ދައުލަތުގެ ހަރަދު

ދައުލަތުގެ ޖުމްލަ ހަރަދު 8.4 ބިލިއަން ރުފިޔާ އަށް އަރައިފި

އަހުމަދު ރިޝާން
07 ސެޕްޓެމްބަރ 2012 20:22 10 ކޮމެންޓު
  • ސަރުކާރުގެ އޮފީހެއްގައި ބަޔަކަށް ހިދުމަތް ދެނީ: ދައުލަތުން އެންމެ ބޮޑު ހަރަދެއް ކުރަނީ މުވައްޒަފުންނަށް. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ދައުލަތުގެ ޖުމްލަ ހަރަދު 8.4 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 30ގެ ނިޔަލަށް ދައުލަތަށް ލިބިފައި ވަނީ 5.9 ބިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 4.1 ބިލިއަން ރުފިޔާ އެވެ.

މިދިޔަ މަސް ފެށުނު އިރު ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން އޭރު ދައުލަތުގެ ހަރަދު ހުރީ 7.6 ބިލިއަން ރުފިޔާގަ އެވެ.

ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. މިހާރުވެސް އެންމެ ބޮޑު ހަރަދެއް ހިނގަނީ މުވައްޒަފުންނަށާއި އޮފީސް ހިންގުމުގެ ރިކަރަންޓް ހަރަދަށެވެ. އެގޮތުން މުވައްޒަފުންގެ ހަރަދަށް 3.1 ބިލިއަން ރުފިޔާ ހަރަދުވެފައި ވާއިރު އޮފީސް ހިންގުމުގެ ހަރަދަށް 2.8 ބިލިއަން ރުފިޔާ ހަރަދު ވެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެން އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ ދަރަނި އަދާކުރުމާއި ލޯނު ދޫކުރުމަށެވެ. އެކަމަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ މިއަހަރުގެ ބަޖެޓް ދަރަނި މިހާރު ވަނީ 2.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިދިޔަ މަސް ފެށުނުއިރު ދައުލަތުގެ ދަރަނި ހުރީ ދެ ބިލިއަނުގަ އެވެ.

ވަކި މިނިސްޓްރީތަކަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުންނެވެ. ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ވަނީ 2.9 ބިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. ދެން އެންމެ ބޮޑަށް ހަރަދު ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީ އަށް ވަނީ 1.3 ބިލިއަން ރުފިޔާ ހަރަދުވެފަ އެވެ.

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait