ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ހިއްސާގެ އަގު ބާޒާރުގައި 90ރ. އަށް އަރައިފި އެވެ.
ހިއްސާގެ ބާޒާރަށް ބަލާއިރު އިއްޔެ ވަނީ ދިރާގުގެ 50 ހިއްސާ 90ރ. އަށް ވިކިފަ އެވެ. އޭގެ ކުރީގެ އަގުތަކަށް ބަލާއިރު ދިރާގުގެ ހިއްސާ ވިކިފައިވާ އެންމެ ބޮޑު އަގަކީ 85ރ. އެވެ.
ހިއްސާގެ ބާޒާރުގައި ދިރާގުގެ ހިއްސާއެއް ވިއްކުމަށް އެންމެ ރަނގަޅު އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 80ރ. އެވެ. ދިރާގުގެ ހިއްސާ ވިއްކުމަށް ހުށަހަޅާފައިވާ އަދަދަށް ބަލާއިރު އިއްޔެގެ ނިޔަލަށް 260 ހިއްސާ ވިއްކުމަށް ހުށަހަޅާފައިވެ އެވެ. އަދި މިއިން ހިއްސާއެއް ވިއްކުމަށް ހުށަހަޅާފައިވަނީ 92ރ. އަށެވެ.
މިދިޔަ އަހަރު ދިރާގުގެ ހިއްސާ އާންމުކޮށް ވިއްކާލަން ހުޅުވާލި ފުރުސަތުގައި ދޫކޮށްލި 11 މިލިއަން ހިއްސާގެ ތެރެއިން 41 ޕަސެންޓް ހިއްސާ ވިކިފައިވެ އެވެ. ދިރާގުން އާންމުކޮށް ހިއްސާއެއް ވިއްކާފައިވަނީ ހިއްސާއެއް 80ރ. އަށެވެ.
ދިރާގުގައި ސަރުކާރުން އޮތް 48 ޕަސެންޓް ހިއްސާ އިން އާންމުކޮށް ވިއްކާލަން ހުށަހެޅި 15 ޕަސެންޓްގެ ތެރެއިން ވިކުނީ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބަ އެވެ. އެއީ 4.7 މިލިއަން ހިއްސާ އެވެ. އެ ހިއްސާތައް ވިއްކައިގެން ލިބިފައި ވަނީ ގާތްގަނޑަކަށް 376 މިލިޔަން ރުފިޔާ އެވެ.
ދިރާގުން ކުރިން ބުނެފައިވަނީ ކަނޑައެޅި މިންވަރަށް ހިއްސާ ނުވިކުނު ނަމަވެސް ފައިސާގެ ގޮތުން ބަލާއިރު ހިއްސާގެ ބާޒާރުގައި މިހާތަނަށް އެންމެ ކާމިޔާބުކޮށް ވިކިފައި ވަނީ އެ ކުންފުނީގެ ހިއްސާ ކަމަށެވެ.

7 comments