ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 634 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން އާންމުކުރި އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ މިދިޔަ އަހަރުގެ މާޗުން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ހިސާބުތައް ދައްކާ ގޮތުން އެކުންފުންޏަށް ދެ ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް ހިންގުމުގެ ހަރަދާއި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް އާއި އެހެނިހެން ހަރަދު ކެނޑުމުން ޖުމްލަ ސާފު ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 33،991،000 6 ރުފިޔާ އެވެ. މިއީ ކުރީ އަހަރުގެ ސާފު ފައިދާ އަށް ވުރެ 140 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
މާޗް 2010 އިން މާޗް 2011 އަށް ދިރާގުގެ ސާފު ފައިދާ އަކީ 775 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ޓެކްސް އުނި ނުކޮށް ބެލުމުން ފައިދާގެ ގޮތުގައި 774 މިލިއަން ރުފިޔާ ޖެހެ އެވެ. އަދި މިމުއްދަތުގައި ހިއްސާ އަކަށް ޖެހިފައި ވަނީ 8.35ރ. އެވެ.
މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން ދިރާގުގެ އޭޑީއެސްއެލް ކަސްޓަމަރުންގެ އަދަދު ވަނީ ތިން ޕަސެންޓް އިތުރުވަފަ އެވެ. އަދި ޓަޗް ނެޓް ކަސްޓަމަރުންގެ އަދަދު ވެސް 17 ޕަސެންޓް އިތުރުވެފައިވެ އެވެ.
މިދިޔަ އަހަރު ދިރާގުގެ ހިއްސާ އާންމުކޮށް ވިއްކަން ހުޅުވާލި ފުރުސަތުގައި ދޫކޮށްލި 11 މިލިއަން ހިއްސާގެ ތެރެއިން 41 ޕަސެންޓް ހިއްސާ ވިކިފައިވެ އެވެ.
ދިރާގުގައި އޮތް ސަރުކާރުގެ 48 ޕަސެންޓް ހިއްސާ އިން ވިއްކަން ހުށަހެޅި 15 ޕަސެންޓްގެ ތެރެއިން ވިކުނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ. އެއީ 4.7 މިލިއަން ހިއްސާ އެވެ. އެ ހިއްސާތައް ވިއްކައިގެން ސަރުކާރަށް ލިބިފައި ވަނީ ގާތްގަނޑަކަށް 376 މިލިއަން ރުފިޔާ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
18 comments