ދަނޑުވެރިކަން

ދަނޑުވެރިންނަށް 300 އަށްވުރެ ގިނަ ގޮޅި ދޫކޮށްފި

މުހައްމަދު އަފްރާހު
19 ޖުލައި 2012 09:44
  • ކުރީގެ ނާދީ ހުރި ބިން: މިތަނުގައި ވަގުތީ ކަރާ މާކެޓެއް ދަނީ ހަދަމުން.--ހަވީރު ފޮޓޯ/ ނަސްރުﷲ ސާލިހު

ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހުރި ބިމުންނާއި ދަތުރުވެރިންގެ އުފެއްދުންތައް ވިއްކާ މާރުކޭޓުން ޖުމްލަ 300 އަށްވުރެ ގިނަ ގޮޅި މާލެ ސިޓީ ކައުންސިލުން ދަނޑުވެރިންނަށް ދޫކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ ބައިގައި ބުދަ ދުވަހުގެ ރޭ ފުލުހުންގެ ހާޒިރުގައި ގުރުއަތު ނެގުމަށް ފަހު ހަވީރަށް ވާހަކަ ދައްކަވަމުން ކައުންސިލްގެ މެންބަރު އިސްމާއިލް ޝުޖާއު ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ގޮޅިތައް ދޫކޮށްފައި ވަނީ އެއްވެސް އިތުރު ފީއެއް ނެގުމެއް ނެތި މުޅިން ހިލޭ ކަމަށާއި މިއަހަރު ޖުމްލަ 311 ގޮޅި ދޫކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސިޓީ ކައުންސިލަށް އެއްވެސް އިތުރު އެއްޗެއް ނުނަގައި މިފަހަރު މި ގޮޅިތައް ދޫކުރީ. ސިޓީ ކައުންސިލްގެ މަގުސަދަކީ މާލޭގެ ރައްޔިތުންނަށް އުފެއްދުންތައް އަގު ހެޔޮކޮށް ލިބުން. އަޅުގަނޑުމެންގެ މަގުސަދަކީ ވެސް އެއީ،" ޝުޖާއު ވިދާޅުވި އެވެ.

ގޮޅިތަކުގެ ގުރުއަތު ނެގުމުގައި ކުރިން ރޭ ހަމަނުޖެހުން ހިނގި ނަމަވެސް ބުދަ ދުވަހުގެ ރޭ އެއްވެސް ހަމަ ނުޖެހުމަށް ނުހިނގަ އެވެ.

ޝުޖާއު ވިދާޅުވީ ދަނޑުވެރިން ބޭނުންވި ގޮތަށް ހުރިހާ ދަނޑުވެރިންނަށް ގޮޅިތައް ދޫކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގޮޅިތަކަށް އެދި 256 ފަރާތަކުން ހުށަހެޅި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މުވައްޒަފުންގެ ނާދީ ހުރި ބިމުން ދޫކޮށްފައިވާ ގޮޅިތަކުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

"ގޮޅިތައް ނެގި ފަރާތްތަކުގެ ކައިރީ އަޅުގަނޑުމެން ބުނެފައިވާނެ މިއަދުގެ އިރު އޮއްސޭއިރަށް އެތަން ނިމޭނެ ކަމަށް. އެތަން ނިމުމުން ވިއްކަން ފަށަންވީ،" ޝުޖާއު ވިދާޅުވި އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި