ލޯކަލް މާރުކޭޓް

ކަރާގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގު ބޮޑީ އަލަނާސި ކަރާ!

އަހުމަދު ރިޝާން
30 ޖުލައި 2012 20:36
  • ބާޒާރުގައި ވިއްކަން ހުރި އަލަނާސި ކަރާތަކެއް: މިހާރު ކިލޯއެއް ލިބެނީ 20 ރުފިޔާ އަށް -- ހަވީރު ފޮޓޯ: އަހުމަދު ރިޝާން

މާލޭ ލޯކަލް މާރުކޭޓްގައި ކޮންމެ ރޯދަ މަހަކު ވެސް އެންމެ ތިޔާގި އެކައްޗަކީ ކަރާގެ ބާވަތްތަކެވެ. އެގޮތުން މި ރޯދަ މަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ތަފާތު ބާވަތްތަކުގެ ކަރާ ވަނީ މާލޭ ބާޒާރަށް ގެނެސްފަ އެވެ.

މިއަހަރު މާރުކޭޓްގައި ހުރި ކަރާގެ ބާވަތްތަކަށް ބަލާއިރު އެންމެ ބޮޑަށް އަޅައިގަތީ އަލަނާސި ކަރާގަ އެވެ. އާދައިގެ ކަރައަކާ އަޅާބަލާއިރު އަލަނާސި ކަރައިގެ ހުންނަނީ ވަރަށް ކުޑަ ތަފާތެކެވެ. ބޭރު ބަލާލައިފައި އަލަނާސި ކަރާ ވަކިކުރަން އެނގެނީ ވަރަށް މަދު މީހަކަށެވެ.

އަލަނާސި ކަރާ ދޮންވުމުން، އެތެރެ ރަތްވުމުގެ ބަދަލުގައި ހުންނަނީ ރީނދޫ ކުލައިގަ އެވެ. އަދި އާދައިގެ ކަރައަކާ އަޅާބަލާއިރު އޮށްތައް ކުއްޖެވެ. އަލަނާސި ކަރާގެ އެންމެ ފާހަގަކުރެވޭ ކަމަކީ އާދައިގެ ކަރައަށް ވުރެ ފޮނި ގަދަވެފައި މަޑު އަލަނާސި ރަހައެއް ވެސް ލާކަމެވެ. އެ ކަރައަށް އަލަނާސި ކަރާ ކިޔަނީ ވެސް އެހެންވެ އެވެ.

ބާޒާރުގައި ކަރާގެ އަގުތައް ހުރި ގޮތަށް ބަލާއިރު ކަރާ ކިލޯއެއް އެވްރެޖް ގޮތެއްގައި ލިބެނީ 14ރ. އަށެވެ. އަދި ބައެއް ގޮޅިތަކުން ކަރާ ކިލޯއެއް 13ރ. އަށް ވިއްކާއިރު، 12ރ. އަށް ވެސް ލިބެން އެބަ ހުއްޓެވެ. ނަމަވެސް އަލަނާސި ކަރާ ކިލޯއެއް ވިއްކަނީ 20ރ. އަށެވެ.

މިއަހަރު މާލޭ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ކަރާ ވިއްކަން ގެނައީ ތޮއްޑު އާއި ކާށިދޫ، ލ. އަތޮޅުގެ އެކި ރަށްރަށުގެ އިތުރުން ބ. އަތޮޅުންނެވެ. ނަމަވެސް މާރުކޭޓަށް މި ރޯދަ މަހު އަލަނާސި ކަރާ ގެނެސްފައި ވަނީ ބ. އަތޮޅުން އެކަންޏެވެ. މީގެ ކުރީ އަހަރުތަކުގެ ރޯދަ މަހު ތޮއްޑު އާއި ލ. އަތޮޅުން ވެސް އަލަނާސި ކަރާ މާލޭ ބަޒާރަށް ވިއްކަން ގެނަ އެވެ.

ބާޒާރުގައި ކަރާ ވިއްކާ މީހުން ބުނާ ގޮތުގައި އަލަނާސި ކަރާ ބާޒާރުގައި މަދީ އެ ބާވަތުގެ ކަރައަކީ އާދައިގެ ކަރަލަށް ވުރެ ހައްދަން އުނދަގޫ ބާވަތަކަށް ވާތީ ކަމަށެވެ.

"އާދައިގެ ކަރާ ވަރަށް ފަސޭހައިން ހެދޭ. އެކަމަކު އަލަނާސި ކަރާ ހައްދަން ވަރަށް މަސައްކަތް ކުރަން ޖެހޭ. ކަރާ ވެއޮގަނޑު ވަރަށް ރަނގަޅަށް ބަލަހައްޓާ، ވަރަށް ވަރުން އުޅެގެން ރަނގަޅު މުޑުވަކެއް ލިބޭނީ،" ތޮއްޑޫ ދަނޑުވެރިއަކު ބުންޏެވެ.

އޭގެ އަގު ވެސް ބޮޑީ އެހެންވެގެންނެވެ. ކުރާ މަސައްކަތް ބުރަކަމުން، އަގަށް ބަދަލު އަންނާނެ އެވެ. އަދި އެކަރާ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުސަތު ވެސް ބާޒާރުގައި އޮތީ ހުޅުވިފަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި