ޕެންޝަން ފައިސާ ގަވައިދުން ދައްކާ ފަރާތްތަކާއި ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކު ވިދާޅުވީ ޕެންޝަން ފައިސާ ގަވައިދުން ދައްކާ ފަރާތްތަކާއި ނުދައްކާ ފަރާތްތައް ހާމަކުރަން ނިންމީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް މިކަން ކުރާ[ ޕެންޝަން ފައިސާ ދައްކާ] ބަޔަކީ ވެސް ކޮބައިކަން އެނގުން. އަދި ނުކުރާ މީހުންނަކީ ވެސް ކޮބައިކަން އެނގުން. މިއީ މުވައްޒަފުންނަށް ވެސް ބާރަކަށް އަދި ވަޒީފާގެ ހިތް ވަރަކަށް އެބަވޭ،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެންޝަން ފައިސާ ދައްކާ ފަރާތްތަކާއި ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާނީ އެ ކުންފުނީގެ ވެބްސައިޓުގައި ކަމަށެވެ.
ޕެންޝަން އޮފީހުން ބުނީ ޕެންޝަން ފައިސާ ގަވައިދުން ޖަމާކުރާ ފަރާތްތަކާއި ޖަމާ ނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ތައްޔާރުވަމުން ދާއިރު، ޕެންޝަން ފައިސާ ގަވައިދުން ނުދައްކާ ފަރާތައްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ކޯޓުން ބޭރުން އެފަދަ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.

7 comments