އިއާދަކުރަނިވި ހަކަތަ

އަވިން ހަކަތަ އުފެއްދުމަށް ބޭނުމީ ހޫނު ތަރުހީބެއް

އަހުމަދު ރިޝާން
10 ޖުލައި 2012 09:24 2 ކޮމެންޓު
  • ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އާއި ސްޓެލްކޯ ގުޅިގެން މާލެ އަތޮޅު ހަ ރަށަކަށް އަވިން ކަރަންޓް ދިނުމުގެ މަޝްރޫއު ފެށުމަށް ވިލިމާލޭގެ ބައެއް އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައި. -- ހަވީރު ފޮޓޯ ނަސްރުﷲ ސޯލިހު

އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ ވާހަކަ ރާއްޖޭގައި އަބަދުވެސް ދެކެވެ އެވެ. އަދި ބައެއް މަޝްރޫއުތަށް ފެށި ނަމަވެސް ކާމިޔާބުކަމާ އެކީ ދެމެހެއްޓެނިވި ގޮތަކަށް ހިންގިފައިވާ މަޝްރޫއެއް އަދި ނެތެވެ.

ރާއްޖޭގައި ހަކަތަ ބޭނުންކުރާ މިންވަރަށް ބަލާއިރު ޖީޑީޕީގެ 17 ޕަސެންޓް ހިއްސާކުރަނީ ތެޔޮ އެތެރެކޮށްގެން ހަކަތަ އުފެދުމަށެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ތެލަށް ކުރާ ހޭދަ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުޑަކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. އެކަމަށް ބޭނުންވަނީ އިންވެސްޓްކުރެވޭނެ ގޮތްތަކެވެ.

ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އާއި ޖަރުމަންގެ ވާސޮލް ގުޅިގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި ވާސޮލް ރި މޯލްޑިވްސް އިން ބުނީ އެކުންފުނި އޮތީ ރާއްޖޭގައި ސޯލާ ޕެނެލް ބެހެއްޓުމަށް އިންވެސްޓްކުރަން ތައްޔާރަށް ކަމަށެވެ. އެކުންފުނިން ވަނީ އަވިން ކަރަންޓް އުފެއްދުމަށް ސްޓެލްކޯ ގުޅިގެން މާލެ އަތޮޅުގެ ހަ ރަށެއްގައި ސޯލާ ޕެނަލްތައް ހަރުކޮށް އެކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވިދާނެ ކަމެއްކަން އަންގައިދީފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް މެދުވެރިކޮށް ޖުމްލަ 652 ކިލޯވޮޓްގެ ކަރަންޓް މިހާރު އުފައްދަ އެވެ. މި މަޝްރޫއުގެ ދަށުން މާފުށީގައި 120 ކިލޯވޮޓް، ގުރައިދޫގައި 64 ކިލޯވޮޓް، ހިންމަފުށީގައި 74 ކިލޯވޮޓް އަދި ކާށިދު އާއި ތުލުސްދޫގައި ކޮންމެ ރަށަކު 48 ކިލޯވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. އަދި މި މަޝްރޫއުގައި ސޯލާ ހަރުކޮށްފައިވާ ރަށްރަށުން 30 ޕަސެންޓަށްވާ ވަރަށް ކަރަންޓް ހަރަދު ކުޑަވެގެންދާނެ ކަމަށް ވެސް ރިނުއަބަލް އެނާޖީ މޯލްޑިވްސް އިން ބުނެ އެވެ.

ރިނިއުއަބްލް އެނާޖީ މޯލްޑިވްސްގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ ކަރަންޓް އުފެއްދުމަށް ޑީސަލް ބޭނުންކުރުން އެއްކޮށް ހުއްޓާނުލި ނަމަވެސް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަން ދަށްކުރެވިދާނެ ކަމަށެވެ.

"މިއީ ރާއްޖެ އަށް ޑީސަލް އެތެރެކުރާ މިންވަރު މަދުވެގެންދާނެ ކަމެއް. މި މަޝްރޫއުގެ ސަބަބުން މިކަން ކުރުމަށް ތަޖުރިބާތަކެއް ލިބިގެން ގޮސްފި. އަދި ކުރިޔަށް އޮތްތާ މިފަދަ މަޝްރޫއުތައް އަވަސް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް ވަނީ ދަސްވެފައި،" ނާޝިދު ވިދާޅުވި އެވެ.

ވިއްސާރަ ދުވަސްވަރުގައި ވެސް ސޯލާތަކުން ހަކަތަ އުފެއްދޭ ކަމަށް ނާޝިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިރުގެ ހަތައަށް ފުރުސަތު ބޮޑު ކަމަށެވެ. "އަޅުގަނޑުމެން މިތިބީ އިންވެސްޓް ކޮށްދޭން ތައްޔާރަށް. އެއަށްފަހު ސޯލާ އިން އުފައްދާ ކަރަންޓް އަޅުގަނޑުމެން އެބޭފުޅުންނަށް ވިއްކާނަން. މި ގޮތަށް ކަރަންޓް ގަތް ނަމަވެސް ޑީސަލް މެދުވެރިކޮށް އުފައްދާ ކަރަންޓަށް ވުރެ އަގު ހެޔޮވާނެ،" ޑރ. ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގަ އާއި މީހުން ދިރިއުޅޭ ގެތަކުގައި ވެސް ސޯލާ ޕެނެލް ހަރުކުރުމަށް ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އޮތީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޭނުންވަނީ ހުއްދަ. މިހާރު ވެސް ރިސޯޓްތަކާ މިދަނީ ވާހަކަ ދައްކަމުން. އެކަމަކު މިކަމަށް ލިބޭ ތަރުހީބު އަދި ވަރަށް ކުޑަ. ރިސޯޓްތަކަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މާކެޓް ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް،" ޑރ. ނާޝިދު ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ރަށަކާއި ރިސޯޓެއްގައި އެއްގޮތަކަށް ވެސް ޑީސަލް ބޭނުންނުކޮށް އަވިން ހަކަތަ އުފައްދައިގެން ކަރަންޓް ދިނުމަށް ދިރާސާތަކެއް ކުރުމަށް ވެސް ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އިން ވަނީ ނިންމާފަ އެވެ. ޑރ. ނާޝިދު ވިދާޅުވީ އެކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވަނީ މީހުން ހެލުންތެރިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯލާ ޕެނެލްތައް ހަރުކުރުމަށް ފަހު 20 އަހަރު ވަންދެން ސޯލާ ޕެނެލްމެދުވެރިކޮށް ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އިން ކަރަންޓް ވިއްކާނެ އެވެ. އެއަށް ފަހު ސޯލާ ޕެނެލްތައް ހަރުކޮށްފައިވާ ފަރާތްތަކަށް ސޯލާ ޕެނެލްތައް މިލްކުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި މިގޮތަށް ސޯލާ ޕެނަލްތައް މިލްކުވުމަށް ފަހު އިތުރު 20 އަހަރު ވަންދެން ކަރަންޓް އުފެއްދުމުގެ ގާބިލްކަން އެކުންފުނިން ހަރުކުރާ ސޯލާ ޕެނެލްތަކުގައި ހުންނާނެ ކަމަށް ވެސް ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އިން ބުންޏެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait