ތަކެތީގެ އަގު

ހަވީރުގެ "އަގުހެޔޮ ފިހާރަ"

02 އޯގަސްޓް 2012 12:42 28 ކޮމެންޓު
  • ހަވީރުގެ ނޫސްވެރިން ސުޕަމާޓެއްގައި މުދަލުގެ އަގު ބަލަނީ -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

އަގުހެޔޮ ފިހާރައެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ބައެއް ފިހާރަތަކުގައި ބައެއް އެއްޗެހި އަބަދުވެސް ވަރަށް އަގުބޮޑެވެ. ބައެއް މުދާ ވަރަށް އަގު ހެވެވެ. އެހެންވެ މާލޭގައި މުދަލުގެ އަގު ހެވީ މިވެނި ފިހާރައެއްކަން ކަނޑައަޅަން ކަސްޓަމަރުންނަށް އޮންނަނީ އުނދަގޫ ކަމަކަށް ވެފަ އެވެ.

ހުރިހާ މުދާ އަގުހެޔޮ ފިހާރައެއް ހޯދަން "ހަވީރު"ގެ ނޫސްވެރިންނަށް ވެސް ފަސޭހަ ކަމަކަށް ނުވި އެވެ. އެހެން ނަމަވެސް އާންމުކޮށް ބޭނުންކުރާ 50 އައިޓަމެއްގެ ލިސްޓެއް ހެދުމަށް ފަހު "ހަވީރު"ގެ ނޫސްވެރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ހޮނިހިރު ދުވަހުގެ ރޭ މާލޭގެ އެންމެ ބޮޑެތި ސުޕަމާޓްތަކަށް ގޮސް، އެތަންތަނުގެ އަގުތަކުގައި ހުރި ފަރަގު ދެނެގަންނަން ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ. ބޭނުމަކީ، އާންމު ކާބޯތަކެތީގެ އަގުތައް މައްޗަށް ދާ ދުވަސްވަރެއްގައި، އަދި ވިޔަފާރިވެރިން ގަސްތުގައި މުދަލުގެ އަގު ބޮޑުކުރަނީ ކަމަށް ތުހުމަތު ކުރެވޭތީ އެއީ ހަގީގަތެއްތޯ އާއި މުދަލުގެ އަގަށް އެކި ވިޔަފާރިވެރިން ލަނީ ކިހާ ބޮޑު ފައިދާއެއްތޯ ބެލުމެވެ. ނޫސްވެރިންނަށް ޖުމްލަކޮށް ފެނުނު ނަތީޖާއަކީ މާލޭގެ ބޮޑެތި ސުޕަމާޓްތަކުގައި ބައެއް މުދަލުގެ އަގުގައި ބޮޑެތި ތަފާތުތަކެއް ހުރި ކަމެވެ. އެހެން ނަމަވެސް، އާންމު ބައެއް މުދަލުގައި މާ ބޮޑު ފަރަގެއް ނެތެވެ. ބައެއް މުދަލުގެ އަގު ބޮޑުވެފައި، ބައެއް މުދަލުގެ އަގު އާދަޔާ ހިލާފަށް ހެޔޮވެފައި ހުރި ތަން ވެސް ފެނުނެވެ.

ހަވީރުން ލިސްޓް ކުރީ ހަ ސުޕަމާޓެކެވެ. އެއީ، ޝޭޑީކެބިން ކައިރީގައި ހުރި ރެޑްވޭވާއި މަޖީދީމަގުގައި ހުރި ސޯސަން ސްޓޯރާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި މަޖީދީމަގުގައި ހުރި އަގޯރާ އާއި މަޖީދީމަގުގައި ހުރި ވީބީ މާޓާއި ސޯސަން މަގުގައި ހުރި ޝޮޕް އެން ސޭވް އެވެ.

ފަންސާސް އައިޓަމެއް ލިސްޓްކޮށްގެން ދިޔަ ނަމަވެސް އެކި ފިހާރަތަކުގައި ބްރޭންޑް ތަފާތުވުމުގެ ސަބަބުން އަގުގައި މާ ބޮޑެތި ފަރަގުތައް ހުރި ދެ އައިޓަމެއް ފަހުން ދޫކޮށްލީ އެވެ. ހުރިހާ އައިޓަމެއް ) 48 ބާވަތް( ހުރީ ރެޑް ވޭވްގައި އެކަންޏެވެ. އަގޯރާގައި 47 އައިޓަމް ލިބެން ހުއްޓެވެ. ސާމްޕަލްގައި ހިމެނުނު ބާވަތްތަކުގެ ތެރެއިން އެންމެ މަދު އެއްޗެހި ހުރީ އެސްޓީއޯގަ އެވެ. އެއީ 33 އައިޓަމެވެ. ވީބީ މާޓްގައި 44 ބާވަތް، ސޯސަން ސްޓޯރުގައި 43 އަދި ޝޮޕް އެން ސޭވްގައި 41 އައިޓަމް ހުއްޓެވެ.

އެންމެ އަގު ހެޔޮ ފިހާރަ ހޯދުމަށްޓަކައި އެންމެ ފުރަތަމަ ބެލީ ކޮންމެ މުދަލެއް ވަކިން، އެންމެ އަގުހެޔޮކޮށް ވިއްކާ ފިހާރައެކެވެ. އެކަން ކުރީ ކޮންމެ ބާވަތެއްގެ އަގަށް ވަކިން ބަލައިގެން، ހަ ފިހާރަ އަށް އެކަކުން ފެށިގެން ހަޔަކާ ހަމައަށް ޕޮއިންޓް ދީގެންނެވެ. އެ އައިޓަމެއް އެންމެ އަގުހެޔޮކޮށް ވިއްކާ ފިހާރައަކަށް ހަ ޕޮއިންޓް އަދި އެންމެ އަގު ބޮޑުކޮށް ވިއްކާ ފިހާރަ އަށް އެއް ޕޮއިންޓެވެ. އެއް އަގެއްގައި އެ އައިޓަމެއް ދެ ފިހާރައެއްގައި ހުރި ނަމަ އެއްވަރަކަށް ދެ ފިހާރަ އަށް ވެސް ޕޮއިންޓް ދިނީމެވެ. ދެން ބެލީ ހަ ޕޮއިންޓް ލިބުނު މުދަލުގެ ޖުމްލަ އަދަދަށެވެ. އެއީ ސާމްޕަލްގައި ހިމެނި އައިޓަމްތަކުގެ ތެރެއިން އެންމެ އަގު ހެޔޮކޮށް ވިއްކާ އެއްޗެހި އެންމެ ގިނަ ފިހާރަ ބެލުމަށެވެ. އެގޮތަށް ބެލުމުން އެއް ވަނާގައި އުޅެނީ ރެޑް ވޭވް އެވެ. ރެޑް ވޭވް އިން 18 މުދަލެއް އެންމެ އަގު ހެޔޮކޮށް ލިބެން ހުރި އިރު ސޯސަން ސްޓޯރުގައި 11 އައިޓަމް، ޝޮޕް އެން ސޭވްގައި ނުވަ އައިޓަމް އަދި އެސްޓީއޯގައި އަށް އައިޓަމް އެންމެ އަގު ހެޔޮކޮށް ހުއްޓެވެ. އަގޯރާގައި އެންމެ އަގު ހެޔޮކޮށް ލިބެން ހުރީ ހަ ބާވަތެކެވެ. އަދި ވީބީގައި ފަސް އައިޓަމެވެ.

އެކި ފިހާރަތަކުން ލިބެން ހުރި ބާވަތްތަކުގެ އަދަދު ތަފާތުވުމުން، ނަތީޖާ އެންމެ އިންސާފުވެރި ނުވެދާނެތީ އެކަން ހައްލުކުރުމަށްޓަކައި ދެން ބެލީ އެހެން ފިހާރަތަކާ ބަލާއިރު، އެންމެ އަގު ހެޔޮކޮށް އެފިހާރައިގައި ވިއްކަން ހުރި ބާވަތުގެ އިންސައްތަ އެވެ. އެންމެ މަތިން ހޯދީ ރެޑް ވޭވް އެވެ. އެއީ 38 ޕަސެންޓެވެ. ދެވަނަ އަށް ހޮވުނީ 24 ޕަސެންޓާ އެކު އެސްޓީއޯ އެވެ. ސައްބީސް ޕޮއިންޓް ލިބިގެން ތިން ވަނަ ސޯސަން ސްޓޯރެވެ. އެއަށް ފަހު ޝޮޕް އެން ސޭވް ) 22 ޕަސެންޓް( އަދި އަގޯރާ ( 13 ޕަސެންޓް) އެވެ. މި މިންގަނޑުން ބަލާ އިރު އެންމެ އަގު ބޮޑު ފިހާރައަކީ ވީބީ އެވެ. އެ ފިހާރަ އަށް ލިބުނީ 11 ޕަސެންޓެވެ.

ހަ ފިހާރަ އަށް ޕޮއިންޓް ލިބުނު ގޮތް ދައްކައިދޭ ގްރާފްއެއް: އެންމެ މަތިން ޕޮއިންޓް ލިބިފައިވަނީ އެންމެ އަގު ހެޔޮ ފިހާރަ އަށް.

ޕޮއިންޓް ދިން އުސޫލުން އެ ފިހާރައެއްގައި އެވްރެޖްކޮށް ތަކެތީގެ އަގު ހުރި މިންވަރަށް ބަލާއިރު، އެންމެ އަގުހެޔޮކޮށް ހުރިހާ ބާވަތެއް ވެސް ލިބެން ހުރީ ރެޑްވޭވްގަ އެވެ. އެފިހާރަ އަށް ލިބުނީ އެވްރެޖްކޮށް 4.73 ޕޮއިންޓެވެ. ދެވަނަ އަށް އެންމެ އަގުހެޔޮކޮށް މުދާ ލިބެން ހުރީ އެސްޓީއޯގަ އެވެ. އެއީ 4.42 ޕޮއިންޓް ލިބިގެންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ލިބުނީ ޝޮޕް އެން ސޭވްއަށެވެ. އެއީ 4.37 ޕޮއިންޓެވެ. ހަތަރު ވަނަ އަށް 4.14 ޕޮއިންޓް ލިބިފައިވަނީ ސޯސަން ސްޓޯރަށެވެ. އަގޯރާ އަށް ފަސް ވަނަ ލިބުނީ 3.98 ޕޮއިންޓް ލިބިގެންނެވެ. އަދި އެވްރެޖްކޮށް ބަލާ އިރު ވެސް އެންމެ އަގު ބޮޑީ ވީބީ މާޓެވެ. އެ ފިހާރަ އަށް ލިބުނީ 3.84 ޕޮއިންޓެވެ.

ރެޑްވޭވް އާއި އެސްޓީއޯ އަށް ލިބުނު ޕޮއިންޓްތަކުގައި ހުރީ ވަރަށް ކުޑަ ފަރަގެއްކަން ފާހަގަކުރެވެ އެވެ.

ވަކިވަކިން، ކުރު ތަފުސީލަކަށް ދާއިރު ވަރަށް އާންމު ބާވަތެއް ކަމަށްވާ އާފަލުގެ އަގުތައް ހުރިހާ ތަނެއްގައި ވެސް ހުރީ އެއް އަގެއްގަ އެވެ. އެއީ އާފަލެއް ފަސް ރުފިޔާ އަށެވެ. އެހެން ނަމަވެސް މި ބާވަތް ސޯސަން ސްޓޯރުގައި ހެވެވެ. އޮރެންޖްގެ އަގުގައި ބޮޑެތި ތަފާތުތަކެއް ހުއްޓެވެ. ބައެއް ތަންތަނުގައި 3ރ. އަށް އޮރެންޖެއް ވިއްކާއިރު ބައެއް ތަންތަނުގައި ފަސް ރުފިޔާ އަށް ވިއްކަ އެވެ. ކަރާގެ އަގު އެސްޓީއޯ އާއި ޝޮޕް އެން ސޭވްގައި އާދަޔާ ހިލާފަށް ހެޔޮ އިރު އެހެން ތަންތަނުން ކިލޯއެއް 20ރ. އަށް ވިއްކަމުން ދެ އެވެ. އަލަނާސީގެ އަގުތަކުގައި ވެސް ބޮޑެތި ތަފާތުތަކެއް އެބަ ހުއްޓެވެ. ކުކުޅު ބިހުގެ އަގުތަކުގައި މާ ބޮޑު ތަފާތެއް ނެތެވެ. އެހެން ނަމަވެސް، އަލުއްވާއި ފިޔާގެ އަގު އެކި ތަންތަން ވަރަށް ބޮޑަށް ތަފާތެވެ.

ފިހާރަތަކުން އެންމެ ބޮޑު ހައިރާންކަމެއް ލިބުނު އެއް ކަމަކީ، ހަގީސް ނެޕީގެ އަގެވެ. ބައެއް ތަންތަނުން ހަގީސް ނެޕީ ޕެކެޓެއް 105ރ. އަށް ވިއްކާއިރު އަނެއް ބައި ތަންތަނުން ޕެކެޓެއް 150ރ. އަށް ވެސް ވިއްކަ އެވެ. އެހެން ނަމަވެސް، ކޮންމެ ފިހާރައެއްގައި ވެސް ހުރީ އެކި ގައުމުތަކުގެ، އަދި އެކި ވަރަށް ނެޕީ ހުރި ޕެކެޓްތަކެވެ. އޭގެ ތެރެއިން އޮރިޖިނަލް އަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ. އެހެންވެ، ހަވީރުގެ ޝޮޕިން ލިސްޓުން އެ ބާވަތް ފަހުން ވާނީ އުނިކޮށްފަ އެވެ.

ކޯސްޓް ކިރުގެ އަގުތަކުގައި ވެސް ތަފާތުތަކެއް އެބަ ހުއްޓެވެ. އަގޯރާގައި 1.8 ކިލޯގެ ދަޅެއް 260ރ. އަށް ދޭއިރު ރެޑްވޭވުގައި ހަމަ އެ ސައިޒްގެ ދަޅެއް 233ރ. އަށް ދެ އެވެ. ޝޮޕް އެންޑް ސޭވުން 234ރ. އަށް ދެ އެވެ. އެހެން ސުޕަ މާޓުތަކުން އެ ކިރު ވިއްކަނީ އެ ދެމެދުގެ އަގުތަކެއްގަ އެވެ.

ރޯދަ މަހުގެ އާންމު މުދަލުގެ ތެރޭގައި ހިމެނޭ ފިޔާގެ އަގު ވެސް ރެޑް ވޭވާއި އެސްޓީއޯގައި، އެހެން މާޓްތަކަށް ވުރެ ވަރަށް ބޮޑުތަން ހެވެވެ. ދެ ދުވަހެއްގެ މަތިން އަގު ބެލިއިރު ވެސް ފިޔާ، އަލުވި އަދި ބިހުގެ އަގުތައް އެހާ ބޮޑަކަށް ބަދަލެއް ނުވެ އެވެ.

"ހަވީރު"ން ބެލި ހަ ސުޕަމާޓުން އިއްޔެ ބިހެއްގެ އަގު ދޮޅު ރުފިޔާ އާއި ދެ ރުފިޔާގައި ހުރި އިރު، އަގޯރާގައި 10 ބިސް ވިއްކާފައި ވަނީ 12ރ. އަށެވެ. ފިޔާ ކިލޯއެއް ރެޑްވޭވާއި އެސްޓީއޯ އިން ވިއްކީ އަށް ރުފިޔާ އަށެވެ. އަގޯރާގައި ކިލޯއެއް 11ރ، ޝޮޕް އެންޑް ސޭވްގައި 50/ 13ރ. އަށް ވިއްކި އިރު ސޯސަން ސްޓޯރާއި ވީބީގައި ފިޔާ ކިލޯއެއް އިއްޔެ ވިއްކީ 15ރ. އަށެވެ. އަލުވީގެ އަގު އެންމެ ހެވީ އެސްޓީއޯގަ އެވެ. އެތަނުގައި އަލުވި ކިލޯއެއް 9ރ. އަށް ވިއްކިއިރު ރެޑްވޭވުގައި ވިއްކާފައި ވަނީ 11ރ. އަށެވެ. އަދި އަގޯރާގައި 12ރ. ކިލޯއެއް ހުރި އިރު ވީބީގައި 15ރ، ސޯސަން ސްޓޯރުގައި 15ރ، ޝޮޕް އެންޑް ސޭވްގައި 52/ 12ރ. އަށް ލިބުނެވެ.

ހަވީރުގެ ނޫސްވެރިން އަގުތައް ބެލި ސުޕަމާޓްތައް ރޯދަ މަހު އަބަދުހެން އޮންނަނީ ހަލަބޮލި ވެފަ އެވެ. އެ މާޓްތަކުން ވިޔަފާރި ކުރަނީ އެއް ތަނަކުން ހުރިހާ އެއްޗެހި ލިބޭނެ ކަމަށް ބަލައި، ހެޔޮ އަގެއްގައި ވިޔަފާރި ކުރުމުގެ ބޭނުމުގަ އެވެ. އެކަމަކު ވިޔަފާރި ކުރާ އެކަކަށް ވެސް އެ ގަނެވެނީ އެހެން މާޓްތަކާ އަޅާބަލާއިރު ކިހާ ހެޔޮކޮށް ކަމެއް ގިނަ ފަހަރަކު ނޭނގެ އެވެ. އަޅުގަނޑުމެން މިކުރީ އެ މަސައްކަތެވެ. މައިގަނޑު މުދާތަކުގެ އަގު ލިސްޓެއް އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް މި އަރުވަނީ އެ އަގުތައް ނެގިކަން އެއިން އެއްވެސް ފިހާރައަކަށް ނޭނގޭ ގޮތަށެވެ.

އަގުތައް ތަފާތުވުމުގައި ވަރަށް ގިނަ ސަބަބުތައް ހުރެދާނެ އެވެ. އެކަމަކު އެ ސަބަބުތަކުގެ ތެރެއަށް ނުވަދެ، ސީދާ އަގު ލިސްޓެއް ހެދީ، ވިޔަފާރިކުރާ މީހުންނަށް މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށެވެ. ވިޔަފާރިކުރަން ދާ މީހާ، މުދަލުގެ އަގު ބޮޑުވުމުގައި ހުރި ސަބަބުތަކާ ދޭތެރޭ ނުވިސްނުން އެކަށީގެންވެ އެވެ.

* "އެންމެ އަގުހެޔޮ ފިހާރަ" ހޮވުމަށް ބެލި ހަ ސުޕަމާޓްގެ އަގު ލިސްޓް

28 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait