މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީތަކުގައި އެއްގަމު އުޅަނދު އުފުލައިދިނުމުގެ އަގާއި އެމްޓީސީސީ ސަރަހައްދުގައި ވެހިކަލް ޕާކް ކުރުމުގެ އަގު މި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
އެމްޓީސީސީގެ އަގުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް ބަލާއިރު، ހުޅުމާލެއަށް ސްޕީޑް ލޯންޗުގައި ދެމުން ގެންދާ އެކްސްޕްރެސްގެ ހިދުމަތުން މިހާރު ނަގަމުން ގެންދާ 20ރ. ގެ ބަދަލުގައި 25ރ. ނަގަން ވަނީ ނިންމާފަ އެވެ. އަދި މިހާރު ހުޅުމާލެއަށް ހަތް ރުފިޔާއަށް ގެންދާ ސައިކަލަކަށް 10ރ. ނަގަން ވަނީ ނިންމާފަ އެވެ. އަދި 10ރ. އަށް ގެންދާ ސައިކަލްތަކުގެ އަގު 20ރ. އަށް ބޮޑު ކުރަން ވަނީ ނިންމާފަ އެވެ.
އެ ކުންފުނިން ވެހިކަލް ޕާކް ކުރުމުގެ އަގުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގައި ސައިކަލް ޕާކް ކުރަން ކުރިން ނަގަމުން ގެންދިޔަ 180ރ. 200ރ. އަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. އަދި ކާރު ޕާކް ކުރަން ނަގާ ފީ 1،000ރ. އިން 1،200ރ. އަށް ބޮޑުކުރަން ނިންމާފައ ިވާއިރު، ވިލިމާލޭ ފެރީ ޓާމިނަލްގައި ސައިކަލް ޕާކް ކުރަން މިހާރު ނަގާ 180ރ. ގެ ބަދަލުގައި 200ރ. ނަގަން ވަނީ ނިންމާފަ އެވެ. އަދި ކާރު ޕާކް ކުރަން މިހާރު ނަގާ 500ރ. ގެ ބަދަލުގައި 1200ރ. ނަގަން ވަނީ ނިންމާފަ އެވެ. އަދި މުދާ އުފުލާ އަގުތަކުން މިހާރު ޖީއެސްޓީ ނުނެގި ނަމަވެސް އަންގާރަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އަގުތަކަށް ބަދަލު ގެންނަން ނިންމީ، ޖީއެސްޓީ ތައާރަފު ކުރުމާއެކު ކުންފުންޏަށް ލިބެމުންދާ ގެއްލުމުން ކުޑަކުރަން ކަމަށެވެ.
"ޖީއެސްޓީ ތައާރަފު ކުރުމުން އަޅުގަނޑުމެން ނިންމީ ފެރީގެ އަގުތަކަށް ބަދަލު ނުގެންނަން. ނަމަވެސް އެހެން ދިމަ ދިމާލުން އަގުތައް ބަދަލުކޮށްގެން އެތަން ފޫބައްދަން. އެހެންވެ މި އަގުތަކަށް ބަދަލު މިގެންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެސްޓީ ތައާރަފު ކުރުމާއެކު މަހެއްގެ މައްޗަށް 400،000ރ. އެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަމުން ގެންދާ ކަމަށެވެ.
އެމްޓީސީސީން ބައެއް ހިދުމަތްތަކުގެ އަގުތައް ބޮޑުކުރަން ނިންމާފައި ވާއިރު، މިދިޔަ އަހަރުތަކުގައި ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ ޓްރާންސްޕޯޓުގެ ވިޔަފާރިންނެވެ.

12 comments