ލޯކަލް މާރުކޭޓް

މާރުކޭޓުގައި ދިވެހި އުފެއްދުންތައް ރަނަށް ވެފައި!

އަބްދުﷲ ޖަމީލު
23 ޖުލައި 2012 10:19 3 ކޮމެންޓު
  • ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ހުރި ދޮންކެޔޮގަނޑުތަކެއް މީހަކު ބަލަނީ: ގިނަ ދިވެހި އުފެއްދުންތަކުގެ އަގު ވަރަށް ބޮޑު --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ކޮންމެ އަހަރެއްގެ ރޯދަމަހު ލޯކަލް މާރުކޭޓުގައި ދިވެހި އުފެއްދުންތައް އާދަޔާ ހިލާފަށް އިތުރުވެ އެވެ. ދަނޑުވެރިކަމަށް މަޝްހޫރު ރަށްތަކުން ރޯދައާ ދިމާކޮށް ގެންނަ ތަކެތިން މާރުކޭޓު އޮންނަނީ ފުރިފަ އެވެ.

މާރުކޭޓުގައި އުފެއްދުންތައް ގިނަ ނަމަވެސް އާއްމު އެހެން މަސްތަކަށް ވުރެ ރޯދަމަހު އަގު ބޮޑުކަން ފާގަކުރެވެ އެވެ. އާއްމުކޮށް ރުފިޔާއަކަށް ދޮންކެޔޮ ވަކެއް ވިއްކި ނަމަވެސް، މިހާރު ދޮންކެޔޮ ވަކެއްގެ އަގު ވަނީ ފަސް ރުފިޔާ އަށް ވުރެ ބޮޑުވެފަ އެވެ. އަދި ދޮންކެޔޮގަނޑެއްގެ އަގު ވަނީ 800ރ. އަށް އުފުލިފަ އެވެ.

ރޯދަމަހު އާއްމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގުތައް ވަނީ އިންތިހާ އަށް އުފުލިފަ އެވެ. ކުރިން ދިހަ ރުފިޔާ އަށް ވިއްކި ކަރާ ކިލޯއެއްގެ އަގު މިހާރު ވަނީ 15ރ. އަރައިފަ އެވެ.

އޭގެ އިތުރުން ކުރުނބާގެ އަގު ވަނީ 20ރ. އުފުލިފަ އެވެ. ފަޅޯ ކިލޯއެއް 25ރ. އަށް ވިއްކާއިރު ދިވެހި އަނބެއްގެ އަގަކީ 60ރ. އެވެ. މިހާތަނަށް ބާޒާރުގައި އެންމެ ހައިރާންކުރުވަނިވި އަގެއްގައި ވިއްކާ އުފެއްދުމެއްގެ ގޮތުގައި ފާހަގަކުރެވުނީ ހަމައެކަނި ދިވެހި އަނބެވެ.

ފޮށިގަނޑެއްގެ މަތީގައި ވިއްސަކަށް އަނބު ބަހައްޓައިގެން ވިއްކަން ހުރި ފުވައްމުލަކު މީހަކު އިއްޔެ ބުނީ އަނބުގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އާއްމުކޮށް އަނބު ލިބެން ނެތުން ކަމަށެވެ.

"މިހާރު ފުވައްމުލަކުގައި ވެސް އަނބު ވަރަށް މަދު. ގަހެއްގައި އޮންނަ ދެތިން އެއްޗެއް ބިނދެގެން މާލެ ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫން،" އެ މީހާ ބުންޏެވެ.

ލޯކަލް މާރުކޭޓުގެ އެނޫން އެހެން އެއްވެސް ގޮޅިއެއްގައި ދިވެހި އަނބެއް ލިބޭކަށް ނެތެވެ. އަދި ފަނި ގިރާނެ އެހެން ދިވެހި އުފެއްދުންތައް ވެސް މިފަހަރު މަދުކަން ފާހަގަކުރެވުނެވެ. ފެޝަން ފުރުޓާއި އަންނާރާއި އަތަ އަދި ކަޅުހުއްތުމޭވާ ފަދަ ބާވަތްތައް ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މާރުކޭޓުގައި ކުރުނބާ ގިނަ އަދަދަކަށް އެބަ އޮތެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ހުރި ކާށިދޫ މީހަކު ބުނީ ކުރުނބާގެ އަގު ކުރިޔަށް އޮތް ތަނުގައި ދަށްވާނެ ކަމަށެވެ.

"ދެތިން ދުވަހުގެ ތެރޭގައި އެބަ ގެންނަން 10،000 ކުރުނބާ ރަށުން. އޭރުން މިހާރަށް ވުރެ އަގު ހެޔޮވާނެ،" އޭނާ ބުންޏެވެ.

މާރުކޭޓުގައި ހުރި ދިވެހި އުފެއްދުންތަކަށް ބަލާއިރު މިރުހާއި ކިއުކަންބާ، ކޮޕީފަތް ފަދަ ބާވަތްތަކުގެ އަގު އެއްވަރެއްގައި ހުއްޓަސް ބަނބުކޭލާއި ކައްޓަލަ އާއި އަލަ ފަދަ ބާވަތްތަކުގެ އަގު ވަނީ އިންތިހާ އަށް އުފުލިފަ އެވެ. މިރުސް ކިލޯއެއް 350ރ. ގައި ހުރި އިރު ކައްޓަލަ ކިލޯއެއްގެ އަގު އުޅެނީ 40ރ. ގަ އެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި ހުރި މީހަކު ބުނީ ރޯދަމަހު ތަކެތީގެ އަގު ބޮޑުވާ އެންމެ ބޮޑު އެއް ސަބަބަކީ ރަށްރަށުން ވެސް އެ އެއްޗެހި ވިއްކާ އަގު ބޮޑުވުން ކަމަށެވެ.

އެކި ރަށްރަށުން ގެންނަ އުފެއްދުންތަކުގެ އަގު ތަފާތެވެ. ހާއްސަކޮށް ކާށިދޫން ގެންނަ ތަކެތީގެ އަގު ބޮޑުވެފައި ލާމު އަތޮޅުން ގެނެސް ހުރި ބައެއް ތަކެތީގެ އަގު އުޅެނީ ހެޔޮކޮށެވެ.

"ރޯދައާ ދިމާކޮށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގެނައި ތަކެތި މިހިރީ. އެހެން ތަންތަނުން ލިބޭނެ މިއަށް ވުރެ ތާޒާކޮށް. އެއީ އެ މީހުންނަށް އަވަހަށް ގެނެވޭތީ. ދަތުރުފަތުރުގެ ކަންތައްތައް ހުންނަ ގޮތުން އެހާ ފަސޭހައެއް ނޫން ތަކެތި ގެންނާކަށް،" ލ. އަތޮޅުން މާލެ އައިސް ހުރި ދަތުރުވެރިއަކު ބުންޏެވެ.

ރޯދަމަސް ފެށޭއިރު އާއްމުކޮށް މާރުކޭޓުގައި ތަކެތީގެ އަގު ބޮޑުވި ނަމަވެސް ދިހަވަރަކަށް ދުވަސް ފަހުން މަޑުމަޑުން އަގު ދަށަށް ދާން ފަށަ އެވެ. ހާއްސަކޮށް ކަރާގެ އަގު ދަށަށް ދެ އެވެ. ބާޒާރުން މިވަގުތު ފެންނަނީ ހަމައެކަނި ތޮއްޑޫ ކަރަ އެވެ. އެހެން ރަށްރަށުގެ ކަރާ މިހަފުތާގެ ތެރޭގައި އަންނާނެ ކަމަށް ދަތުރުވެރިން ބުންޏެވެ.

ތޮއްޑޫ ދަނޑުވެރިއަކު ބުނީ މިހާރު ކަރާގެ އަގު ބޮޑުވި ނަމަވެސް ފަހުން ކަރާގެ އަގު ދަށްވާނެ އެވެ.

"ލ. އަތޮޅުންނާއި ބ. އަތޮޅުން ކަރާ އެބަ ގެނޭ. އެ މީހުން ގެނައިމަ ކިލޯއެއްގެ އަގު 12ރ. އަށް ވުރެ ދަށްވާނެ ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.

އެއް ބަޔަކު ބުނާ ގޮތުގައި ތަކެތީގެ އަގު ދަށްނުވާ އެންމެ ބޮޑު އެއް ސަބަބަކީ ދަތުރުވެރިން ވިއްކި އަގެއްގައި ރިސޯޓުތަކުން ގަންނާތީ އެވެ.

"އެ މީހުން ރިސޯޓްތަކަށް ވިއްކާ އަގުގައި އާއްމުންނަށް ވެސް ވިއްކަނީ. އެހެންވެ އެހާ އަގު ބޮޑުކަމަށް ދައްކަނީ. ދިވެހި އުފެއްދުންތައް މާރުކޭޓަށް ނުގެނެވިފައި އޮންނަނީ. ގިނަ ގޮޅިތަކުގެ މީހުން ތިބެނީ ރިސޯޓްތަކަށް ސަޕްލައިކުރާ މީހުންނާ ގުޅިފައި،" ބާޒާރަށް ވިޔަފާރިކުރަން ގޮސް ހުރި މީހަކު ބުންޏެވެ.

ބާޒާރުގައި އުފެއްދުންތަކުގެ އަގު އުފުލިފައިވާ ސަބަބުތައް ކަމާ ބެހޭ އެއްވެސް ފަރާތަކުން ނުބަލަ އެވެ. ނަމަވެސް ރޯދަމަހަށް ގެންނަ ތަކެތީގެ އަގު ބޮޑުވަނީ އާއްމުކޮށް ބޭނުންވާ މިންވަރަށް ސަޕްލައި ނުކުރެވެނީތޯ ނުވަތަ ދަނޑުވެރިން ވިއްކާ އަގު ބޮޑީތޯ މިއީ ބަލަން ޖެހޭ ކަމެކެވެ.

ދަތުރުވެރިން ބުނާ ގޮތުގައި ތަކެތީގެ އަގު އުފުލެން ދިމާވާ މައިގަނޑު ސަބަބަކީ ރަށުން ލިބޭ އަގު ބޮޑުވުމެވެ. އެއީ ކޮންމެވެސް ވަރެއްގެ ހަގީގަތަކަށް ވުން އެކަށީގެންވެ އެވެ. ނަމަވެސް ރޯދަމަސް ނިމޭއިރަށް ގިނަ އުފެއްދުންތަކުގެ އަގު ދަށްވެ އެވެ.

"ރޯދަމަހަކީ އާއްމުކޮށް ދިވެހި އުފެއްދުންތަކުގެ ޑިމާންޑް ބޮޑުވާ ދުވަސްވަރެއް. އަދި ބޭރުން ވެސް ގެންނަ ތަކެތި އަގު އެހާ ބޮޑުވުމުން ދިވެހި އުފެއްދުންތަކުގެ ޑިމާންޑް ވަކިން ބޮޑު. މިއީ ކޮންމެ އަހަރެއްގެ ރޯދަމަހު ހަމަ ދިމާވާ މައްސަލައެއް،" ގޮޅިއެއްގައި އިން ދަތުރުވެރިޔަކު ބުންޏެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait