ވަތަނިއްޔާ މަސް ރޭސް

މަސް ރޭހުގެ ފޯރި މި އަހަރު މާ ގަދަވާނެ: ވަތަނިއްޔާ

މުހައްމަދު އަފްރާހު
02 ޖުލައި 2012 22:54
  • މިދިޔަ އަހަރު ވަތަނިއްޔާއިން ބޭއްވި މަސް ރޭހުގެ ތެރެއިން: މިއަހަރު މަސް ރޭސް ވެސް ރޯދަ މަހު އޮންނާނެ ކަމަށް އެ ކުންފުނިން ބުނޭ.--ހަވީރު ފައިލް ފޮޓޯ

ވަތަނިއްޔާއިން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބާއްވަމުން އަންނަ، ފޯރިގަދަ "ވަތަނިއްޔާ މަސް ރޭސް" މިފަހަރު މާ ފޯރިގަދަ ވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވަތަނިއްޔާގެ ޕަބްލިކް ރިލޭޝަން އޮފިސަ ތޮއިބާ ސައީދު ވިދާޅުވީ މިއަހަރުގެ މަސް ރޭސް ފޯރި ގަދަކުރުމުގެ ގޮތުން އެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

"ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ މިދިޔަ މަހުގެ 30 ވަނަ ދުވަހަށް. ނަމަވެސް މިއަހަރު ބައިވެރިވާ ފަރާތްތަކުގެ ވެސް އެދުމުގެ މަތިން ފަސް ވަނަ ދުވަހަށް އިތުރުކުރީ،" ތޮއިބާ ވިދާޅުވި އެވެ.

ސަގާފީ ގިނަ ހަރަކާތްތަކާއި މުނި ފޫހިފިލުވުމުގެ ގިނަ ކުޅިވަރުތައް ފެނިގެންދާ މަސް ރޭހުގައި މިއަހަރު ވެސް ގިނަ ބަޔަކު ބައިވެރިވަމުން އަންނަ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.

ތޮއިބާ ވިދާޅުވީ މިއަހަރުގެ މަސް ރޭސް ފޯރި ގަދަކުރުމުގެ ގޮތުން މަސް ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް އިންތިޒާމު ކުރަމުންދާ ކަމަށެވެ.

ވަތަނިއްޔާއިން ބުނީ މިއަހަރުގެ މަސް ރޭހުގައި ވެސް 16 ޓީމަކަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި މިއަހަރުގެ މަސް ރޭސް ކާމިޔާބުކުރާ ޓީމަކަށް ބައި ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި އަދި ކޮންމެ ހަފުތާއަކު އެއް ވަނައަށްދާ ޓީމަކަށް 3،000ރ. ދިނުމަށް ހަމަޖެހިފައި ވާއިރު، އެންމެ ގިނަ މަސް ބާނާ ފަރާތަކަށް 5،000ރ. އަދި މުބާރާތުގެ އެންމެ ބަރު މަސް ބާނާ ފަރާތަކަށް ވެސް 5،000ރ. ދިނުމަށް ހަމަޖެހިފައިވެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި