުވައިފި އެވެ.

ޓޫރިޒަމާ ގުޅޭ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ދެ އޮފީހެއް ހުޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން ޝަންހާއީގައި ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޗައިނާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އައްޔަންކުރި ޕަބްލިކް ރިލޭޝަން އެޖެންޓުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އެ މީހުން ދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެއީ ސަރުކާރުން ހަރަދުކޮށްގެން ހިންގަން ހުޅުވި އޮފީސްތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެ ވެބްސައިޓްގައި ޝަންހާއީ ޓޫރިޒަމް އެންޑް ޓްރޭޑް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޗެން ޒިޔޫއާ ހަވާލާދީ ބުނެފައި ވަނީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގައި ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އޮފީސްތަކެއް ހުޅުވުމުން ޗައިނާއަށް ރާއްޖެ ތައާރަފްކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖެއަކީ ޝަންހާއީގެ މީހުންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޝަންހާއި ސްޕްރިންގް އިންޓަނޭޝަނަލް ޓްރެވަލް ސާވިސަސްގެ މެނޭޖަރު، އޭޝިއާ ޕެސިފިކް ރީޖަން، ޒޫ ގިންލިން ވިދާޅުވީ އިޝްތިހާރު ނުކުރި ނަމަވެސް، ޗައިނާގެ މަގުބޫލް މަންޒިލެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އަދި ހަނީމޫން ހޭދަކުރަން ބޭނުންވާ ޗައިނާގެ މީހުންގެ މެދުގައި އެންމެ މަގުބޫލު ގައުމަކީ ވެސް ރާއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒޫ ވިދާޅުވީ ޗައިނާގެ 200،000 ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވާއިރު، މި އަހަރު 250،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަހަރަކު 20 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ އަދަދަކަށް، ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި