ރާއްޖެ އިސްތިހާރުކުރުމަށް ބޭނުންވާ ފޮޓޯ ހޯދުމަށް، ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ފޮޓޯގްރާފަރުންނަށް ހާއްސަކޮށްގެން "ސަނީ ސައިޑް އިން ފްރޭމް" ގެ ނަމުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 16ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ދީފައިވާ މުއްދަތުގެ ތެރޭ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މިފަދަ މުބާރާތެއްގެ ބޭނުމަކީ ރާއްޖެ އިސްތިހާރު ކުރުމަށް ބޭނުންވާ ފޮޓޯ ދިވެހި އާޓިސްޓުންގެ އަތުން ހޯދުން ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން ވެސް މިފަދަ މުބާރާތެއް ބާއްވާފައި ވާނެ. ރާއްޖޭގައި ވަރަށް ބައިވަރު، ފޮޓޯ ނަގާ މީހުން އެބައުޅޭ. އެހެންވީމަ އެމީހުންގެ އެހީގައި އެމީހުންގެ ފޮޓޯ ރާއްޖެ އިސްތިހާރުކުރުމުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ،" މަލީހު ވިދާޅުވި އެވެ.
ރާއްޖޭގެ ރީތި އަތިރިމައްޗާއި މޫދާއި ގޮނޑުދޮށްތަކުގެ ފޮޓޯ ނެގުމަށް ހުޅުވާލާފައިވާ މި މުބާރާތުގައި 250،000ރ. ގެ ފައިސާ އިނާމު ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެގޮތުން މުބާރާތުގައި ފޮޓޯ ނެގުމަށް 20 ކެޓަގަރީއެއް ކަނޑައަޅާފައި ވާއިރު ކޮންމެ ކެޓަގަރީއަކުން ވެސް އެއް ވަނަ ހޮވުމަށް ވަނީ ނިންމައިފަ އެވެ. އަދި ހުރިހާ ފޮޓޯތަކުގެ ތެރެއިން އެންމެ މޮޅު ފޮޓޯ އަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.

4 comments