ލާރި

5 ލާރި އާއި 10 ލާރި ބައެއް ބަދަލުތަކާއެކު ބާޒާރަށް ނެރެފި

މުހައްމަދު އަފްރާހު
15 ޖުލައި 2012 11:41 5 ކޮމެންޓު

މިހާރުވެސް ބޭނުންކުރަމުން އަންނަ 5 ލާރި އާއި 10ލާރީގެ ފައިސާ ފޮތި ބައެއް ބަދަލުތަކާއެކު މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އަލުން ތައާރަފްކޮށްފި އެވެ.

ތުނޑު ތުނޑުލީ ބައްޓަމަށް ހަދާފައިވާ 5ލ. އާއި 10 ލާރީގެ ބަދަލުގައި އެމްއެމްއޭ އިން މި ފަހަރު ބާޒާރަށް ނެރެފައިވަނީ ވައްބުރު ބައްޓަމަށް ބަދަލުކޮށްފައިވާ ލާރިއެވެ.

އެމްއެމްއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 5ލ. އާއި 10ލ. ގެ ފައިސާ ފޮތި ބާޒާރަށް ނެރެދެއްވީ މޯލްޑިވްސް އިންލަންޑް އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ޔަޒީދު މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަޒީދު ވިދާޅުވީ އަލަށް ތައާރަފުކުރި ލާރީގެ ސަބަބުން ވިޔަފާރިވެރިން ވަކި ލާރި ހޯދަން ހޭދަކުރަންޖެހޭ ވަގުތު އަވަސް ވެގެންދާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ޖީއެސްޓީ ތައާރަފުކުރި އިރު ވަކި ލާރި ހޯދަން ވަރަށް ދަތިވެގެން ދިޔަ. އޭގެ ފަހުން އެމްއެމްއޭގެ ގަވަރުނަރާއި މެނޭޖްމަންޓާ ވެސް ބައްދަލުކުރިން އެދުވަހު ވިދާޅުވި ވަކި ލާރި ސާކިއުލޭޓްނުކުރާ ވާހަކަ. އެ ބައްދަލުވުމާ ގުޅިގެން ގަވަރުނަރު ޔަގީންކަން ދެއްވި ފަދަ އިން އިތުރު ވަކި ލާރި އެމްއެމްއޭ އިން ނެރެދެއްވި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ޔަޒީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ވިދާޅުވީ ޖީއެސްޓީ ތައާރަފުކުރުމާ އެކު، ވަކިލާރީގެ ޑިމާންޑް މަތިވެގެން ދިޔަ ކަމަށާއި އެމްއެމްއޭ އިން 10 އަހަރަށް ތައްޔާރުކުރި ވަކިލާރި ހަ މަސް ދުވަހުގެ ތެރޭގައި ހުސްވެދާނެ ކަމުގެ ބިރު ހީވި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ވަކިލާރި ގެންގުޅޭ ސިސްޓަމް ތެރޭގައި ލޯވަޅެއް އުޅޭ ކަމަށާއި، ރާއްޖޭގެ ބާޒާރުގައި ވަކިލާރި އެކަށީގެންވާ ގޮތެއްގައި ދައުރުނުވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފަވާ ގޮތުގައި ގިނަ އަދަދެއްގެ ވަކިލާރި ސުވެނިއާގެ ގޮތުގައި ގަނެގެންގެންދޭ. މި ލާރިއަކީ ސިސްޓަމުން ނުކުތުމަށް ފަހު އަނބުރާ ވަންނަ ފައިސާއެއް ނޫން. އެހެންކަމުން މިއީ އެކަށީގެންވާ ޑިމާންޑެއް އޮތް ކަމަކަށްވާ ނަމަ މިކަމަށް ހާއްސަ ސުވެނިއާއެއްގެ ގޮތުގައި ވަކިލާރި ޖަހަން ވިސްނަންވެއްޖެ،" ފަޒީލް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ބުނީ 5ލ. އާއި 10ލ. ޑިޒައިނަށް ބަދަލު ގެނެސްގެން އަލުން ބާޒާރަށް ނެރުމާއެކު ވަކިލާރި ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް އަވަސް ވެގެންދާނެ ކަމަށެވެ.

"ކުރިން ހުންނަ ތުނޑުތުނޑުލީ 5ލ. އާއި 10ލ. މެޝިނަކުން ނުގުނޭ. އެހެންވެ ގުނަންޖެހެނީ މެނުއަލްކޮށް. ނަމަވެސް މި ފައިސާ ފޮތިތައް މެޝިނުން ގުނާލެވޭ،" ޒާހިރާ ވިދާޅުވި އެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait