މަޓާޓޯ އިން ދޭ "ޖީއެމްއާރު މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012" ގެ ލީޑިންގް އިންޓަނޭޝަނަލް އެއާލައިނަކަށް އެމިރޭޓްސް ހޮވިއްޖެ އެވެ.
މި އިވެންޓް ހިންގަން ހަވާލުވެފައިވާ ހައިރައިސް އިން ބުނީ ލީޑިން އިންޓަނޭޝަނަލް އެއާލައިނަކީ އޮންލައިންކޮށް ލިބޭ ވޯޓަށް ބަލައިގެންދޭ ހަމައެކަނި އެވޯޑް ކަމަށެވެ.
އެމިރޭޓްސް އަށް މި އެވޯޑް ލިބުނީ ސްެރީ ލަންކަން އެއާލައިން، އެޑެލްވެއިސް އެއާ، އެއާ އިންޑިއާ، ތޮމްސަން އެއާވޭސް އަދި ނިއޯސް އެސް.ޕީ.އޭ އާ ވާދަކޮށްގެންނެވެ. މި ކެޓަގަރީ އަށް 1086 ވޯޓް ލިބިފައި ވާއިރު އެމިރޭޓްސް އަށް ވޯޓުގެ 45 ޕަސެންޓް ލިބިފައިވެ އެވެ.
ވޯޓަށް އޮންލައިކޮށް ހުޅުވާލުމުން ލީޑިންގް އިންޓަނޭޝަނަލް އެއާލައިންނަށް ވޯޓުދިން ފަރާތްތަކުގެ މެދުގައި ގުރެއް ނެގުމަށް ވެސް ހައިރައިސް އިން ނިންމާފައިވެ އެވެ. މި ގުރުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދިނުމަށް ނިންމާފައި ވަނީ އިއްތިހާދު އެއާވޭސް ނުވަތަ އެ އެއާލައިންގެ ޕާޓްނާ އެއާ ޕްލަސް އިން ރާއްޖެ އަށް ދެކޮޅު ޓިކެޓެކެވެ. އަދި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ހަތް ރޭ ހޭދަކުރުމުގެ ފުރުސަތު ވެސް ގުރުން ހޮވޭ ފަރާތަށް ލިބޭނެ އެވެ.
"ޓެރެވަލްއެވޯޑްސް.އެމްވީ" ވެބްސައިޓް މެދުވެރިކޮށް ވޯޓު ދިނުމަށް ހުޅުވާލި އެއް މަސް ދުވަހުގެ މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ. މި އެވޯޑަށް ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ މަތިން ވޯޓު ލިބުނު 10 ފަރާތުގެ ނަން މިހާރު ވަނީ ވެބްސައިޓްގައި އިއުލާން ކޮށްފަ އެވެ.
ޖީއެމްއާރު މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަށް ގާތްގަނޑަކަށް 70 ފަރާތެއްގެ ނަން ނޮމިނޭޓްކޮށްފައިވެ އެވެ. ހައިރައިސް އިން ބުނީ މި ނަންތައް ނޮމިނޭޓްކުރީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ދުނިޔޭގެ މަޝްހޫރު އިންޓަނޭޝަނަލް ބްރޭންޑްތަކުގެ އެހީގައި ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ދޭ އެވޯޑް ސްޕޮންސާކޮށްފައި ވަނީ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުންނެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ މި އެވޯޑު ދިނުމަށް ނިންމާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. މިއީ ރާއްޖެއިން ޓޫރިޒަމް ދާއިރާ އަށް އަމާޒުކޮށް މިފަދަ އެވޯޑެއްދޭ ފުރަތަމަ ފަހަރެވެ. އެމިރޭޓްސްއާ މި އެވޯޑް ހަވާލު ކުރުމަށް ނިންމާފައި ވަނީ މި ހަފުލާގަ އެވެ.

1 comment