ދިރާގު

ރިލޯޑް މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލު ދެއްކޭނެ ގޮތް ދިރާގުން ހަދައިފި

އަހުމަދު ރިޝާން
03 ޖުލައި 2012 17:11 1 ކޮމެންޓު
  • ދިރާގުގެ އާ އޮފީސް އިމާރާތް: ދިރާގުން ވަނީ ރިލޯޑް މެދުވެރިކޮށް ޕޯސްޓް ޕެއިޑް ބިލް ދެއްކޭނެ ގޮތް ހަދާފައި. -- ހަވީރު ފައިލް ފޮޓޯ

ރިލޯޑްގެ ހިދުމަތް މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލު ދެއްކޭ ގޮތް ދިރާގުން ހަމަޖައްސައިފި އެވެ.

އަމީނީމަގުގައި ހުންނަ ދިރާގުގެ އާ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މި ހިދުމަތުގެ ސަބަބުން، ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ބިލު ދެއްކުމަށް ވަރަށް ގިނަ ގޮތްތަކެއް ވަނީ ތައާރަފު ކޮށްފައި. ކުރިން ބައެއް ފަރާތްތަކުން ބިލު މި ދައްކަނީ މީހަކު މެދުވެރިކޮށް ނޫނީ ދިރާގުގެ އޮފީސް ހުންނަ ރަށަކަށް ގޮސް. މިހާރު ދިރާގުގެ އޮފީސް ނެތް ރަށްރަށުގައި ހުރެގެން ވެސް ޕޯސްޓް ޕެއިޑް ބިލު ދެއްކޭނެ،" މިރުޝާން ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވީ ރާއްޖޭގެ އެކި ސަރައްދުގައި 60،000 ވުރެ ގިނަ ޕޯސްޓް ޕެއިޑް ކަސްޓަމަރުން އުޅޭ ކަމަށެވެ. އަދި ރިލޯޑް މެދުވެރިކޮށް ބިލު ދެއްކޭ ގޮތްވުމަކީ ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ ރިލޯޑް އެޖެންޓުން މެދުވެރިކޮށް ބިލު ދެއްކުމުން ބިލުދެއްކި ކަމުގެ އެސްއެމްއެސް އެއް ފޯނަށް އަންނާނެ ކަމަށެވެ.

"ރިލޯޑް ފިހާރަ އަށް މޯބައިލް އެކައުންޓް ނަންބަރު ދިނީމަ ބިލު ދެއްކޭނެ. ނޫނީ މޯބައިލް ނަންބަރު ދިނުމުން ވެސް ރިލޯޑް ހިދުމަތްދޭ ފަރާތްތަކުން އެކައުންޓް ނަންބަރު ހޯދައިގެން ބިލު ދެއްކޭނެ ގޮތް ހަދައިދޭނެ. އަދި ބިލު ދެއްކުނުކަން 727 އަށް އެސްއެމްއެސް ކޮށްގެން ވެސް ބެލޭނެ،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ 36 ޕާޓްނަޝިޕް ފިހާރަތަށް ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ހަތް ސަރަހައްދެއްގައި ދިރާގުގެ ރީޖަނަލް އޮފީސް ހުންނާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. މިތަންތަން މެދުވެރިކޮށް ވެސް ދިރާގު މޯބައިލު ބިލުދެއްކޭނެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait