ސިންގަޕޯ (ޖުލައި 29)- ޓޫރިސްޓުންގެ މަންޒިލްތަކުގައި ހަލާލު ސްޕާ އާއި ނަމާދުކުރާ ކޮޓަރިއާ އެކު ހުންނަ ޓާމިނަލްތައް އެއާޕޯޓްތަކުގައި މިހާރު އަންނަނީ ތައާރަފުވަމުންނެވެ. މީގެ ސަބަބަކީ ދުނިޔޭގައި ވަރަށް ބާރަށް މުސްލިމް ޓޫރިސްޓުން އިތުރުވުމެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މުސްލިމް ޓޫރިސްޓުން އިތުރުވަމުން އަންނާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
މެދުއިރުމަތީގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތަކުގެ މުސްލިމުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ އަށާއި ހަނީމޫން ހޭދަކުރުމަށް ދަތުރުކުރަމުންނެވެ. އެއާއެކު ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ވަނީ ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މުސްލިމް ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ނިސްބަތް ދަނީ ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވަމުންނެވެ.
ޓޫރިޒަމް މާކެޓް ދިރާސާ ކުރާ ދެ ކުންފުންޏަކުން ދާދިފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މުސްލިމު ޓޫރިސްޓުން ހޭދަކުރާ މިންވަރު 2020 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 192 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި މިއަހަރު އެކަނި ވެސް މުސްލިމް ޓޫރިސްޓުން 126 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.
މުސްލިމުންގެ ދަތުރުފަތުރުގެ ކަންތައް ހުންނަ ގޮތް ބެލުމަށް ދުނިޔޭގެ 47 ގައުމެއްގައި އެ ދިރާސާކޮށްފައި ވަނީ ސިންގަޕޯގައި ހުންނަ ހަލާލް ޓްރެވަލްގެ ހާއްސަ ކުންފުންޏެއް ކަމަށްވާ ކްރެސެންޓްރޭޓިން އާއި އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޑައިނާ ސްޓޭންޑަޑް ކިޔާ ކުންފުންޏެއް ގުޅިގެންނެވެ.
ކްރެސެންޓްރޭޓިންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ފަޒާލް ބަހާރުއްދީން ވިދާޅުވީ މުސްލިމުން ގިނަ ގައުމުތައް ކަމަށްވާ މިސްރާއި މެލޭޝިއާ އަދި އިންޑޮނޭޝިއާ އަކީ އިސްލާމިކް ޓޫރިޒަމްގައި އެންމެ މަގުބޫލު ގައުމުތައް ކަމަށެވެ. އަދި އެއާއެކު މުސްލިމު ނޫން ގައުމުތަކުން ވެސް މުސްލިމު ޓޫރިސްޓުންނާ މެދު ފުންކޮށް ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި މި ރަމަޟާން މަހު ވެސް މުސްލިމު ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ގައުމަކީ މުސްލިމް މެޖޯރިޓީ އޮންނަ މެލޭޝިއާ އެވެ.
ޕެޓްރޯލިއަމް އިންޖިއަނިއަރިންގެ ދާއިރާއިން ކިޔަވަމުންދާ ސައުދީ އަރަބިއްޔާގެ ދަމްމާމަށް އުފަން މުހައްމަދު އަލީ އަލާލީ، ،23 މެލޭޝިއާ އަށް ހަނީމޫނަށް ގޮސް އުޅުނީ މެޑިސިން ދާއިރާއިން ކިޔަވާ އޭނާގެ 20 އަހަރުގެ އަންހެނުންނާއެކު އެވެ.
"މިތަނަކީ ސައުދީ އަރަބިއްޔާއާ އެހާ ދުރުތަނެއް ވެސް ނޫން. އަދި ޔޫރަޕަށް ދަތުރުކުރުމަށް ވުރެ މިތަނަށް އައުން މާ އަގުހެޔޮ. އަދި މިއީ މުސްލިމް ގައުމަކަށްވުމުން ވަރަށް ގިނަ ގޮތްގޮތުން ފަސޭހަ. މިސްކިތްތަކާއި އަރަބި ކެއުން ވެސް ހޯދުން ވެސް އެހާ ފަސޭހަ،" ކުއަލަލަމްޕޫރުގެ އަރަބި ރެސްޓޯރަންޓެއްގައި ރޯދަވީއްލަން ހުރެ އޭނާ ބުންޏެވެ.
މުސްލިމް ޓޫރިސްޓުންނާ ބެހޭ ދިރާސާއިން ދައްކާ ގޮތުގައި އެ މީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ހަލާލު ކާބޯތަކެތި ލިބޭނެ ގޮތެއް ހޯދުމަށެވެ.
ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަންތަން ކަމަށްވާ ތައިލެންޑާއި އޮސްޓްރޭލިއާގެ ގޮލްޑް ކޯސްޓުން މިހާރު ވަނީ މުސްލިމް ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރަން ފަށައިފަ އެވެ. އެގޮތުން ނަމާދުކުރާ ތަންތަން އެއާޕޯޓްތަކާއި ހޮޓާތަކުގައި ވެސް ދަނީ ހަދަމުންނެވެ. އަދި ހަލާލް ސްޕާ އާއި ހަލާލް ރެސްޓޯރަންޓް ހުރުމަކީ ވެސް މުސްލިމް ދަތުރުވެރިން ބޭނުންވާ އެންމެ މުހިންމު ކަންތައްތައް ކަމަށް ދިރާސާއިން ދައްކަ އެވެ.
"މި އަހަރުގެ ރަމަޟާންމަހު ފިނިކޮށްލަން ގޮލްޑްކޮސްޓް ތަޖުރިބާކުރުން ކިހިނެތްވާނެ؟" އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގެ ޓޫރިޒަމް ވެބްސައިޓްގައި ބުނެފައިވެ އެވެ.
ދަ އިކޮނޮމިސްޓްގެ ތަޖުރިބާކާރަކު ވިދާޅުވީ ދުނިޔޭގެ 1.8 ބިލިއަން މުސްލިމުންނަށް އަމާޒުކޮށްގެން އެކިއެކި ވިޔަފާރި ތައާރަފްކުރަން ޖެހިފައިވާ ކަމަށެވެ.
"ކާނާއިން ފެށިގެން އިސްލާމިކް ފައިނޭންސް އަދި ބޭހާއި ފެޝަން، ޓޫރިޒަމް ފަދަ ކަންތައް ދަނީ ފުޅާވަމުން. އަދި ދުނިޔޭގެ މުސްލިމުންގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ 24 އަހަރު ނުވަތަ އެއަށްވުރެ ދަށް ޒުވާނުން. އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކިޔަވައިގެން ތިބޭ މީހުން،" އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓުންގެ މެދުގައި މަގުބޫލް މަންޒިލެއް ކަމަށްވާ ތައިލެންޑުން ދަނީ މުސްލިމު ޓޫރިޒަމް ފުޅާކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ތައިލެންޑުން ވަނީ ދުބާއީގައި އެ މީހުންގެ ޓޫރިޒަމް އޮފީހެއް ހުޅުވައިފަ އެވެ. އަދި އެތަނުން ދަނީ ތައިލެންޑްގެ ހަލާލް ސްޕާ ވަރަށް ބޮޑަށް ޕްރޮމޯޓްކުރަމުންނެވެ.
ކްރެސެންޓްރޭޓިން އިން ހެދި ދިރާސާއިން ދައްކާގޮތުގައި މުސްލިމް ނޫން ގައުމުތަކުގެ އެއާޕޯޓްތަކުގެ ތެރެއިން މުސްލިމުންނާ އެންމެ ރައްޓެހި ގޮތަށް ތަރައްގީކޮށްފައި ވަނީ ބެންކޮކްގެ ސުވަނަބުމީ އެއާޕޯޓެވެ. މީގެ އިތުރުން ޗުއްޓީ އަށް އެންމެ ބޮޑަށް ހޭދަކުރަނީ ގަލްފުގެ ގައުމުތައް ކަމަށްވާ ބަހުރެއިނާއި ކުވައިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ މީހުން ކަމަށް އެ ދިރާސާއިން ދައްކަ އެވެ.
ދުނިޔޭގައި މުސްލިމު ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާތީ ޓޫރިޒަމް މަންޒިލްތަކުން ދަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި އެ މީހުންކުރާ ހަރަދު ވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ދިރާސާއިން ދައްކަ އެވެ.-- އޭއެފްޕީ

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
4 comments