"އެސްޓީއޯ އިން މިފަހަރު ވެސް ރޯދަ އަށް މުދާ ނުގެނެސްފިއްޔާ ރައްޔިތުން ފުނޑޭނެ،" ކުރިއަށް އޮތް ރޯދަ މަހު މުދަލުގެ އަގުތަކަށް ވާނީ ކިހިނެއްތޯ އެހުމުން ވިޔަފާރިވެރިއަކު ބުންޏެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ފިޔާ، ބިސް، އަދި އަލުވީގެ އަގުތައް ބާޒާރުގައި ކޮންޓްރޯލްކޮށްފައި ހުރީ އެސްޓީއޯ އިންނެވެ. މި އަހަރުގެ ރޯދަ އަށް ވެސް ދެ ބުރެއްގެ މަތިން އެސްޓީއޯ އިން އެ ބާވަތްތައް ގެންނާނެ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް، ރޯދަ މަހު އަގުތައް މައްޗަށް ހިނގައިދާނެ ކަމުގެ ބިރު މިހާރު ވެސް އެބަ އޮތެވެ. ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގުތައް އުފުލެން ފަށައިފި އެވެ. އަނެއް ބައި ބާވަތްތައް މަދުވާން ފަށައިފި އެވެ. މާނައަކީ، ޑިމާންޑް ބޮޑުވެ، ބާޒާރުން ތަކެތި މުޅިން ހުސްވާން ކައިރިވެއްޖެ ނަމަ ތަކެތީގެ އަގު އުފުލޭނެ ކަމެވެ. މި ކުޅިގަނޑެއް ކޮންމެ ރޯދައަކާ ދިމާކޮށް އެބަ ކުޅެ އެވެ. ކުޅެނީ ކޮން ބައެއްކަން ނޭނގުނަސް އެނގޭ އެއްޗަކީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރޯދައިގެ ކުރިންނާއި ރޯދައިގެ ތެރޭގައި ވެސް މުދަލުގެ އަގު ބޮޑުވާ ކަމެވެ.
ވިޔަފާރިވެރިއަކު ބުނީ އާންމު މުދަލުގެ ތެރެއިން މިވަގުތު ކުޑަކޮށް ނަމަވެސް އަގު މައްޗަށް އުފުލިގެން އުޅެނީ ކުކުޅު ބިހާއި ތަރުކާރީގެ ބައެއް ބާވަތްތައް ކަމަށާއި އެއީ ކޮންމެހެން ރޯދަމަހާ ދިމާވެގެން ވާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މަހެއްހާ ދުވަހުގެ ތެރޭގައި ބައެއް ބާވަތްތަކުގެ އަގު މައްޗަށް ހިނގައިދާނެ ކަމުގެ ނިޝާންތައް ބާޒާރުމަތިން ފެންނަ ކަމަށް އޭނާ ބުންޏެވެ.
"ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގުތައް އުފުލިދާނެ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. އެންމެ ބޮޑު ސަބަބަކީ ޑޮލަރުގެ މައްސަލަ. މި ދޭތެރެއަކުން އަޅުގަނޑުމެން ހަމަ އަގުގައި ޑޮލަރު ގަތުމަށް ފަހު މި ދުވަސްކޮޅު އަނެއްކާވެސް ޑޮލަރު ލިބެނީ 16.75ރ. ވަރަށް. ސަބަބަކީ، ރޯދަ އަށް މުދާ ގަންނަން ގިނަ ވިޔަފާރިވެރިންތަކެއް ބައިވަރު ޑޮލަރު ގަންނަން އުޅުން. އަނެއްކޮޅުން އުމުރާ އަށް ދާ މީހުން ވެސް ޑޮލަރު ގަންނާތީ. އަނެއްކޮޅުން ބައެއް ގައުމުތަކުގައި ފްރައިޓް އަގުބޮޑުވެއްޖެ. ހާއްސަކޮށް މެދުއިރުމަތީގެ. މިހާރު 40 ފޫޓުގެ ކޮންޓެއިނަރަކުން 250 ޑޮލަރު ބޮޑުވެއްޖެ،" އޭނާ ބުންޏެވެ.
ޑޮލަރުގެ އަގު ބޮޑުވުމަކީ މުދަލުގެ އަގު ބޮޑުވާނެ ކަމެކެވެ. ބައެއް ވިޔަފާރިވެރިން ބުނަނީ ޑޮލަރުގެ ތާށިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް މިދޭތެރެއަކުން ލިބުމަށް ފަހު މިހާރު އަނެއްކާވެސް ޑޮލަރު ލިބޭލެއް އަގު ބޮޑު ކަމަށެވެ. ވިޔަފާރިވެރިއަކު ބުނި ގޮތުގައި ރޯދަ އަށް މުދާ ގަންނަން ބައެއް ވިޔަފާރިވެރިން ޑޮލަރު ނުލިބިގެން އުޅޭކަން އެނގެ އެވެ. ރޯދައާ ދިމާކޮށް އެންމެ ބޮޑު ޑިމާންޑެއް އަބަދުވެސް އޮންނަނީ ބިހާއި ފިޔާ، އަލުވި އަދި މޭވާ އާއި ތަރުކާރީގެ ބާވަތްތަކަށެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ވިޔަފާރިވެރިއަކު ބުނީ އަލަނާސި އާއި މޭވާ ދަޅުތަކުގެ އަގު މި ފަހަރު ބޮޑު ނުވާ ވަރަށް ރާއްޖެ އަށް އެތެރެކުރާނެ ކަމަށެވެ.
"ހަމަ ގައިމުވެސް އަޅުގަނޑު ޔަގީންކަން ދެން ގަނޑު އަލަނާސީގެ އަގު މައްޗަށް ނުދާ ވަރަށް އަޅުގަނޑުމެން އެތެރެކުރާނެކަން،" ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް ވިދާޅުވި އެވެ.
ރާއްޖެ އަށް މުދާ އެތެރެކުރާ ބީއެޗްއެމުން ވެސް ބުނެފައި ވަނީ ރޯދަމަހު މޭވާ ދަޅުގެ އަގު ހެޔޮކުރެވޭތޯ މަސައްކަތް ކުރާ ކަމަށާއި އެގޮތުން 18 ކޮންޓެއިނަރުގެ މޭވާ ދަޅު އެތެރެކުރާނެ ކަމަށެވެ.
ރޯދަ މަހު އާންމުކޮށް އުނދަގޫވަނީ އިންޑިއާ އިން އެއްޗެހި ގެންނާށެވެ. ބޯޓުފަހަރުގެ ދަތުރުތަކުގައި ކޮންމެވެސް މައްސަލައެއް ޖެހި، ނުވަތަ ކޮންމެވެސް އެހެން ސަބަބަކާ ހުރެ ކޮންމެ ރޯދަ މަހެއްގައި ވެސް އާންމު މުދަލުގެ ބާވަތްތަކުގެ އަގު ބޮޑުވެ އެވެ.
"އިންޑިއާގެ ބޯޓުފަހަރު ބައެއް ފަހަރު ގަސްތުގައި ވެސް ލަސްކުރޭ. ބޯޓު ފަހަރު އޮޕަރޭޓް ކުރާ މީހުން ވެސް، ބޮޑު އަގުގައި އެ ބާވަތްތައް ވިއްކަން ވެގެން ބޯޓުފަހަރު އައުން ލަސްކޮށްލާ. އެހެންވެ އެސްޓީއޯ ކަހަލަ ތަނަކުން އެކަމާ މިހާރު ވެސް ވިސްނައި އަމަލީ ފިޔަވަޅެއް އެޅުން ބުއްދިވެރި. އޭރުން ބާޒާރުގައި މުދަލުގެ އަގު ހިފެހެއްޓިދާނެ،" ވިޔަފާރިވެރިއަކު ބުންޏެވެ.
އިންޑިއާގެ ލަކުޑި ބޯޓުފަހަރަށް ބަރާސޯވުމުން މައްސަލަތައް ދިމާވާތީ ބައެއް ވިޔަފާރިވެރިން މި ރޯދަ މަހަށް އެހެން ގައުމުތަކުން ވެސް މޭވާ އެތެރެކުރާނެ ކަމަށް ބެލެވެ އެވެ. ބައެއް ވިޔަފާރިވެރިން ބުނަނީ ސައުތު އެފްރިކާ، ދުބާއީ އަދި ޕާކިސްތާން ފަދަ ގައުމުތަކުން ރޯދަ އަށް މޭވާ އެތެރެކުރާނެ ކަމަށެވެ.
އާންމުން ދެކޭ ގޮތުގައި ކޮންމެ ރޯދަމަހަކާ ދިމާކޮށް މުދަލުގެ އަގު ބޮޑުވާކަށް ނުޖެހެ އެވެ. މުދަލުގެ އަގު ބޮޑުވާ މަހެއްގެ ގޮތުގައި ރޯދަ މަސް ސިއްކަ ޖެހިގެން ނުވާނެ އެވެ. އެކަމަކު ރާއްޖެ އިން ފެންނަނީ ވިޔަފާރިވެރިންނާ މެދު އާންމުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވާ ތަނެވެ.

ފޮޓޯ އިން ހަބަރު
11 comments