ވެލިގާ ހާޑްވެއާ އާއި ޕިކަޕް ސާވިސް ގުޅިގެން ކުރިއަށް ގެންދިޔަ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
ވެލިގާ ހާޑްވެއާއިން ނަސަންދުރަ ޕެލަސް ހޮޓެލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ވެލިގާ ހާޑްވެއާ އާއި ޕިކަޕް ސާވިސްގެ އިސް ވެރިންނެވެ. ވެލިގާއިން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މާލޭގައި ޕިކަޕާއި ލޮރީތަކުގައި ދަތުރުކުރުމުން ކޫޕަނެއް ދޫކޮށްގެންނެވެ. މި ޕްރޮމޯޝަނަށް އެ ކުންފުނިން ހުށަހަޅާފައިވާ އެއް ލައްކަ ރުފިޔާގެ އިނާމު ވަނީ ހަތަރު ބަޔަކަށް ބަހާލާފަ އެވެ.
މި އިނާމުގައި ހިމެނެނީ 1،000ރ. ގެ 10 އިނާމާއި އިތުރު ތިން އިނާމެވެ. މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވާ ބައި ލައްކަ ރުފިޔާ ލިބިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަން ގިރި ހުސެއިން އަށެވެ. އަދި ދެވަނަ އިނާމަކަށް ހުށަހެޅި 25،000ރ. ހަސަން މުބާރިކަށް ލިބުނުއިރު ތިންވަނަ އަށް ދިން 15،000ރ. ލިބުނީ މުހައްމަދު ޝަންމޫން އަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕިކަޕް ސާވިސްގެ ވެރިޔާ އިބްރާހިމް ހަސަން ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް އޮތް ތާނގައި ވެސް ވެލިގާ ހާޑްވެއާއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"މިކަން ކާމިޔާބުކަމާ އެކު ކުރިއަށް ދިޔައީ ވެލިގާ ހާޑްވެއާއާ ކަސްޓަމަރުންގެ ވެސް އެއްބާރުލުމާ އެކު،" ހަސަން ވިދާޅުވި އެވެ.
ބައި ލައްކަ ރުފިޔާ ފައިސާގެ އިނާމު ލިބުނު އަލަންގިތި ހުސެއިން ބުނީ އެ ފައިސާއިން އޭނާ ބަންގްލަދޭޝްގައި ގެއެއް އަޅަން ނިންމާފައިވާ ކަމަށެވެ.
"އަހަރެން 200 ކޫޕަން ހޯދައިގެން ލީ 36 ކޫޕަން. މި އިނާމު ލިބުމުން ވަރަށް އުފާވި،" އަލަންގިރި ބުންޏެވެ.
ވެލިގާ ހާޑްވެއާއިން ރޭވަނީ އެ ކުންފުނީގެ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ. ވެލިގާއިން ބުނީ ކުރިއަށް އޮތް ތާނގައި ވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށާއި، މި ޕްރޮމޯޝަންގެ އިނާމުގެ އަދަދު ވެސް އިތުރުކުރަން ވިސްނާ ކަމަށެވެ.

1 comment