މީރާ

މީރާ އަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެއްޖެ

އަހުމަދު ރިޝާން
07 ޖުލައި 2012 09:23 1 ކޮމެންޓު
  • މީރާގެ އޮފީސް ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތަށް މީހަކު ވަންނަނީ: މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާ އަށް ލިބުނު ޑޮލަރުގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު 2.3 ޕަސެންޓް އިތުރުވެފައި.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރުން ލިބުނު އާމްދަނީ 140.6 މިލިއަނަށް އަރާ ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.3 ޕަސެންޓް އިތުރު އަދަދެއް ކަމަށް ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މީރާ އަށް 24.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި އާމްދަނީގެ 64.7 ޕަސެންޓް ލިބިފައި ވަނީ ޑޮލަރުން ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ. މީރާ އަށް އެންމެ ގިނަ އަދަދަކަށް ޑޮލަރު ލިބިފައި ވަނީ ޓޫރިޒަމް ދާއިރާއިންނެވެ. އެގޮތުން އާމްދަނީގެ 23.5 ޕަސެންޓަކީ ޓީޖީއެސްޓީ އެވެ. އަދި 48.6 ޕަސެންޓަކީ ޓޫރިޒަމް ދާއިރާއިން ދައްކާފައިވާ އެހެން ޓެކްސްތައް ކަމަށް ވެސް މީރާއިން ބުންޏެވެ.

ޓޫރިޒަމް ދާއިރާއިން ޖީއެސްޓީގެ ގޮތުގައި ނުވަ މިލިއަން ޑޮލަރު ލިބިފައި ވާއިރު ޓޫރިޒަމް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 3.7 މިލިއަން ޑޮލަރެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 2.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މީރާ އަށް މިދިޔަ މަހު ލިބިފައި ވަނީ 579 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 11 ޕަސެންޓް އިތުރު ކަމަށް ވިޔަސް ކުރިން ލަފާކޮށްފައިވާ ވަރަށް އާމްދަނީ ނުލިބުނުކަން މީރާގެ މަންތުލީ ރެވެނިއު ކަލެކްޝަން ރިޕޯޓްގައި ބުނެފައިވެ އެވެ.

މީރާ އިން ބުނީ ލަފާކުރި މިންވަރަށް ވުރެ އާމްދަނީ ދަށްވީ ޖީއެސްޓީ އާއި ޓޫރިޒަމް ބިމު ކުލި ލަފާކުރި ވަރަށް ވުރެ މަދުވުމުން ކަމަށެވެ. ޓޫރިޒަމް ބިމު ކުލި މަދުވުމުގެ މައިގަނޑު ސަބަބަކީ ބިމު ކުލި ދައްކަންޖެހޭ އެންމެ ފަހުގެ ތާރީހު ހުކުރު ދުވަހާ ދިމާވުމުން ބިމު ކުލި ދައްކަންޖެހޭ ސުންގަނޑި މި މަހުގެ އެކަކަށް ބަދަލު ކުރުމެވެ. އެހެންވެ އެބައި އިތުރުވާނީ މި މަހުގެ އާމްދަނީގެ ތެރެ އަށް ކަމަށް މީރާ އިން ބުންޏެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait