ދުނިޔޭގެ އިގްތިޞާދު

ައައިޓީ އަށް ހޭދަކުރާ މިންވަރު މި އަހަރު 3.6 ޓްރިލިއަން އަށް އަރާނެ

މޫސާ ލަތީފް
11 ޖުލައި 2012 12:14

ސެން ފްރާންސިސްކޯ - ދުނިޔޭގެ އިގުތިސާދު މައްސަލަގަނޑެއްގެ ތެރޭގައި އުޅުނަސް މުޅި ދުނިޔޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އަށް ހޭދަކުރާ މިންވަރު މި އަހަރު 3.6 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް މާކެޓް ދިރާސާކުރާ ގާޓްނާ އިން އިއްޔެ ބުނެފި އެވެ.

ގާޓްނާއިން އިސްލާހުކުރި ލަފާކުރުންތަކުން ދައްކާ ގޮތުގައި ކުރިން ބެލެވުނު މިންވަރަށް ވުރެ މި އަހަރު އައިޓީގެ މަޝްރޫއުތަކަށް ހޭދަކުރާ އަދަދު މަތިވާނެ އެވެ. މިހާރު ލަފާކުރި މިންވަރަކީ މިދިއަ އަހަރަށް ވުރެ ތިން ޕަސެންޓް އިތުރު އަދަދެކެވެ.

"ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް އެގޮތުގައި އޮތަސް - މިސާލަކަށް ޔޫރޯ ޒޯންގެ މައްސަލަ، އެމެރިކާގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ލަސް ދުވެލި އަދި ޗައިނާގައި އޮތް މަޑުޖެހުން ފަދަ ކަންތައް ތަޖުރިބާކުރިޔަސް - ފެންނަ ފެނުމުގައި ކަންތައް އޮތީ ރަނގަޅަށް،" ގާޓްނާގެ ރިސާޗުގެ ނައިބު ރައީސް ރިޗާޑް ގޯޑަން ވިދާޅުވި އެވެ.

މައުލޫމާތު ރައްކާތެރިކޮށް ބެހެއްޓުމަށް ކޮމްޕިއުޓަރުގެ ބޭނުންކުރުމާއި މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ އުފެއްދުންތަކަށް ކުރާ ހޭދަ އެގޮތުގައި އެބަ އޮތް ކަމަށް ވެސް ގާޓްނާ އިން ބުނެ އެވެ.

މިދިއަ އަހަރުގެ ހިސާބުތަކަށް ބަލާ އިރު އައިޓީގެ ބައެއް ދާއިރާތަކުން މިހާރު ވެސް ވަނީ 1.4 ޕަސެންޓުން ފެށިގެން 10.8 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން ކުންފުނިތަކުން މުވާސަލާތީ ޚިދުމަތްތަކަށް 1.7 ޓްރިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އަދި އެ ދާއިރާގެ ސާމާނަށް 377 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި