އެމްޓީސީސީ

އެމްޓީސީސީން ބިންތައް ތަރައްގީ ކުރުމަށް ބޮޑު ދެ މަޝްރޫއު

އަހުމަދު ރިޝާން
02 އޯގަސްޓް 2012 11:05 6 ކޮމެންޓު
  • އެމްޓީސީސީން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ވިލިމާލޭ ފެރީޓާމިނަލް ހުންނާނެ ގޮތުގެ ކުރެހުމެއް.

  • އެމްޓީސީސީން ތަރައްގީ ކުރަން ކަނޑައަޅާފައިވާ އެ ކުންފުނީގެ ކުރީގެ މައި އޮފީސް ހުންނާނެ ގޮތުގެ ކުރެހުމެއް.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ވަނީ އެ ކުންފުނީގެ ބައެއް ބިންތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް އެކުލަވާލައިފަ އެވެ. އޭގެތެރެއިން ދެ ބިމެއް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތުދީ ބިޑް ކުރުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެމްޓީސީސީން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ދެ ބިމަކީ އެމްއެމްއޭ ކައިރީ ހުންނަ އެ ކުންފުނީގެ ކުރީގެ މައި އޮފީހާއި މާލޭގައި ހުންނަ ވިލިމާލޭ ފެރީޓާމިނަލް ހުރި ބިމެވެ. މީގެ ތެރެއިން އެމްޓީސީސީގެ މައި އިމާރާތަކީ މިހާރު ބާވެ ހަލާކުވެގެން ބޭނުންނުކުރާތާ އެތައް އަހަރެއް ވެފައި އިމާރާތެކެވެ.

އެމްޓީސީސީގެ އޮފީސް އިމާރާތް ކުރިން ހިންގި ބިމަކީ ރާއްޖޭގައި އެންމެ ފުރަތަމަ ލިފްޓް ބެހެއްޓި އިމާރާތެވެ. އަދި އެ އިމާރާތް ހުރި ސަރަހައްދަކީ ބާޒާރުމަތީގެ އެންމެ ކާރޫބާރޫ ބޮޑު، ބިމުގެ އަގު ވެސް ބޮޑު ސަރަހެއްދެކެވެ.

އެމްއެމްއޭ ކައިރީގައި އެމްޓީސީސީން އެޅުމަށް ނިންމާފައި ވަނީ "ކޯޕަރޭޓް ޓަވާ" އެކެވެ. އެތަން ތަރައްގީ ކުރަނީ 10 ބުރިއަށެވެ. މި އިމާރާތުގެ ކުރެހުން އެމްޓީސީސީން ވަނީ އާންމު ވެސް ކޮށްފަ އެވެ.

އެމްޓީސީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓްގެ ހެޑް، ހައްވާ ހުޒެއިމާ ވިދާޅުވީ އެ ބިލްޑިންގު ހަދަން ނިންމާފައި ވަނީ އެ ކުރެހުމާ އެއްގޮތަށް ބަޔަކު އިންވެސްޓްކުރާ ގޮތަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ބައެއް ފަރާތްތަކަށް މި ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ދީފައި. އެކަމަކު އަދިވެސް މައުލޫމާތު ސާފުކޮށް ބިޑުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް،" ހުޒެއިމާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 60 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާ މި އިމާރާތުގެ ވަކިވަކި ފްލޯތައް ހަދަން ވެސް އިންވެސްޓް ކުރެވިދާނެ އެވެ. ނަމަވެސް ގިނަ ބުރިތައް ހެދުމަށް އެއްބަސްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އިސްކަންދެނޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. ޖުމްލަ 4،143 އަކަފޫޓްގެ ބޮޑުމިނުގެ މި އިމާރާތުގެ 10 ބުރި އެއްކޮށް ނިންމައިދޭ ފަރާތްތަކަށް ކޯޕަރޭޓް މަސައްކަތް ކުރެވޭ ގޮތަށް ހަ ބުރި 20 އަހަރަށް ދިނުމަށް އެމްޓީސީސީން ވަނީ ނިންމައިފަ އެވެ.

ދެ ވަނަ އަށް އެމްޓީސީސީން ތަރައްގީ ކުރުމަށް ހުޅުވާލާފައި ވަނީ މާލޭގައި ހުންނަ ވިލިމާލޭ ފެރީޓާމިނަލް ހުންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އަޅަން ނިންމާފައި ވަނީ ހިތްގައިމު ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރެކެވެ.

"ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރަކީ މުޅި ދުވަހު އާއިލާ ގޮސް އެކި ކަންތައްތައް ކޮށްލައި ކުޅިވަރު ކުޅެ މަޖާކޮށްލެވޭނެ ގޮތަށް ތަރައްގީކުރާ ތަނެއް. އެތަނުގައި ސިނަމާތަކާއި ތަފާތު ގޭމްތައް ވެސް ކުޅެވެން ހުންނާނެ،" ހުޒެއިމާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރުގެ އިމާރާތުގެ ކުރެހުމަކީ ހިތް ގައިމު ކުރެހުމެކެވެ. ގާތްގަނޑަކަށް 213 މިލިޔަން ރުފިޔާގެ އަގުހުރި މި އިމާރާތް ހަދަން އެމްޓީސީސީން ނިންމާފައި ވަނީ ފެރީ ޓާމިނަލް ހުރި ބިމުގެ އިތުރުން ޓާމިނަލް ކުރިމަތީގައި އޮންނަ ޕާކިން ޒޯނު ވެސް ހިމަނައިގެންނެވެ. މި ދެ އިމާރާތް ވެސް އެޅުމަށް ނިންމާފައި ވަނީ ފަސް ބުރި އަށެވެ. އަދި ޕާކިން ސަރަހައްދުގައި ހަދާ އިމާރާތް އޮންނަނީ ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރާ ތިން ވަނަ ބުރިން ބުރިޖަކުން ގުޅާލައިފަ އެވެ.

އެމްޓީސީސީގެ ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރުގެ އެންމެ ތިރީ ބުރި ހާއްސަކޮށްފައި ވަނީ ފްރެޝްފުޑް މާކެޓަކަށާއި ފެރީ ޓާމިނަލްގެ މަސައްކަތަށެވެ. އެއްވަނަ ބުރި ހާއްސަކޮށްފައި ވަނީ ޝޮޕިން ކޮންމްޕްލެކްސް އަކަށެވެ. އަދި ދެ ވަނަ ބުރީގައި ހުންނާނީ ސުޕަމާކެޓްތަކެކެވެ. ތިން ވަނަ ބުރި ހާއްސަކޮށްފައި ވަނީ ފުޑް ކޯޓްތަކަށެވެ. ހަތަރު ވަނަ ބުރީގައި ހުންނަނީ ހަތަރު ސިނާމެއެކެވެ. ފަސް ވަނަ ބުރީގައި ހުންނަނީ ބޯލިންގް ކުޅޭ ތަނެކެވެ. މިތަނުގައި ތަފާތު އެހެން ގޭމުތައް ވެސް ކުޅޭ ގޮތަށް ހެދުމުގެ އިހުތިޔާރު އިންވެސްޓްކުރާ ފަރާތަށް ވަނީ ހުޅުވާލައިފަ އެވެ.

އެމްޓީސީން ބުނީ ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރުގެ ތިރީ ބުރި ފިޔަވައި އެހެން ހުރިހާ ބައެއް ވެސް އިންވެސްޓަރު ބޭނުންނަމަ އަމިއްލަ އަށް ހިންގާ ގޮތަށް ވެސް ހެދިދާނެ ކަމަށެވެ. ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރު ތަރައްގީ ކުރާ ފަރާތަކަށް ޕާކިން އިމާރާތުގެ ދެ ބުރި ވެސް އޮފީސް ނޫނީ ކޯމާޝަލް މަސައްކަތް ކުރުމަށް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި ޕްރޮޖެކްޓަށް އިންވެސްޓްކުރާ ފަރާތަކަށް 25 އަހަރަށް މި އިމާރަތް ދިނުމަށް އެމްޓީސީސީން ވަނީ ނިންމައިފަ އެވެ.

އެމްޓީސީސީން ބުނީ މިހާރު ވެސް މި ދެ އިމާރާތަށް 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ހަ ފަރާތަކީ ބޭރުގެ ފަރާތްތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި ދެ އިމާރާތަށް ވެސް ބިޑްކުރުމުގެ ފުރުސަތު މި މަހު ނުވައެއްގައި ހުޅުވާލާ ގޮތަށް އެމްޓީސީން ވަނީ ނިންމައިފަ އެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތަކުން ދެ އަހަރުގެ ތެރޭގައި ދެ އިމާރާތް ވެސް ހަދައި ނިންމަންޖެހޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait