ސޮނޭވާ ގްރޫޕުން ހިންގާ ސޮނެވާގިލި (ލަންކަންފުށި)، ސިންގަޕޫރުގެ އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގަން ފެށި ނަމަވެސް މިހާރު ރިޒަވޭޝަން އަދި ބުކިން ހައްދާފައިވާ ގެސްޓުންނަށް އެއްވެސް ބަދަލެއް ނެތި ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއެލް އިން ބުނެފި އެވެ.
ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ވެބްސައިޓަކަށް އެޗްޕީއެލްގެ ޗެއާމަން ސްޓެފަން ލައު ދިން އިންޓަވިއުއެއްގައި ވިދާޅުވީ މެނޭޖްމަންޓް ބަދަލުވިޔަސް ޓޫރިސްޓުންގެ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ރިސޯޓް ހިންގަމުން އައި ގޮތަކަށް ބަދަލެއް ނުގެންނާނަން. އަދި މެނޭޖްމަންޓް ބަދަލުވުމުގެ ކުރިން ވެސް އަދި ފަހުން ވެސް ބުކިން ހަދާފައިވާ ފަރާތްތަކަށް އެމީހުން ބުކިން ހަދާފައިވާ ގޮތަށް ޗުއްޓީ ހޭދަކުރެވޭނެކަމުގެ ޔަގީންކަން ދެން،" ސްޓެފަން ލައު ވިދާޅުވި އެވެ.
ސޮނޭވާ ގްރޫޕުން ކުރިން ހިންގަމުން ގެންދިޔަ ރިސޯޓް އާ މެނޭޖްމަންޓުން ހިންގަން ފަށަނީ "ގިލި ލަންކަންފުށި"ގެ ނަމުގަ އެވެ. އަދި އެ ރިސޯޓް ހިންގަމުން ދާނީ މަތީ ފަންތީގެ ރިސޯޓެއްގެ ގޮތުގައި ކަމަށް ވެސް އާ މެނޭޖްމަންޓުން ބުނެ އެވެ.
ހިންމަފުށީ ކައިރީގައި އޮންނަ އެންމެ މަތީ ފެންވަރުގެ މި ރިސޯޓަކީ މޫދުގައި 54 ވިލާ ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
ގިލި ލަންކަންފުއްޓަކީ އެޗްޕީއެލްގެ ރާއްޖޭގެ ފަސް ވަނަ ރިސޯޓެވެ. އެ ކުންފުނީގެ ރިސޯޓްތަކުގެ ތެރޭގައި ފޯސީޒަން ކުޑަހުރާ އާއި ފޯސީޒަން ލަނޑާގިރާވަރާއި ހޮލިޑޭއިން ކަނޑޫމާ ރިސޯޓާއި ރިހިވެލި ބީޗް ރިސޯޓް ހިމެނެ އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
0 comment