އެމްޓީސީސީ

މާލޭ ރައްޔިތުން "ކަންނެލި ދޯނީގަ އުފުލަން" ފެރީ ޓާމިނަލެއް ނޭޅޭނެ: ސިޓީ ކައުންސިލް

މުހައްމަދު އަފްރާހު
06 އޯގަސްޓް 2012 09:38 17 ކޮމެންޓު
  • އެމްޓީސީސީން ތަރައްގީ ކުރަން ނިންމާފައިވާ ވިލިމާލޭ ފެރީ ޓާމިނަލްގެ ކުރެހުމެއް: މާލެ ސިޓީ ކައުންސިލުން މި މަޝްރޫއާ ދެކޮޅުހަދާ.

ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ނުކޮށް، މާލޭ ރައްޔިތުން "ކަންނެލި ދޯނީގަ އުފުލަން" ޖެހޭ ނަމަ އެމްޓީސީސީއަށް ފެރީ ޓާމިނަލް އަޅަން ބިން ދެވެން ނޯންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ވިލިމާލޭގެ ފެރީ ޓާމިނަލް ހުރިތަނުގައި އެންޓަޓައިންމަންޓް ޕާކެއް ތަރައްގީކުރަން އެމްޓީސީސީން ނިންމުމާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ހަމީދު (ފްލައި) ވިދާޅުވީ މާލޭގެ ފެރީގެ ހިދުމަތުގެ ފެންވަރު ވަރަށް ދަށް ކަމަށާއި، އެހެންކަމެއް ކުރުމުގެ ކުރިން މާލޭގެ ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"އެމްޓީސީސީއަށް މި ވޭތުވެދިޔަ ތިން އަހަރު ވެސް ވެފައިވަނީ ގެއްލުން. އަނެއްކާ މިހާރު އެމްޓީސީސީއަށް އެ ލިބިފައިވާ ވަރުގެ ބިންތައް ޕްރައިވެޓް އެހެން ކުންފުންޏަކަށް ލިބިއްޖެ ނަމަ މާލޭގެ ރައްޔިތުން އެއާކޯން ލޯންޗުގައި ހިލޭ އުފުލާދޭނެ. އެ ފެންވަރަށް ފެރީގެ ހިދުމަތް ތަރައްގީ ކުރާނެ،" ފްލައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީން މާލޭގެ ބިންތައް ނަގަމުން ގެންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އެ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ. އަދި ބިންތައް ތަރައްގީކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތް ކޯޓަށް ގޮސްގެން ވިޔަސް ހުއްޓުވާނެ ކަމަށް ފްލައި ވިދާޅުވި އެވެ.

"އަޅުގަނޑު ހައިރާންވޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިކަމާ އަޅާނުލައްވާތީ. އެ ކުންފުނިން މާލޭގެ އެކި ބިންތައް ނަންގަވަމުން އެ ގެންދަނީ ވަރަށް ހާމަކަން ބޮޑުކޮށް ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް،" ފްލައި ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ އެމްޓީސީސީން މާލޭގެ ބިންތައް ތަރައްގީ ކުރަން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވަން އެ ކައުންސިލުން ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait